އިދިކޮޅުން ހީކުރަނީ މިއީ ވަރަށް ބަލިކަށި ސަރުކާރެއް ކަމަށް، މިއީ ބަލިކަށިކުރެވޭނެ ސަރުކާރެއް ނޫން: ޢަބްދުއްރަހީމް

އިދިކޮޅު އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސް އިން އެކުވެގެން އުޅެނީ ސަރުކާރު ހުއްޓުވައި ބަލިކަށިކޮށްލުމުގެ ނިޔަތުގައި ކަމަށާއި ނަމަވެސް މިހާރު އޮތީ ބަލިކަށި ކުރެވޭނެ ސަރުކާރެއް ނޫން ކަމަށް ޕީއެންސީގެ ޗެއާމަން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު ޢަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ޕީއެންސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ، އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން އުޅެނީ ސަރުކާރު ހުއްޓުވަން ކަމަށާއި އިދިކޮޅުން ހީކޮށްގެން އުޅެނީ ސަރުކާރަކީ ވަރަށް ބަލިކަށި ސަރުކާރެއް ކަމަށް ކަމަށެވެ.

"މި ސަރުކާރު ހުއްޓުމަކަށް ނުގެނެވޭނެ. ރައްޔިތުން މި ސަރުކާރު އިންތިހާބުކުރީ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން. ރައްޔިތުންގެ ނިންމުމާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރެވޭނެ،" އަދުރޭ ވިދާޅުވި އެވެ.

އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ވަނީ ސަރުކާރުގެ ސިޔާސީ މަގާމުތައް ވަކި ވަރެއްގައި ހިފެހެއްޓުމަށް ގާނޫނުއަސާސީ އަށް އިސްލާހު ހުށަހަޅަން ވެސް ނިންމައިފަ އެވެ. އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ މަގާމުތައް އައްޔަން ކުރުމަކީ ރައީސަށް ލިބިދޭ އިހުތިޔާރެއް ކަމަށާއި އެއީ ސަރުކާރު ހިންގުމަށް މުހިންމު ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޒިންމާދާރު ކުރަން އެކުގައި މަސައްކަތް ކުރަން އެއްބަސްވެ އެކަން އިދިކޮޅު އެމްޑީޕީ އަދި އެ ޕާޓީއާ ހިޔާލު ތަފާތުވެގެން ވަކިވެގެން ގޮސް އުފެއްދި ދަ ޑިމޮކްރެޓްސް ހާމަކުރައްވާފައިވާއިރު، އެ ދެ ޕާޓީން ވަނީ ގާނޫނުއަސާސީއަށާއި ގާނޫނުތަކަށް ބޮޑެތި އިސްލާހުތަކެއް ހުށަހަޅަން ނިންމައިފައެވެ. އަދި މިނިސްޓަރުންނަށް ރުހުން ދިނުމުގައި ވެސް އެއް ވިސްނުމެއްގައި މަސައްކަތް ކުރަން ނިންމައި، ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތް ކުރަން އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން އެއްބަސްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު