އާރަށުގައި އޮތް ކަޅުއޮށްފުންމިގެ ނަކަލު ރޭ މާލެ ގެނެސްފިއެވެ.
އާރަށުގައި އޮތް ކަޅުއޮށްފުންމިގެ ނަކަލު މާލެ ގެނެސްފައިވަނީ މުދާ އުފުލާ ބަނޑެއްގައި ރޭ 11:30 ހާއިރުއެވެ. އަދި މާލޭ 1 ނަންބަރު ފާލަމަށް މި އުޅަނދު ބަނދަރުކުރުމަށްފަހު އެއްގަމު އުޅަނދެއްގައި ވަނީ ކަޅުވަކަރު މިސްކިތް ހިމެނޭ ސަރަޙައްދަށް ގެންގޮސްފައެވެ.
ކަޅުއޮއްފުންމިއަކީ މީލާދުން 1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްޠާނު ޢަލީ ހަވަނަ (އަލިރަސްގެފާނު) ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެމީހުންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމަށް ޓަކައި އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅެވެ. މިހާރު ކަޅުވަކަރު މިސްކިތް ހުރި މައިދާނަށް ގެނެވެނީ އުތީމު މަހާރަދުން ބެންނެވި އޮޅިކޮޅުގެ ނަކަލެކެވެ. މި ނަކަލު ބަނދެވުނީދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައެވެ.
ކަޅުއޮށްފުންމީގެ ނަކަލު ބަނދެފައިވަނީ އުތީމު މަހާރަދުންގެ ޤައުމީ ޖިހާދާއި ކަޅުއޮއްފުންމިއާ ބެހޭ ގޮތުން ލިބެން ހުރި ތާރީޚީ މަޢުލޫމާތު، ކަމާ ބެހޭ ފަންނީ ޓީމަކުން ދިރާސާކުރުމަށް ފަހު ލިބުނު ނަތީޖާތަކުގެ މައްޗަށެވެ. ކަޅުއޮށްފުންމީގެ ދިގުމިނުގައި 51 ފޫޓު ހުރެއެވެ. އަލަށް ބަނދެވުނު ނަކަލު މޫދަށް ބާލާފައި ވަނީ 2 ޑިސެންބަރު 2015 ގައެވެ. މިނިވަން ފަންސާހުގެ ރަސްމިއްޔާތަށް ފަހު އެ އޮޑި އޮތީ އާރަށަށް އެހެލާފައެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި، ކަޅުއޮށްފުންމި މާލެ ގެންނަނީ އުތީމު މަހާރަދުން ނުވަތަ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ކުރެއްވި މިނިވަންކަމުގެ ޖިހާދާ ބެހޭ މަޢުލޫމާތު ލިބޭނެ އިންތިޒާމުތަކާއެކު ގިނަބަޔަކަށް ފެންނާނެ ގޮތަށް ބެހެއްޓުމަށްޓަކައެވެ.
ކަޅުއޮށްފުންމީގެ ނަކަލު ގެނެސް ބެހެއްޓުމަށް އެކަށީގެންވާ ތިން ސަރަޙައްދެއްގެ ސަރވޭކުރުމަށް ފަހު މިހާރު ނިންމާފައި ވަނީ ކަޅުވަކަރު މިސްކިތް ހުރި މައިދާނުގައި ބެހެއްޓުމަށެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި، އެކި މަރުޙަލާތަކަށް ބަހާލައިގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވާއިރު މިހާރު ކުރިއަށްދާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި އުޅަނދުގެމަރާމާތަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި، މާލެ ގެނައުމަށް ޢަމަލު ކުރާނެ ގޮތެއް ހަމަޖެއްސުން ހިމެނެއެވެ. ކަޅު އޮށްފުންމި މާލެ ގެނެސް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާއި ސަރުކާރުގެ ގިނަ މުއައްސަސާތަކެއް ގުޅިގެންނެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި، ކަޅުއޮށްފުންމި މާލެ ގެނެސް މަރާމާތުގެ މަސައްކަތްތަކަށް ފަހު ޢާއްމުންނަށް ޒިޔާރަތް ކުރެވޭގޮތަށް ހުޅުވާލާއިރު އެކަމަށްޓަކައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް އޮތް 3 ހަފްތާއެއްހައި ދުވަސް ތެރޭ ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ ވިދާޅުވެއެވެ.