ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެޑައިގަންނަވާފައިވާ ގޮތަށް، ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، އެކަންކަމާއި ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމް ހޮނިހިރު ދުވަހުގެރޭ ބޭއްވުމަށް ނިންމައިފިއެވެ.
މި ފޯރަމް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދަވަން ނިންމަވާފައިވާއިރު، ހޮނިހިރު ދުވަހުގެރޭ 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި ފޯރަމްގެ ފުރަތަމަ ބައްދަލުވުމުގައި 5 ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެއެވެ. "އަހާ"ގެ ނަމުގައި 2 ގަޑިއިރަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ:
- އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު: ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު
- އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު: މުޙައްމަދު ސަޢީދު
- އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު: ޢާއިޝަތު ޝިހާމް
- އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު: ޑރ.ޢަބްދުﷲ މުއްޠަލިބް
- ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު: ޢަބްދުﷲ ރާފިޢު
ކޮންމެ ދެ މަހުން އެއް މަހު ސަރުކާރުން ކުރާ ކަންކަން ކިޔައިދިނުމާއި ރައްޔިތުން ކުރަން ހުރި ސުވާލުތައް ކުރުމުގެ ފުރުޞަތުދީ އެކަމަކަށް ސީދާ ވަޒީރުން ޖަވާބު ދެއްވުމަށް ކުރިއަށްގެންދާ މި ފޯރަމް ބޭއްވުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ މާލެ ސިޓީ ކައުންސިލަށް އިންތިޚާބުވެވަޑައިގަތް ބޭފުޅުން ހުވާކުރެއްވުމަށް ހޯމަދުވަހުގެރޭ ބޭއްވެވި ރަސްމިއްޔާތުގައިވެސް ތަކުރާރުކުރައްވާފައެވެ.
މި ފޯރަމްގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުސަތު އާއްމުކޮށް ވަނީ ހުޅުވާލައްވާފައެވެ. ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ. މި ފޯރަމަށް އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު، ކުރަން ބޭނުންވާ ސުވާލު ލިޔުއްވުމަށްފަހު 300 އަށެވެ.
ކޮންމެ ފޯރަމެއްގައިވެސް ފަސް ވަޒީރުން ބައިވެރިވެވަޑައިގަންނަވާ މި ފޯރަމްގައި ކޮންމެ ތިން މަހުން އެއް މަހު ރައީސުލްޖުމްހޫރިއްޔާވެސް ބައިވެރިވެވަޑައިގެން، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ވަނީ ނިންމަވާފައެވެ.