Saturday, 15 June 2024

ތިކަން ނުކޮށް މިކަން!!

ސަރުކާރުތަކުން އަލަށްފަށާ ކަންކަން އިއުލާނު ކުރުމާއެކު އެކިއެކި ފަރާތްތަކުން ޚިޔާލާއި ޝުއޫރު ފާޅުކުރަން ފަށައެވެ. އެންމެ ކުރީސަފުގައި ތިއްބަވަނީ އެސަރުކާރަކާ ސިޔާސީ ގޮތުން އިދިކީލި ފަރާތްތަކެވެ. އެފަދަ ފަރާތްތަކުން ފާޅުކުރާ ޝުއޫރުތައް ހުންނަނީ ކަންކަމަށް ހުރަސްއެޅުމުގެ ރާގެއް ގައެވެ. ޚިޔާލު ފާޅުކުރުމުގެ ބަދަލުގައި ކުރަނީ އާޑަ ފުރައްސާރައެވެ.

މިއީ އަނެއްކާވެސް އެފަދަ ދުވަސްވަރެކެވެ. އާ ސަރުކާރެއް ފެށި އާ ސިޔާސަތުތަކާއެކު އާވިސްނުންތަކާއެކު އާ ކަންކަން އިއުލާނުކުރަމުންދާ ވަގުތެކެވެ. އުންމީދީ ވަރަށް ބޮޑަތި އާ މާސައްކަތްތަކެއް އިއުލާނު ކުރަމުން އެބަގެންދަވައެވެ. ކުރު، މެދު އަދި ދުރު ރާސްތާ ޕްލޭންތަކާ އެކުއެވެ.

އިދިކީލި ވިސްނުމުގެ ސިޔާސީ އެކްޓިވިސްޓުން އާޑަފުރައްސާރަ ކުރަން ފަށައިފިއެވެ. ބޮޑަތި ސިޔާސީ ބޭބޭފުޅުން ފަށަމުންދާ ކަންކަން ކަމުނުދާކަން ބުނެދޭން ފަށައިފިއެވެ. ވިސްނުންތެރި ސިޔާސީ ބޭބޭފުޅުން ރައްޔިތުންނަށް އެކަން ވިސްނައިދިނުމަށް ބޭނުންކުރާ ބަސްމަގު ސިޔާސީ އެކްޓިވިސްޓުންނާ ތަފާތުވެސްމެއެވެ.

ބުނެދެއްވަނީ ނުކުރެވިހުރި ކޮންމެސް ކަމެއް ނުކޮށް ތިކަން ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށެވެ. ރައްޔިތުން ތިބީ ވަރަށް ހާލުގައި ކަމަށާއި މިފަދަ ވަގުތެއްގައި ތިޔަކަން ކޮށްގެން ނުވާނެކަމަށެވެ. ރާއްޖޭގެ މާލީ ފުދުންތެރިކަން ނެތް ވާހަކައެވެ. ދަރަނި ދަންތުރައިގެ ވާހަކައެވެ. ފަށާ ބޮޑަތި މަސައްކަތްތަކުން ވާނެ ފައިދާގެ ވާހަކަ އޮންނަނީ ވަންހަނާ ކޮށްފައެވެ.

ރާއްޖޭގެ އެންމެބޮޑު ސިޔާސީ ޕާޓީގެ ޗެއަރޕާޝަން ވިދާޅުވަނީ ކާބަފައިން ދުވަސްވަރުން ފެށިގެން ކުރަމުން އައިކަންކަން އެގޮތަށް ކޮށްލަ ކޮށްލަ ތިބެންވީ ކަމަށެވެ. ވަކި ބަޔަކު ދިނީމައި ކައިގެން ބޮއިގެން ތިބުން އެއީ މާމޮޅު ގޮތެއްކަމަށް އެދަނީ ބުނެދެމުންނެވެ. ބައެއް ބޭބޭފުޅުންގެ ވާހަކައިން ހީވަނީ އަމިއްލަ ފައިމައްޗަށް ތެދުވަން އުޅުން، މަސައްކަތެއް ކުރުން އެއީވެސް އަވައްޓެރިން ރުއްސައިގެން ނޫނީ ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމަށެވެ.

އަނެއްބައި ބޭފުޅުން ބުނަމުން ދަނީ ރަސްމާލެ ޓަނަލްގެ އުންމީދުގައި ތިއްބައި ބަނޑަށް މަރުވާނެކަމަށެވެ! އެއީ ކުރެވޭނެކަމެއް ނޫންކަމަށް ބުނާ ބޭބޭފުޅުންވެސް މަދެއް ނޫނެވެ. އަސާސީ ހިދުމަތް ނުލިބޭ ތަނެއްގައި ކުރަންވީ ތިކަން ހެއްޔޭ ބުނަމުން ރައްޔިތުން ސައުގުވެރިވާ ގޮތަށް ބުނެދެއްވަމުން އެތިބަގެންދަވަނީއެވެ.

ރަސްމާލެ މަސްރޫއަކީ އިސްރާފެއްކަމަށާއި އެކަން ހުއްޓުވާނެކަމަށް އެދަނީ ބުނަމުންނެވެ.
ފަންސަވީސް މިލިއަން މީހުންނަށް ހިދުމަތް ދެވޭވަރަށް އެއާޕޯޓް ބޮޑުކުރުމުގެ މަސްރޫއަކީ ކީއްކުރަން ކުރާ ބޭކާރު ހަރަދެއް ހެއްޔެވެ؟ އެއަދަދަށް މީހުން ދަތުރުކުރާނީ ކޮންޒަމާނަކުންހޭ ބުނެ އެދަނީ ސުވާލު އުފައްދަމުންނެވެ.

ދުރުރާސްތާ ޕްލޭނެއް ހެދުމަކީވެސް ކޮށްގެން ވާނެކަމެއް ނޫންތާއެވެ. އެވަގުތަކަށް ބޭނުންވާ ވަރަށް ކޮށްލަކޮށްލައި ތިބެންވީއެވެ.

އައިހެވަން މަސްރޫއްއާއި ލ. އަތޮޅު ޓްރާންސްޝިޕްމެންޓް ބަންދަރާއި ތިލަފުށި ޕޯޓް ފަދަ މަސްރޫޢުތަކަކީވެސް އިޤްތިސާދީ މަންފާއެއް ލިބޭނެ މަސްރޫއުތަކަކަށް ވާކަމަކަށް މިއަދު ނުވިއެވެ. ވިދާޅުވަނީ ކުރަނީ ހުސް ޚަރަދުކަމަށެވެ. އާމުދަނީއެއް ލިބޭނެ ކަމެއް ނުކުރާތީ އިގްތިސާދީ މާހިރުންގެ ލަގޮޑިއަކަށް ކެތެއް ނުވާނެނޫން ތޯއެވެ؟

ސިޔާސީ ބޭބޭފުޅުން އިދިކޮޅުގައި ތިއްބަވައިގެން ކަންކަން ރައްޔިތުންނަށް ބުނެދޭގޮތާއި ވިސްނައި ދޭގޮތް ހާދަހާ ތަފާތެވެ.

ތިކަން ނުކޮށް މިކަން ކުރާށޭ މިކަން ނުކޮށް ތިކަން ނުކުރާށޭ ބުނެ މިދައްކާ ވާހަކައަކީ ކަންކަން ހުއްޓުވަން، ކަންކަމަށް ހުރަސްއެޅުމަށް ދަމާ ހާސަރެކެވެ. އެވަގުތެއްގައި އޮންނަ ސަރުކާރު ބަލިކޮށް އަލުން ވެރިކަމަށް އައުމަށް ކުރާ ހީލަތްތެރި މަސައްކަތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު