ދިވެހި ފަންނާނުންނަށް ގެއްލުންވާ ފަދަ އެއްވެސްކަމެއް މި ސަރުކާރުން ނުކުރައްވާނެކަމަށާއި، ސަރުކާރުން މަސައްކަތްކުރައްވާނީ ފަންނާނުންގެ ކުރިއެރުމަށްކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ވަޒީރު ފައިސަލް މިހެން ވިދާޅުވީ، ދިވެހި ފަންނާނުންނަށް ފުރުސަތުތައް ލިބޭ މިންވަރު މަދުކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ދިވެހި ފަންނާނުންގެ ކުރިއެރުމާއި ތަރައްޤީއަށް އިސްކަންދެއްވައިގެން މަސައްކަތްކުރައްވާނެ ސަރުކާރެއްކަމަށެވެ. އަދި މިހާރުވެސް މަސައްކަތްކުރަމުންދަނީ އެ މަގުންކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހި ފަންނާނުންނަށް ގެއްލުންވާ ފަދަ އެއްވެސްކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.
"ދިވެހި ފަންނާނުންނަށް ދޭން އޮތް ޔަގީން ކަމަކީ ރައީސް މުއިއްޒުގެ ސަރުކާރުން ދިވެހި ފަންނާނުންނަށް ގެއްލުންވާ ފަދަ އެއްވެސްކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން. ދިވެހި ފަންނާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ފަހި ފުރުޞަތު ހޯދައިދެއްވުމަކީ އެ މަނިކުފާނުގެ އަމާޒު" ފަތުރުވެރިކަމާބެހޭ ވަޒީރު ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ދިވެހި ފަންނާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ފަހި ފުރުޞަތު ހޯދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒުކަމަށެވެ. އެގޮތުން ކުރިޔަށް އޮތް ދުވަސްތަކުގަައި ކަމާއި ގުޅުން ހުރި ބޭފުޅުންނާއި ބައްދަލުކޮށް، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވާނެކަމަށާއި، ފަންނާނުގެ ކަންބޮޑުވުންތައް އަޑުއެހުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއެކު އެކަންކަމަށް ހައްލު ހޯއްދަވައިދެއްވާނެކަމަށެވެ.
ދިވެހި ފަންނާނުންނަށް ދޭން އޮތް ޔަގީން ކަމަކީ ރައީސް @MMuizzu ގެ ސަރުކާރުން ދިވެހި ފަންނާނުންނަށް ގެއްލުންވާ ފަދަ އެއްވެސްކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން. ދިވެހި ފަންނާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ފަހި ފުރުޞަތު ހޯދައިދެއްވުމަކީ އެ މަނިކުފާނުގެ އަމާޒު. (1/2)
— Ibrahim Faisal (@ifaisalofficial) January 24, 2024
ރައީސް ޑރ. މުޢިއްޒު ވަނީ ދިވެހި ޒުވާނުން ޝައުޤުވެރިކަމާއި ހުނަރުވެރިކަން ހުރި ގިނަ ދާއިރާތަކެއް ދިވެހިންނަށް ޚާއްސަ މަސައްކަތު ދާއިރާގެ ގޮތުގައި ކަނޑައަޅުއްވައި، 21 ދާއިރާއެއްގެ ވަޒީފާ ދިވެހިންނަށް ޚާއްސަކުރަން ނިންމަވާފައެވެ. އޭގެތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއާ ސީދާ ގުޅުންހުރި ގިނަ މަސައްކަތްތަކެއް ވެސް ހިމެނެއެވެ.