Thursday, 20 June 2024
ކުޅިވަރާބެހޭ ވަޒީރު

ކުޅިވަރުގެ މިނިމަމް މެޑިކަލް ރިކުއަޔަރމަންޓްސް ފެސިލިޓީ ޤާއިމު ކުރުމާއި އެކަމުގެ ދުރުރާސްތާ ޕްލޭން

މިމަހުގެ 15 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިމަމް މެޑިކަލް ރިކުއަޔަރމަންޓްސް ފެސިލިޓީ އިފްތިތާޙްކޮށްދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މި ފެސިލިޓީ އިފްތިތާޙްކޮށްދެއްވީ ޤައުމީ އަދި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ޞިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރަން ފެށުމުގެ ގޮތުންނެވެ.

ޤައުމީ އަދި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ޞިއްޙީ ޚިދުމަތްތަކާބެހޭ މިންގަނޑުތައް އެކުލަވާލުމަކީ ސަރުކާރުގެ ހަފްތާ 14ގައި ހިމެނޭކަމެކެވެ.

އެހެންކަމުން، "ފިޔަ އޮންލައިން" ގެ ފަރާތުން ވަނީ ކުޅިވަރާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާ ބައްދަލުކޮށް ބައެއް މަޢުލޫމާތު އޮޅުން ފިލުވާފައެވެ.

"ފިޔަ އޮންލައިން" އަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ ޤައުމީ އަދި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ޞިއްޙީ ޚިދުމަތްތަކާބެހޭ މިންގަނޑުތައް އެކުލަވާލުމަކީ ސަރުކާރުގެ ހަފްތާ 14ގައި ހިމެނޭ މުހިއްމު ކަމެއް ކަމަށާއި، މިކަން ކުރިއަށް ގެންދަވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން، އެއްބަސްވުމެއްގައި ސޮއިކުރައްވައިގެން ކަމަށެވެ.

ވަޒީރު ވިދާޅުވީ، ކުޅުންތެރިއަކަށް އަނިޔާއެއް ވީމައި ދޭންޖެހޭ ފުރަތަމަ އެހީ ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި، ކުޅިވަރު ކުޅޭ ތަންތަނުގައި ހުންނަ މެޑިކަލް ރޫމް، ދަށްވެގެން ވަކި ޞިއްޙީ މިންގަނޑެއްގައި ޤާއިމުކޮށްފައި ހުންނަންޖެހޭނެ ކަމަށެވެ.

އަނިޔާއެއް ވެގެން އަވަސް ފަރުވާ ނުދެވިއްޖެނަމަ ވަރަށް ހިތާވެރި ޙާދިސާތަކާ ކުރިމަތިލާންޖެހިދާނެ ކަމަށާއި ބައެއް ކަންކަމަކީ ފުރާނައަށް ނުރައްކާތެރި އެކްސިޑެންޓްތަކެއް ކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، ޤައުމީ އަދި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމްކުރާ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ވަޞީލަތްތައް ޤާއިމުކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި ކުޅުންތެރިއަކަށް، އޮފިޝަލަކަށް ނުވަތަ ބެލުންތެރިއަކަށް ޞިއްޙީ ފުރަތަމަ އެހީ ދޭންޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެހީތެރިވެދޭނެ އިންތިޒާމުހަމަޖެހިފައިވާކަން ކަށަވަރުކުރުން ހިމެނެއެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އަވަސްފަރުވާ ދިނުމާއި ވީއެންމެ އަވަސް ފުރުޞަތެއްގައި ރައްކާތެރިކަމާއެކު ޞިއްޙީ ފަރުވާދޭ ހޮސްޕިޓަލަކަށް ނުވަތަ އިމަރޖެންސީ ފަރުވާދޭ ތަނަކަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެހިފައިވާކަން ކަށަވަރުކުރުން މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި ކުޅުންތެރިޔަކަށް ފިޒިކަލީ ލިބޭ އަނިޔާއަކީ މެންޓަލީވެސް ލިބޭ ވަރަށް ބޮޑު އަނިޔާއެކެވެ. އަދި އެކަމަކީ މާލީ ގޮތުންނާއި ސައިކޮލިޖިކަލް ގޮތުންވެސް ލިބޭ ގެއްލުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަވަހަށް ފަރުވާކުރެވިއްޖެނަމަ، ކުޅުންތެރިންނަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ކަމަށާއި، ނޯމަލް ދިރިއުޅުމެއް ވީހާވެސް ކުރު މުއްދަތެއްގައި އިއްޔާދަކުރެވިގެންދާނެ ކަމަށް ފާހަގަކުރައްވަމުން، މި ޚިދުމަތް ފުޅާކުރުމަށްޓަކައި، ތަފާތު ގޮތްްތައް ވިސްނާފައިވާނެ ކަމަށާއި، މިހާރު ސޯޝަލް ސެންޓަރުގައި މިޚިދުމަތް ޤާއިމުކުރެވުނު ކަމުގައި ވިޔަސް ވަރަށް އަވަހަށް މާލޭ ކުޅިވަރު އެކުވެނީގައިވެސް މި ޚިދުމަތް ޤާއިމުކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި އެއަށްފަހު ހުޅުމާލޭ މިނި ސްޕޯޓްސް ކޮމްޕްލެކްސްގައިވެސް މި ޚިދުމަތް ޤާއިމުކުރެވޭނެކަމަށާއި، މެޑިކަލް ރޫމެއް ނެތް ތަނެއްގައިވެސް ޤައުމީ ފެންވަރުގެ މުބާރާތެއް ބާއްވާނަމަަ، އެތަނެއްގައި މި ޚިދުމަތް ލިބޭނެ ގޮތަކަށް މޯބައިލް ސެޓަޕް ހަދައިގެން އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މުބާރާތްތައް ބާއްވާ ސަރަޙައްދުތަކުގައި މި ޚިދުމަތް ޤާއިމުކުރާނެ ކަމަށާއި ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ސްޕޯޓްސް ފަސްޓް އެއިޑް ކިޔަވައިގެން ހުރި އެކަމަށް އެޓެންޑްވެވޭނެ މީހަކު ތައްޔާރުކޮށް އެމީހާގެ ބޭނުން އެރަށްރަށުގައި އޮންނަ މުބާރާތްތަކުގައިވެސް ކުރެވިގެން ދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ކުޅިވަރު ތާރީޚުގައި މިފަދަ ފެސިލިޓީއެއް ޤާއިމުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ މި ސަރުކާރުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދިޔަ ބޮޑެތި މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.

ކުޅިވަރު ކުރިއެރުވުމާއި ކުޅުންތެރިންނަށް ބޭނުންވާ ޞިއްޙީ ފަރުވާ އަދި ފިޓްނަސްއާ ގުޅޭކަންކަން ފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު