ގއ. ވިލިނގިލިން ޕަޓޫސިސް ނުވަތަ ހޯއްގޮވާ ކެއްސުން ބައްޔަށް ތިން ކުއްޖަކު ފައްސިވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ މި ބަލިން ރައްކާތެރިވުމަށް ގަވައިދުން ވެކްސިން ދޭން ފެށުމާ ގުޅިގެން މި ބަލި ވަނީ ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައި ކަމަށެވެ. ނަމަވެސް މި ބަލީގެ ވޭދަނަ ރާއްޖޭގައި ވަރަށް މަދުން ފެންނަ ކަމަށް އެޗްޕީއޭގެ ބަޔާނުގައިވެއެވެ.
ޕަރޓޫސިސް (ހޯއްގޮވާ ކެއްސުން) ގެ ކޭސްތަކެއް ފެނުމާ ގުޅޭ pic.twitter.com/RIQTxbuUw4
— Health Protection Agency (@HPA_MV) January 23, 2024
ގއ. ވިލިނގިލިން މި ބަލި ޖެހިފައިވާ ކުޑަކުދިންތަކެއް ފެނުމާ ގުޅިގެން އެޗްޕީއޭ އިން މަސައްކަތްތަކެއް ފަށައިފައިވާއިރު، އޭގެތެރޭގައި ހިމެނެނީ އައިޖީއެމްއެޗާއި ގއ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމާއި ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ އަހަރު ނުވާ ކުދީންނާއި މާބަނޑު މީހުންނަށް އެންޓިބޮޔަޓިކް ޕްރޮފައިލެކްސިން ދިނުމާއި ބަލީގެ އަލާމަތް ހުރި ކޮންޓެކްޓުން ބައްޔަށް ޓެސްޓް ކުރުމާއި ބަލީގެ އަލާމާތްތައް ހުރި ކޮންޓެކްޓުންނަށް ބޭސް ދިނުމެވެ. އަދި ގދ. އަތޮޅު ހޮސްޕިޓަލްގައި ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައި ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
ހޯއްގޮވާ ކެއްސުން ބަލި ފެތުރެނީ ނޭލާވާ ނިޒާމުގެ ޒަރިއްޔާއިންނެވެ. ބަލި ޖެހުމުން ފުރަތަމަ ފެންނާނީ އާންމު ރޯގާތަކުގައި ވެސް ފެންނަ އަލާމަތްތަކެވެ. މީގެ އިތުރުން ހަފްތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސާ މި ކެއްސުން ދިގުލައިގެން ދެއެވެ. ތުއްތު ކުދިންނަށް މީގެއިތުރުން ވެސް އެހެން އަލާމާތްތައް ފެނިދާނެއެވެ. އަދި ދި ވެކްސިން ފުރިހަމަ ކޮށްފައިވާ ކުއްޖަކަށް ނުވަތަ ބޮޑު މީހަކަށް މި ބަލި ޖެހިއްޖެނަމަ ބަލީގައި މާބޮޑެތި އަލާމަތްތަކެއް ނުފެނިދާނެއެވެ.
ހޯއްގޮވާ ކެއްސުން ޖެހުުމުން ނުރައްކާ ބޮޑީ ވަރަށް ތުއްތު ކުދީންނަށެވެ. އެހެން ކަމުން ހަތް އަހަތު ނުވާ ކުދީންގެ ތެރެއިން މި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކޮށް ހުރި ނަމަ ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަަމަ ކުރަން އެޗްޕީއޭ އިން އިރުޝާދުދެއެވެ.
ހަމައެހެންމެ، ރޯގާ ޖެހި ކެއްސާ މީހުންގެ ތެރެއިން ކެއްސުން ދިގުލައިގެންދާ ނަމަ، ނުވަތަ ކެއްސުމުގެ ސަބަބުން އިތުރު އުނދަގޫތަކެއް ދިމާވާ ނަމަ، ނުވަތަ ދިގު މުއްދަތަކަށް ފަރުވާ ކުރާ އެހެން ބައްޔެއް ހުރި ނަމަ ތުއްތު ކުއްޖެއް ނުވަތަ މާބަނޑު މީހަކު ނަމަ ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދަން ޖެހެއެވެ.