Thursday, 12 September 2024
އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޚައިރާތާއި ޞަދަޤާތުގެ ގޮތުގައި ރާއްޖެއިން ބޭރަށް ހޭދަކުރާކުރުން ރާއްޖޭގެ ކަންކަމަށް ހޭދަކުރުމަށް މިނިސްޓަރު އެދިވަޑައިގެންފި

ރައްޔިތުން ޚައިރާތާއި ޞަދަޤާތުގެ ގޮތުގައި ރާއްޖެއިން ބޭރަށް ހޭދަކުރާކުރުން ރާއްޖޭގެ ކަންކަމަށް ހޭދަކުރުމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެދިވަޑައިގެންފިއެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް މެޑިކަލް ބެޑް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އިހުސާންތެރިވުމަކީ އިސްލާމްދީން ނުހަނު ބާރު އަޅުއްވާފައިވާ ކަމެއް ކަމަށާއި، ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެއްމެ ބޮޑު އިސްކަމެއް ދެއްވާ ކަންކަމުގެ ތެރޭގައި ނިކަމެތިންނަށް އިހުސާންތެރިކޮށް ހިތުމާއި ފަޤީރުންނަށާއި މިސްކީނުންނަށް އަޅައިލުން ހިމެނޭ ކަމަށާއި، މުޖުތަމައުގެ ޚާއްޞަ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އޯގާތެރިކޮށް ހިތުމަކީ އިސްލާމީ މުޖުތަމަޢުގެ އެންމެ މުހިންމު އިޖުތިމާޢީ އަޚުލާޤު ކަމަށެވެ.

"އަޅުގަޑު އެދެނީ ރައްޔިތުން ޚައިރާތާއި ޞަދަޤާތުގެ ގޮތުގައި ރާއްޖެއިން ބޭރަށް ހޭދަކުރާކުރުން ރާއްޖޭގެ ކަންކަމަށް ހޭދަކުރުމަށް. ނިކަމެތިންނަށާއި ޤުރުއާން ކުލާސްތަކަށާއި ޤުރުއާން މުބާރާތްތަކަށާއި ޖަމިއްޔާތަކަށާއި ރަށްރަށުގައި ލައިބްރަރީތައް ޤާއިމުކުރުމަށާއި ތައުލީމަށާއި އެހެނިހެންވެސް ހެޔޮ ކަންކަމަށް ޚަރަދު ކުރުމަށް. މިއިން ކޮންމެ ކަމަކީ ވެސް ހެޔޮ ކަމެއް." މިނިސްޓަރ ވިދާޅުވިއެވެ.

"އިސްލާމިކް މިިނިސްޓްރީއަށް ވަރަށް ގިނަ ރައްޔިތުން އެމީހުންގެ ޚައިރާރު ފައިސާ ޙަވާލު ކުރޭ. މިސްކިތްތަކުގެ މަރާމާތަށް، ނުވަތަ ދީނީ ކަމަކަށް އެހީވުމަށް. މިއީ ޒަކާތު ފަންޑުގެ އިތުރުން މިސްކިތްތަކާ ޢާއްމު ހެޔޮ ކަންކަމަށް ޚަރަދުކުރުމަށް ރައްޔިތުން ހަދިޔާކުރާ ޞަދަޤާތް. ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް މިއަދު އެހީތެރިކަން ދެވިގެން މިދަނީ މިދެންނެވި ޚައިރާތުގެ ތެރެއިން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ތަނަވަސްކަމުގެ އަހުލުވެރިންނާއި އެންމެހައި ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެނީ ޚައިރާތާއި ޞަދަޤާތުގެ ގޮތުގައި ﷲ ގެ މަގުގައި ހޭދަކުރުމަށް ބޭނުންވާ ބޭފުޅުން  އިސްލާމިކް މިނިސްޓްރީ  މެދުވެރިކޮށް އެހީވުމަށް ކަމަށާއި، އަދި ޞަދަޤާތާއި ޚައިރާތު ހެޔޮ ކަންކަމަށް ވާޞިލްކޮށްދިނުމަށް މިނިސްޓްރީ އިން އަމާނާތްތެރިކަމާއެކު މަސައްކަތްކުރާނެ ކަމަށެވެ.

އިސްލާމިކް ޗެރިޓީ ފަންޑުން ‎ޒަމާނީ 32 މެޑިކަލް އެނދު، ކ. ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒަށް މިއަދު ހަދިޔާކޮށްފައިވެއެވެ.

މިރަސްމިއްޔާތު އޮތީ މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ.

މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ޚާއްޞަ އެހީތެރިކަަމަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަށް އިސްލާމިކް މިނިސްޓްރީންގެ ފަންޑުން ޚަރަދުކޮށް ގެން  ހަދިޔާ ކުރަނީ ޒަމާނީ މެޑިކަލްބެޑް ކަމަށާއި، މިއަދު ހަދިޔާކުރާ ބެޑްގެ ޚަރަދަކީ ފަސްލައްކަ ހަތަރު ހާސް ރުފިޔާގެ ބެޑް، އެއީ 32 މެޑިކަލް ބެޑް ކަމަށެވެ.

އިސްލާމިކް ޗެރިޓީ ފަންޑުން ‎ޒަމާނީ މެޑިކަލް އެނދު ހަދިޔާކުރުން ‎

  • ޖުމްލަ 32 އެނދު
  • ⁠ފައިސާގެ ގޮތުން އެއީ ޖުމްލަ 504،000 ރުފިޔާ
  • ކ. ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒަށް

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު