Saturday, 15 June 2024

ތިނަދޫ، ކާޑެއްދޫ ގުޅާލާ ބްރިޖުގެ މަސައްކަތް މެކުހަށް

ގދ. ތިނަދޫއާއި ކާޑެއްދޫ ގުޅާލާލުމަށް އަޅާ ބްރިޖުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ސަރުކާރުން ފައްޓަވައިފިއެވެ.

ސަރުކާރުން މިހާރު ވަނީ އެކަމަށްޓަކައި ހަދަންޖެހޭ ދިރާސާތައް ކުރިއަށްގެންދާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ފަށާފައެވެ.

އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ ގދ. ތިނަދޫއާއި ކާޑެއްދޫ ގުޅާލާލުމަށް ކުރިއަށްގެންދާ ބްރިޖުގެ މަޝްރޫޢަކީ ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މަޝްރޫޢުއެއްކަމަށެވެ.

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މިހާރު ވަނީ މި މަޝްރޫޢުގެ ޕްރިލިމިނަރީ ސަރވޭ، އެސެސްމެންޓްސް އެންޑް ފީސިބިލިޓީ ސްޓަޑީގެ ކޮންސަލްޓަންސީ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފައެވެ. އަދި މި މަސައްކަތަށް ބަޔަކު ހޮވާނީ މަސައްކަތުގެ ކޮލިޓީ އާއި އަގަށް ރިއާޔަތްކޮށްކަމަށެވެ.

މިކަމާގުޅޭ މިނިސްޓްރީގެ އިއުލާންގައިވާ ގޮތުން މިކަމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ކިބައިގައި، މި މަސައްކަތާއި ގުޅޭ ތަޖުރިބާ ހުންނަންޖެހެއެވެ. އަދި މި މަސައްކަތަށް ބަޔަކާއި ގުޅިގެން ޕްރޮޕޯސަލްތައް ހުށައެޅޭނެކަމަށްވެސް އިއުލާންގައިވެއެވެ.

މި ބްރިޖުގެ ދިގުމިނުގެ ގޮތުގައި ލަފާކޮށްފައިވަނީ 3 ކިލޯ މީޓަރާއި 3.5 ކިލޯ މީޓަރާއި ދެމެދުގެ ދިގުމިނެކެވެ. އަދި ބްރިޖުގެ އިތުރަށް ހައިވޭ ލިންކް ރޯޑެއް ހިމަނަން ޖެހިދާނެކަމަށް ޓާމްސް އޮފް ރިފަރެންސްގައިވެއެވެ.

މި ބްރިޖުގެ ދިރާސާތައް ހަދަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ 12:00 އެވެ. އެ ވުޒާރާއިން ވިދާޅުވީ ޕްރޮޕޯސަލް ހުށަހަޅަން ދައުވަތު ދޭނީ މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ކުންފުނިތަކަށް އެކަނި ކަމަށެވެ.

މަސައްކަތުގެ ޓާމްސް އޮފް ރިފަރެންސްގައިވާ ގޮތުން މި ބްރިޖް އެޅުމުގެ މަޤްޞަދަކީ ތިނަދޫ އާއި ކާޑެއްދޫއާ ދެމެދު މިހާރަށް ވުރެ ރައްކާތެރި ގޮތަކަށް ދަތުރު ކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުންކަމަށެވެ.

ހަމައެހެންމެ، އެއް ރަށުން އަނެއް ރަށަށް މީހުންނާއި މުދާ ގެންދިއުމަށް ހޭދަވާ ވަގުތު ކުޑަކުރުމަކީވެސް މި ބްރިޖް އެޅުމުގެ ބޭނުމެކެވެ.

ކާޑެއްދޫގައި ހިންގަމުންދާ އެއާޕޯޓް ބައިނަލްއަގްވާމީ ފެންވަރަށްކޮށް، ބުރިޖަކުން ތިނަދޫއާ ގުޅުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު