15 ޖަނަވަރީ 2025

ސަރުކާރު ކޯލިޝަންގެ ޓިކެޓް 13 ބޭފުޅަކު ކަށަވަރު ކުރައްވައިފި

ސަރުކަރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި ވާދަކުރުމަށް 13 ބޭފުޅަކަށް ޓިކެޓް ކަަށަވަރު ވެއްޖެއެވެ.

ސަރުކާރު ހިންގާ ކޯލިޝަނުން އާންމުކުރެއްވި އިޢުލާނުގައި ވަނީ މަޖިލީސް ޓިކެޓަށް އެދި ހުށަހަޅައިފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މެންބަރަކު ވާދަކުރުމަށް އެދި ހުށަހަޅައިފައިވާ ދާއިރާތައް ކަމަށާއި އެ ބޭފުޅުންނަށް ކޯލިޝަންގެ ޓިކެޓް ދިނުމަށް ނިންމާފައިވާ  ކަމަށެވެ.

އަންނަ މާރިޗު މަހުގެ 17 ވަނަ ދުވަހު އޮންނަ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ވާދަކުރަން އެދޭ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް ހުޅުވައިލުމުން 11 ދާއިރާއަކަށް ހުށައެޅުން ލިބުނީ އެންމެ މެންބަރެއްގެ ފަރާތުން ކަމަށް ވުމުން މި މަހުގެ 27 ވަނަ ދުވަހު އެ ދާއިރާތަކުގައި ޕްރައިމަރީ ނޯންނާނެ ކަަމަށެވެ.

ޕްރައިމަރީ ނެތި ޓިކެޓް ކަަށަވަރު ވެފައިވާ ބޭފުޅުންނަކީ:

  •  ހޯރަފުށީ ދާއިރާ – އަލީ މޫސާ
  •  ބާރަށު ދާއިރާ – އިބްރާހީމް ޝުޖާއު
  •  ހަނިމާދޫ ދާއިރާ – އިދުރީސް އަބްދުﷲ
  •  އޭދަފުށީ ދާއިރާ، އަހްމަދު ސަލީމް
  •  މަހިބަދޫ ދާއިރާ – އަހްމަދު ތޯރިގް
  •  ނިލަންދޫ ދާއިރާ – ފާތިމަތު ސައުދާ
  •  ތިމަރަފުށި ދާއިރާ – އިބްރާހީމް ސަނާޙް
  •  ފޮނަދޫ ދާއިރާ – އަބްދުއްރަޙީމް އަބްދުﷲ
  •  ހިތަދޫ މެދު ދާއިރާ – އަހްމަދު އަޒާން މަރްޒޫގް
  •  ހުޅުދޫ ދާއިރާ – މުހައްމަދު ޝާހިދު
  •  ގަލޮޅު ދެކުނު ދާއިރާ – އިބްރާހީމް މުހައްމަދު
  •  ހެންވޭރު ހުޅަނގު ދާއިރާ – އަލީ އިބްރާހީމް
  •  ހުޅުމާލެ މެދު ދާއިރާ – އަބްދުﷲ ޝަޒީމް

އެ ކޯލިޝަންގެ މަޖިލިސް ޓިކެޓް 13 ބޭފުޅަކު ކަށަވަރު ކުރައްވާފައިވާއިރު އަންނަ ހޮނިހިރު ދުވަހު އޮންނަ ޕްރައިމަރީ ގައި ވޯޓް ލެވޭނެ މީހުންނާއި ޕްރައިމަރީ އޮންނާނެ ދާއިރާތައް ވަނީ އިއުލާނު ކޮށްފައެވެ.

ޕީއެންސީ / ޕީޕީއެމް ޕްރައިމަރީއާ ގުޅޭގޮތުން ބައެއް ސަބަބުތައް ބަޔާންކޮށް ޕްރައިމަރީން ބައެއް ކެންޑިޑޭޓުންނަށް ފުރުސަތު ނެތް ކަން އަންގާފައި ވަނިކޮށް، މައްސަލަ ހޫނުވުމުން އެ ނިންމުން ބަދަލުކޮށް ހުރިހާ އެންމެނަށް ވާދަ ކުރެވޭ ގޮތަށް ޕްރައިމަރީ ބާއްވަން ކޯލިޝަންގެ ލީޑަރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.

އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޕްރައިމަރީ އޮތީ އަންނަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު އެވެ. އެމްޑީޕީގެ ޓިކެޓް ޕްރައިމަރީ އެއް ނެތި 45 ބޭފުޅަކަށް ވަނީ ކަށަވަރު ވެފައެވެ. އޭގެ ތެރޭގައި ހިނގަމުން މިދާ 19 ވަނަ މަޖިލީހުގެ 18 މެންބަރަކު ހިމެނެއެވެ. އެމްޑީޕީގެ ޕްރައިމަރީ ބާއްވަނީ 43 ދާއިރާ އެއްގައެވެ. ފަސް ދާއިރާއަކާ މެދު އަދި ގޮތް ނުނިންމައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު