ޔަހޫދީންގެ ސަފުތަކަށް ބޮޑު ލޮޅުމެއް، އެއް ދުވަހެއްގައި އިސްރާޢީލުގެ 24 ސިފައިން މަރުވުން

ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓު ޔަހޫދީ އިސްރާޢީލުން ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެކޮޅަށް ހިނގަމުންދާ ޢުދުވާނުގައި، އެއް ދުވަހުގެ މަތިން 24 ސިފައިން މަރުވުމުން ޔަހޫދީންގެ ސަފުތަކަށް ބޮޑު ލޮޅުމެއް އަތުވެއްޖެއެވެ.

ޣައްޒާގެ މެދުތެރެއާއި ދެކުނުގެ ސަރަޙައްދުތަކަށް ފާއިތުވި ދުވަސްތަކުގައި ޔަހޫދީންގެ ޙަމަލާތައް އަމާޒުކޮށްފައިވީ ނަމަވެސް އެއީ ޙަމާސްގެ ބާރުގަދަ ސަރަޙައްދުތަކެކެވެ. ހަމާސްއިން ދަނީ އެ ސަރަޙައްދުގެ ކޮންމެ ޢިމާރާތެއް އަދި ކޮންމެ މަގެއް ހުށިޔާރުކަމާއެކު ދިފާޢުކުރަމުންނެވެ. އެހެންކަމުން ބަދަލުކުރަމުންދާ ޙަމަލާތަކުގައި ޔަހޫދީންގެ 24 މީހުން މަރައިލާފައި ވަނީ އެ މީހުން ތިބި ޢިމާރާތެއް ގޮއްވާލައިގެންނެވެ.

ޔަހޫދީ ފައުޖަށް ލިބެމުންދާ ގެއްލުންތަކަށް ބޮޑު ސަމާލުކަމެއް މިފަހަރު ލިބިގެން ގޮސްފިއެވެ. ޔަހޫދީ ފައުޖަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ވީޑިއޯތަކެއް ޙަމާސުން ވަނީ އެކި ފަހަރު މަތިން ޢާންމުކޮށްފައެވެ. ޔަހޫދީ ސިފައިންނަށް ލިބެމުންދާ ގެއްލުންތަކުގެ ޚަބަރުތައް ޔަހޫދީ ނޫސްތަކުން ވަނީ ތަފުޞީލުކޮށް ގެނެސްދީފައެވެ. ނަމަވެސް ހަނގުރާމަ ހުއްޓައިލުމުގެ އޮއިވަރެއް ޔަހޫދީންގެ މެދުގައި ފެތުރިފައެއް ނުވެއެވެ.

ކުއްލި ސިހުމެއް ލިބިފައިވާ މި ދަނޑިވަޅުގައި ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބުންޔާމިން ނަތަންޔާހޫ ވިދާޅުވީ ފުރިހަމަ ކާމިޔާބެއް ލިބެންދެން ހަނގުރާމަ ކުރިއަށް ދާނެ ކަމަށެވެ. ޔަހޫދީންގެ ދިފާޢީ ވަޒީރު ޔޮއޯވް ގަލާންޓް ވިދާޅުވީ ގިނަ ޢަދަދެއްގެ ސިފައިން މަރުވުމީ ހިތަށް އުނދަގޫ ކަމެއް ކަމަށާއި އެ ހަނގުރާމައަކީ ޔަހޫދީންގެ ކުރިމަގު ބައްޓަންކުރަން ކޮންމެހެން ވެސް ކާމިޔާބު ކުރަން ޖެހޭ ހަނގުރާމައެއް ކަމަށެވެ.

ފަލަސްޠީނަށް ނަސްރު ހޯދުމަށްޓަކައި، ޙަމާސްގެ އިތުރުން ލުބުނާނުގެ ޙިޒްބުﷲ ޖަމާޢަތާއި ޔަމަނުގެ ޙޫޘީ ޖަމާޢަތުން ދެމުންދާ ޙަމަލާތަކުގައި ލިބެމުންދާ ގެއްލުންތައް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދުނިޔެއަށް ސިއްރުކުރަމުންނެވެ. ބެލެވޭ ގޮތުގައި ހަނގުރާމާގައި ޔަހޫދީންގެ އެތައް ހާސް ސިފައިންނެއް ވަނީ މަރުވެ އަދި ޒަޚަމުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު