Wednesday, 22 May 2024

މާލެއާ ގުޅޭ ބުރިޖުތައްވެސް އަޅާނަން، އައްޑޫ ބުރިޖުވެސް އަޅާނަން: ރައީސް

މިހާރު ފެށިގެން ކުރިއަށް އެދާ ބުރިޖާއި، އުތުރު ތިލަފަޅާ ހަމަޔަށް ދާން އަޅަންޖެހޭ ދެ ބުރިޖު އަޅައި ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރު (ބައި-އިލެކްޝަން)ގެ މޭޔަރ އަދި ކައުންސިލް މެންބަރުން ހުވައިކުރެއްވުމުގެ ދަރުބާރުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެ ދެ ބުރިޖުގެ މަސައްކަތަށް ބޭނުންވާ މަޝްވަރާތައްވެސް، އަދި ކުރެހުމާއި، ތަފްޞީލުތަކުގެ މަސައްކަތްވެސް ފެށިފައިވާ ކަމަށެވެ.

"ރާއްޖޭގެ އެކި ކަންކޮޅުގައި ބިން ހިއްކުމުގެ މަޝްރޫޢުތައް ހިންގަންޖެހޭ. ބޮޑެތި ރަށްތަކުގައި ތަރައްޤީ ގެންނަންޖެހޭ. މި ސަރަޙައްދަށް ބަލައިފިއްޔާ، އިތުރު ބިން ނުހިއްކައެއް މި މައްސަލަ ޙައްލެއްނުވާނެ. އެހެންވީމާ، އަޅުގަނޑުމެން ރަސްމާލޭގެ މަޝްރޫޢު ފަށާފައި މިވަނީ. އެހެންވީމާ، ފޭރާން ހެޔޮނޫން ސިޔާސަތަކުން ޙައްލުވާން ނެތް މައްސަލަ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށް މި ފޭރާން ހެޔޮ ސިޔާސަތުން ގެދޮރުގެ މައްސަލަ މާލެއަށް ޙައްލުކޮށްދޭނަން." ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުމެން ބަލައިލިއިރުގައި، އަދި ކިރިޔާ މި ދެންނެވި ގިރާވަރުފަޅާއި، ގުޅިފަޅުގެ ޕްލޭން ހެދުމުގެ މަސައްކަތް ފުރިހަމަކުރެވިގެން އެދަނީ. ގިރާވަރުފަޅުގައި ނެތް، ފުރިހަމަ ލޭންޑް ޔޫސް ޕްލޭނެއް. އަޅުގަނޑުމެން މަސައްކަތް ފެށިއިރު ހަދާފައި އެބައޮތް. އެހެންވީމާ، އެތަނުގެ މަސައްކަތް މިހާރު އަޅުގަނޑުމެން ކުރިއަށް މިގެންދަނީ. އަދި އިތުރު ބިންވެސް އެތަނުން އިރާދަކުރެއްވިއްޔާ، ފަންސާހަކަށް ހެކްޓަރު ހިއްކާނަން. އަދި ގުޅިފަޅުގައިވެސް އިރާދަކުރެއްވިއްޔާ، އެންމެ ފުންކޮށް އޮތް ބައިވެސް ހިމެނޭގޮތަށް ބިން އިތުރުކުރާނަން. އަދި ގުޅިފަޅުގައި ޕޯޓު އެޅުމަކީ، ފަންނީ އެއްވެސް މިންގަނޑަކުން ދުރު ރާސްތާއަށް ބަލާއިރުގައި، މި ދަންނަވާ 20 އަހަރުގެ މާސްޓަރ ޕްލޭނަށް ބަލާއިރުގައި، ރަނގަޅު ކަމަކަށް ނުވާތީ، ތިލަފުށްޓަށް އެ ޕޯޓް ބަދަލުކޮށް، ގުޅިފަޅުން ލިބެން އޮތް އެންމެބޮޑު ޖާގައެއް، ގެދޮރަށް ޚާއްޞަ ކުރެވިގެންދާނެ، މިހާރަށްވުރެ ބޮޑަށް. ތިލަފުށްޓަކީ، މާލޭގައި މިއޮތް ޕޯޓްވެސް ބަދަލުކުރެވޭ އަދި އިންޓަރނޭޝަނަލް ފެންވަރަށް ރަނގަޅު ޕޯޓަކަށް އިރާދަކުރެއްވިއްޔާ ހެދިގެންދާނެ.

"ރަސްމާލެއާ ގުޅުވައިލުމަށްޓަކައި އަޅުގަނޑުމެން މިހާރު ފަންނީ ވަރަށްގިނަ މަސައްކަތްތަކެއް، އިނޮވޭޓިވް މަސައްކަތްތަކެއް ވާނީ ފަށާފައި. ވަރަށް ޤާބިލް ކުންފުނިތަކާއެކު އަޅުގަނޑުމެން މިހާރު ވާނީ މަޝްވަރާ ފަށާފައި. މުޅި ދުނިޔޭގައިވެސް ފުރަތަމަފަހަރަށް ޤާއިމުކުރެވޭ އަންޑަރ ވޯޓަރ ޓަނަލް، މާލެއިން ރަސްމާލެއަށް އިރާދަކުރެއްވިއްޔާ ގުޅުވާލުމުގެ މަސައްކަތް." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަސްމާލެ އާއި މާލެ ގުޅުވައިލުމަށް ކަނޑު އަޑިން އަޅާ ޓަނަލް ވެގެންދާނީ އެޓަނަލްގައި ރޭލުގައި ދުއްވާފައި ދާއިރު ކަނޑު އަޑީގެ ރީތި މަންޒަރުތައްވެސް ފެންނަ ޓަނަލަކަށް ކަމުގައި ވިދާޅުވިއެވެ. އަދި މިއީ ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރުންވެސް އެތައް ގުނައެއް އިތުރުވެގެންދާނެ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، ޓަނަލް އެޅުމަށްޓަކައި އެކަމުގެ ޤާބިލުކަން ހުރި ހުރިހާ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން ގެންދަވާކަމަށާއި، ފީސިބިލިޓީގެ މަސައްކަތް ފަށާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ބުރިޖްގެ މަސައްކަތް ހިނގާނެ ކަން ފާހަގަކުރައްވަމުން، އައްޑޫ ސިޓީގައި ވެސް ބުރިކު އަޅާނެ ކަމަށާއި،  ޢަމަލީގޮތުން ބުރިޖް އަޅާފައި ދައްކާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހާރު އެކަމުގެ ފީޒިބިލިޓީ މަސައްކަތް އެވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ، ކޮންޓްރެކްޓަރަކާ ހަވާލުކުރެވޭ ފެންވަރަށް ހުރިހާ ތަފްޞީލެއް ނިންމޭނެ. ކުރެހުމާއި، އިންޖިނިއަރިންގ ޑިޒައިނެއް ނިންމާފައި، އެ ބުރިޖްގެ މަސައްކަތް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ދައުރުގެ ތެރޭގައި ނިންމާނަން. އަދި ހަމައެއާއެކީގައި، ދެންވެސް އަޅުގަނޑުމެން އަޅަން ނިންމާފައިވާ ލޭންޑް ލިންކްތައް، އެކިކަހަލަ ކޯޒްވޭތަކާއި، ބުރިޖްތައް ހުންނާނެ. ލޭންޑް ޔޫސް ޕްލޭން ހެދިގެންދާއިރުގައި، އެކި ރަށްތަކާ ގުޅިގެންދާ، އަދި ވަޢުދުވެވިފައި ހުރި ބުރިޖްތައް، ލޭންޑް ލިންކްތައް ހުންނާނެ. އެހެންވީމާ، އެ މަސައްކަތްތައް ކުރުމަށްޓަކައި އެކިއެކި ފަންނީ މަސައްކަތްތައް ވަނީ ފެށިފައި." ރައީސް ވިދާޅުވިއެވެ.

މާލެ ސިޓީގެ މޭޔަރ ކަމަށް އިންތިޚާބުވެވަޑައިގެންނެވި އާދަމް ޢާޒިމާއި، މާލެ ސިޓީ ކައުންސިލުގެ މެދުހެންވޭރު ދާއިރާ އާއި، މާލެ ސިޓީ ކައުންސިލުގެ މާފަންނު ދެކުނު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާއިން ކައުންސިލަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުންނަށް މިރޭ ބޭއްވި މި ރަސްމިއްޔާތުގައި ހުވައި ލައިދެއްވުމާއި މަގާމުގެ އިޤުރާރުގައި ސޮއިކުރެއްވުން އޮތެވެ. އެބޭފުޅުންނަށް ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒް ޢަލީ ޒާހިރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *