Wednesday, 19 June 2024

ރައީސް މުއިއްޒުގެ ސަރުކާރަކީ "ގާނޫނު ތަޅު އަޅުވާފައި" ފައިސާ ޗާޕުކޮށް، ހަރު މުދާ ވިއްކާނެ ސަރުކާރެއް ނޫން: ސަޢީދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ "ގާނޫނު ތަޅު އަޅުވާފައި" ފައިސާ ޗާޕުކޮށް، ހަރު މުދާ ވިއްކާނެ ސަރުކާރެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސައީދު މިހެން ވިދާޅުވެފައިވަނީ ރާއްޖެއަށް އާމްދަނީ ހޯދޭނެ ގޮތެއް ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް ހޯދިފައި ނުވާ ކަމަށާއި އަބަދުވެސް މި ދެކެވެނީ ހަރަދެއް ކުރާ ވާހަކަ ކަމަށް ވިދާޅުވެ، ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި މި ސަރުކާރަށް އަމާޒުކޮށް ޔާމީން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި ވަނިކޮށެވެ. ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވެވި އަދި އޭރު އެމަނިކުފާނު އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ސައީދު "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ވަކި ބޭފުޅެއްގެ ނަން ނުގެންނެވި ކަމުގައި ވިޔަސް، ވަރަށް ބޮޑަށް ބެލެވޭ ގޮތުގައި ސައީދު ރައްދު ދެއްވާފައި ވަނީ ޔާމީނަށެވެ.

ސައީދު ކުރެއްވި ޕޯސްޓުގައި، ދައުލަތާ މީގެކުރިން ހަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުންގެ ސަރުކާރުގެ ފުރަތަމަ ދެ މަސް ދުވަހު ސަރުކާރުގެ އާމްދަނީ އިތުރު ކުރުމަށް ކުރެއްވި އީޖާދީ މަސައްކަތަކީ ކޮބައިތޯ ސައީދު ސުވާލު ކުރެއްވިއެވެ.

މި ސަރުކާރުން ދައުލަތުގެ ހަރު މުދާ ވިއްކުމާއި ގާނޫނު ތަޅު އަޅުވާފައި ފައިސާ ޗާޕް ކުރުމާއި މާލީ ޒިންމާ އިން ރެކުމަކީ ކުރާނެ ކަމެއް ނޫން ކަމަށް ސައީދު ވިދާޅުވިއެވެ.

 

"ދައުލަތާ މީގެކުރިން ހަވާލުވި ވެރިން އެބޭފުޅުންގެ ސަރުކާރުގެ ފުރަތަމަ ދެ މަސް ދުވަހު ސަރުކާރުގެ އާމްދަނީ އިތުރު ކުރުމަށް ކުރެއްވި އީޖާދީ މަސައްކަތަކީ ކޮބައިތޯ؟ މި ސަރުކާރަކުން ދައުލަތުގެ ހަރު މުދާ ވިއްކުމާއި ގާނޫނު ތަޅު އަޅުވާފައި ފައިސާ ޗާޕް ކުރުމާއި މާލީ ޒިންމާ އިން ރެކުމަކީ ކުރާނެ ކަމެއް ނޫން،" މިހާރު ރައީސް މުއިއްޒުގެ ސަރުކާރުގައި އެންމެ ނުފޫޒު ގަދަ ވަޒީރުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ސައީދު ވިދާޅުވިއެވެ.

ޕީއެންއެފް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން ކުރާ ކަންކަމާއި އިއުލާން ކުރާ ކަންކަމުން މުޅިން ފެންނަނީ ރައްޔިތުންގެ ހެވާއި ލާބައަށް ކުރާ ކަންކަން ކަމަށާއި އެކަންކަމާ ދޭތެރޭގައި ޝައްކު ނުކުރައްވާ ކަމަށެވެ. ނަމަވެސް ހައްތަހާ ވެސް ފެންނަނީ ހަރަދު ކުރާ ތަން ކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެ އެކުވެރި ގައުމުގެ ގޮތުގައި އިންޑިއާ އޮތް އިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އަވަށްޓެރި އިންޑިއާ އިން ނަގާފައިވާ ދަރަނީގެ އަދަދު ހުރީ ގާތްގަނޑަކަށް ތިން ބިލިއަން އެމެރިކާ ޑޮލަރާ ކައިރީގައެވެ.

"އަދިވެސް މިއުޅެނީ އެއާޕޯޓުގައި ކޯޑް އޮފް ރަންވޭއެއް ޖައްސާ، އެންމެ ބޮޑެތި މަތިންދާ ބޯޓު ޖައްސާ (ނުލެވިގެން)، ޓާމިނަލް ފެސިލިޓީ ނޮކް ޑައުން ކޮންޑިޝަންގައި ހުރެ އެސެމްބްލް ކުރާ ތަނަކަށް މި ހުރީ. ކޮންކްރީޓުން ހަދާ ތަނެއް ނޫން. ފަސް އަހަރު، ހަ އަހަރު ވެގެންދާ އިރު އަދި ޓާމިނަލެއް ނުނިމޭ،" ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެއްވެސް އަޑެއް ނީވޭ، މި ސަރުކާރުގެ އެއްވެސް ވަޒީރަކު ނޫނީ މި ސަރުކާރުގެ އެއްވެސް މަސްއޫލުވެރި ބޭފުޅަކު މިވެނި، ކަންތައްތަކަކުން އިގްތިސާދީ އާމްދަނީ ހޯދާނެ މިވެނި މަޝްރޫއުތައް ފަށަނީއޭ މީގެ ނަތީޖާ މިވެނި ދުވަހެއްގައި ފެންނާނެއޭ ވިދާޅުވާ ތަނެއް އަޅުގަނޑަކަށް ނުފެނޭ،"

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު