ސިޓީތަކާބެހޭ ވަޒީރު ވިދާޅުވަނީ ރައީސް މުޢިއްޒު ވަނީ ލާމަރުކަޒީ ނިޒާމުގެ ޗެންޕިއަންކަން ހޯއްދަވާފައިކަމަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ޗެންޕިއަންކަން ހޯއްދަވާފައިކަމަށް ސިޓީތަކާއި، އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މާލެ ސިޓީގެ އައު މޭޔަރާއި، ކައުންސިލުގެ ހުސްވެފައިވާ 3 ގޮނޑިއަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުން ހުވާ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރާއްޖޭގެ ކައުންސިލްތަކަށް މިހާރު އެންމެ ބޮޑަށް ބޭނުންވެފައިވާ އެއްކަމަކީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުން ކަމަށެވެ. އަދި ޢާމްދަނީ ހޯދުމަށް، ކައުންސިލްތަކަށް ފަޅު ރަށްރަށް ބޭނުންކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަކީ، މާލީ ގޮތުން ބާރުވެރިކުރުވުމަށް މުހިންމުކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަން ފަހިކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު، ބޭއްވެވި އެންމެ ފުރަތަމަ ވަޒީރުންގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިހާހިސާބަށްއައިރު، ކައުންސިލްތަކަށް އާމްދަނީ ހޯދުމަށް ފަޅު ރަށްރަށް ބޭނުންކުރެވޭނެ ނިޒާމެއް ރައީސުލްޖުމްހޫރިއްޔާ ޤާއިމްކޮށްދެއްވާފައިވާ ކަމަށެވެ. އަދި މިއީ މިހާތަނަށް އައިރު އެއްވެސް ރައީސެއްގެ ވެރިކަމެއްގައި ކޮށްދެއްވާފައިނުވާކަމެއްކަން ފާހަގަކުރަމުން، ވަޒީރު ވިދާޅުވީ މި ނިޒާމު ފަހިވުމާއިއެކި، އަދުގެ ރައީސުލްޖުމްހޫރިއްޔާ މިވަނީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ޗެންޕިއަކަން ހޯއްދަވާފައި ކަމަށާއި، އަލަށް މޭޔަރުކަމަށް ހުވާކުރެއްވި ބޭފުޅަކީ، ރައީސުލްޖުމްހޫރިއްޔާ މާލޭގެ ރައްޔިތުންނަށް ގެންގުޅުއްވާ ތަޞައްވުރު ކުރިއަށްގެންދަވާނެ ބޭފުޅެއްކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރޭގެ ދަރުބާރުގައި ވާހަކަފުޅު ދައްކަވަމުން، މާލެސިޓީގެ ތަރައްޤީއަށް ހުރި މުހިންމު ކަންކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުވާލެއްވިއެވެ. އެގޮތުން މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި ރަސްމާލެއާއެކު މި ފަސް އަހަރު ނިމޭއިރު ރާއްޖޭގައި ބޯހިޔާވަހިކަން ފޯރުކޮށްނުދެވޭ އެއްވެސް މީހެއް ނުހުންނާނެ ކަމަށާއި، މި ފަސް އަހަރުގެ ތެރޭގައި މާލޭގެ މަގުތައް ހަދައި މާލޭގެ ޕާކިންގެ ދަތިކަމުގެ މައްސަލަވެސް ހައްލު ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުންވެސް ވިލިމާލޭގެ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލް އެޅުމާއި، މަސް މާރުކޭޓްގެ މަސައްކަތް ރޯދައިގެ ފަހުން ފެށުމަށް ރޭވިފައިވާކަމަށާއި، ސިނަމާލެ ސަރަހައްދުގައި މިހާރު ހުރި 5 އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް އައު އިމާރާތެއް އެޅުމުގެ މަސައްކަތާއި، ވިލިމާލޭގައި ގާއިމުކުރާ 500 ހައުސިންގ ޔުނިޓުގެ މަސައްކަތާއި، އަދި މި ނޫންވެސް މާލެ ސަރަހައްދުގެ ތަރައްޤީއަށް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާ ބައެއް މަޝްރޫޢުތަކުގެ ތަފްސީލުތަކަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

މާލެ ސިޓީގެ މޭޔަރ ކަމަށް އިންތިޚާބުވެވަޑައިގެންނެވި އާދަމް ޢާޒިމާއި، މާލެ ސިޓީ ކައުންސިލުގެ މެދުހެންވޭރު ދާއިރާ އާއި، މާލެ ސިޓީ ކައުންސިލުގެ މާފަންނު ދެކުނު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާއިން ކައުންސިލަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުންނަށް މިރޭ ބޭއްވި މި ރަސްމިއްޔާތުގައި ހުވައި ލައިދެއްވުމާއި މަގާމުގެ އިޤުރާރުގައި ސޮއިކުރެއްވުން އޮތެވެ. އެބޭފުޅުންނަށް ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒް ޢަލީ ޒާހިރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު