އިދިކޮޅުން މިނިސްޓަރުންނަށް ރުހުން ނުދީ ހިފަހައްޓާ ހިފެހެއްޓުމަކީ ވަރަށް ޒިންމާދާރު ކުޑަ ކަމެއް ކަމަށާއި، އިންތިހާބު ކޮށްފައިވާ ރައީސަކު އަތް ބަންނަން ކުރާ މަސައްކަތަކަށް ތާއީދެއް ނުކުރާނެ ކަމަށް ޕީއެންސީގެ ޗެއާމަން އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ޕީޕީއެމް ޕީއެންސީން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، އޭނާ ވިދާޅުވީ ރައީސް ޑރ. މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގަތީ ވަރަށް ގިނަ ވައުދުތަކާ އެކު ކަމަށާއި ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވަނީ އެކަންކަން ހާސިލް ކުރައްވަން ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ސާބިތުކަމާ އެކު މި ދަންނަވަނީ، މި ސަރުކާރު ބަލިކަށި ކުރަން ހުއްޓުވަން ފުރުސަތެއް ނުދޭނަން، އެކަމެއް ނުކުރެވޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"އިންތިހާބު ކޮށްފައިވާ ރައީސަކު އަތް ބަންނަން ކުރާ މަސައްކަތަކަށް އަޅުގަނޑުމެން ތާއީދެއް ނުކުރާނަން."
އަންނަ އާދިއްތަ ދުވަހު ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވައި މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ ވެސް ވަނީ އެޖެންޑާ ކޮށްފައެވެ. އިއްޔެ އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް މިނިސްޓަރުންނަށް ރުހުން ނުދިނުމާ މެދު މަޝްވަރާ ކުރަމުންދާ ކަން ހާމަކުރި އެވެ.
އަބްދުއްރަހީމް ވިދާޅުވިގޮތުގައި، މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅުން އުޅޭތީ ވެސް ހާމަވަނީ އެ ބޭފުޅުންގެ ޒިންމާދާރު ކަމެއް ނެތުމެވެ. މީގެ ކުރީގެ ހުރިހާ ސަރުކާރުތަކެއްގެ މިނިސްޓަރުންނަށް ވެސް އިދިކޮޅުން ރުހުން ދިން ކަމަށާއި މިހާރު އިދިކޮޅުން މިނިސްޓަރުންނަށް ރުހުން ނުދީ ހިފަހައްޓާ ހިފެހެއްޓުމަކީ ވަރަށް ޒިންމާދާރު ކުޑަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ބޭފުޅުން ރުހުން ނުދީ ހިފަހައްޓަން ބޭނުންވާ ކަމަށްވާ ނަމަ، ފުރުސަތު އެ ބޭފުޅުންގެ އަތުގައި އެބައޮތް. އެކަމަކު ހީނުކުރާތި ސަރުކާރު ހުއްޓުވާލެވިދާނެ ކަމަށް. އެކަމެއް ނުވާނެ. އެކަމެއް ނުވާނެ. މިސާލަކަށް މާދަމާ ސައީދަށް [އިކޮނޮމިކް މިނިސްޓަރު] ރުހުން ނުދިނީ، އޭގެ އަނެއް ދުވަހު ހަމަ އެ މަގާމަށް ސައީދު އައްޔަން ކުރުމުގެ ބާރު ރައީސްއަށް އޮވޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.