ރާއްޖެއިން އުފައްދާ މަހުގެ ބާވަތްތަކަށް ޔޫރަޕްގައި ނަގާ ޑިއުޓީ ކުޑަކުރުމާ ގުޅޭގޮތުން އަނެއްކާވެސް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންދަވާފައިވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ފްރާންސްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީން ފްރާންސޯ ޕެކްޓެޓްއާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ، އެ މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ދެ ބޭފުޅުން ގިނަ ކަންތައްތަކަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށާއި، އެގޮތުން މި ބައްދަލުއްވުމުގައި، އިގްތިސާދީ ތަރައްގީއާއި މޫސުމަށް އަންނަ ބަދަލުތަކާއި ސަލާމަތީ އެއްބާރުލުމާއި، ދެ ގައުމުގެ ގުޅުން އިތުރުކުރުމާއި، ޔޫރަޕަށް ދަތުރުކުރުމަށް ރާއްޖޭގެ ރައްޔިތުންނަށް ފަސޭހަކޮށްދިނުމާ ބެހޭ ގޮތުން ދެ ބޭފުޅުން ވާހަކަދެއްކެވި ކަމަށެވެ.
ހަމައެހެންމެ، މިނިސްޓަރު ޒަމީރު ވަނީ ދެ ގައުމުގެ މަސްލަހަތު އޮތް ދާއިރާތަކުން ފްރާންސާ ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި، ސަފީރު ޕެކްޓެޓް ވަނީ ދެގައުމުގެ އެއްބާރުލުން އިތުރުކުރުމަށް ރާއްޖޭގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.
ޔޫރަޕުން ރާއްޖޭގެ މަހުގެ ބާވަތްތަކަށް ނަގާ ޑިއުޓީ ކުޑަކުރުމަށް ނުވަތަ އެއްކޮށް ކަނޑާލުމަށް އެދި ކުރީގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން ޔޫރަޕިއަން ޔޫނިއަންއާ ވެސް މަޝްވަރާތަކެއް ބޭއްވުމަށް ފަހު، ޑިއުޓީ ކަނޑާލާނެކަން ސަރުކާރަށް ބެލެވުނެވެ. އެއާއެކު، މިފްކޯއިން މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކުރިއެވެ.
ނަމަވެސް އޭގެ ފަހުން ޑިއުޓީ ކަނޑާފައެއްނުވެއެވެ. އަދި މިފްކޯއިން މަސް ގަންނަ އަގު ބޮޑު ކުރުމުން އެ މަސައްކަތް ކުރާ ބައެއް ދިވެހި ކުންފުނިތަކަށް އެ އަގުގައި މަސް ނުގަނެވޭތީ އެ ކުންފުނިތަކުގެ އޮޕަރޭޝަން ހުއްޓުމަކަށް އައެވެ.
މީގެ އިތުރުން އެ ބަދަލާއެކު މަސްވެރިން ވަނީ އެ މީހުންގެ ބިލަށް ފައިސާ ލިބުމުގައި ވެސް ލަސްތަކެއް އުޅޭ ކަމަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ މައްސަލަތަކާ ގުޅިގެން މިދިޔަ ނޮވެމްބަރު މަހު މިފްކޯއިން ވަނީ އަގު ރިވިއުކުރާނެ ކަމަށް ހާމަކުރައްވާފައެވެ.