ރަމަޟާން މަހުގެ ދުވަހަކާ ދިމާވާ އިންތިޚާބުތައް ރަމަޟާން މަހަށް ފަހު ބާއްވާގޮތަށް ހެދުމަށް އިންތިޚާބުތަކާބެހޭ އާންމު ޤާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.
އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ހުށަހެޅުއްވި އިސްލާހުގައި އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނުގެ 43 ވަނަ މާއްދާ ބަދަލު ކުރެއްވުމަށް ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން، އެ ޤާނޫނާއި އަދި އެހެން ޤާނޫނެއްގައިވެސް އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް ރަމަޟާން މަހުގެ ދުވަހެއްގައި އިންތިޚާބެއް ބާއްވައިގެން ނުވާނެ ކަމަށް ވަނީ ބަޔާން ކުރައްވާފައެވެ. ރަމަޟާން މަހުގެ ދުވަހަކާ އިންތިޚާބަކާ ދިމާވާނަމަ އެ އިންތިޚާބެއް ބާއްވަންވާނީ ރަމަޟާން މަސް ނިމުމުގެ 10 ދުވަސް ފަހުންކަމަށްވެސް އިސްލާހުގައި ވަނީ ބަޔާން ކުރައްވާފައެވެ.
އެ އިސްލާހުގައި ވަނީ ބަޔާން ކުރައްވާފައިވާ ގޮތުގައި، ރަމަޟާން މަހުގެ ދުވަހަކާ އިންތިޚާބެއް ދިމާވާނަމަ އެ އިންތިޚާބު ބޭއްވުމަށްޓަކައި މުއްދަތުތަކަށް ބަދަލު ގެނެސް އިލެކްޝަސް ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަންވާނެއެވެ.
އިންތިޚާބާ ބެހޭ އާންމު ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވާއިރު މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ދިމާވަނީ ރަމަޟާން މަހުގެ ދުވަހަކާއެވެ. އެގޮތުން، އިލެކްޝަންސް ކޮމިޝަނުން މި އިންތިޚާބު މާރިޗު 17 ގައި ބޭއްވުމަށް ނިންމާފައިވާއިރު، އެ ދުވަސް ދިމާވަނީ ރަމަޟާން މަހުގެ ހަތްވަނަ ދުވަހާއެވެ. ރަމަޟާން މަހުގެ ދުވަހަކާ އެ ދުވަސް ދިމާވާތީ ސިޔާސީ ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އީސީން އެންމެ ފަހުން ބޭއްވި އިންތިޚާބާ ބެހޭ ގޮތުން ޤައުމީ ލަފާ ދޭ ކޮމިޓީ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންތިޚާބު ރަމަޟާން މަހު ބާއްވަން ނިންމީ މަޖުބޫރުވެގެން ކަމަށެވެ. އެއީ އެ ކޮމިޝަނުން ވެސް ބޭނުންވާ ގޮތް ނޫން ކަމަށާއި، މިހާރު ތާރީޚުތައް ހުރިގޮތުން އެގޮތަށް ބާއްވަން މަޖުބޫރުވީކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.