މި ސަރުކާރާ ހަވާލުވެ، މަސައްކަތްތައް ފެށި އިރު ވިޔަފާރިތަކަށް ދޭން ޖެހި ނުދީ، ހަތް ބިލިއަން ރުފިޔާ އޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެއެވެ.
ވަޒީރުންނާ ކޮންމެ ސުވާލެއް ކުރެވޭ ގޮތަށް ސަލްޓަންޕާކުގައި ބޭއްވި ފުރަތަމަ "އަހާ" ޕަބްލިކް ފޯރަމްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، އެކި ބިލްތަކަށް ސަރުކާރުން ދައްކަންޖެހޭ ހަތް ބިލިއަން އޮތް އިރު، މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެ އަދަދު 3.5 މިލިއަން ރުފިޔާ އަށް ކުޑަކޮށްފައިވާ ކަމަށެވެ.
ސަރުކާރާ ޙަވާލުވީއިރު، 122 ބިލިއަނަށް ދައުލަތުގެ ދަރަނި އޮތް ކަމަށާއި، ސަރުކާރާ ޙަވާލުވީއިރު، ފިސްކަލް ހާލަތު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކުދި ވިޔަފާރިތަކަށް ސަރުކާރުން ވަރަށް ހާއްސަ ކަމެއް ދީ، އެ ވިޔަފާރިތައް ކުރިއެރުވުމަށް މުހިއްމު އިސްކަމެއް ދޭނެ ކަމަށާއި، ދައުލަތުގެ ދަރަނި ބޮޑުވި ނަމަވެސް، އިގްތިސާދީ ހާލަތު ހަމަޔަކަށް އެޅުވުމަށް ކުދި ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދޭނެ ކަމަށެވެ.
އެކި އެކި ހިންގި ކޮންޓްރެކްޓަރުންނަށް ސަރުކާރުން ކަނޑައަޅާފައިވާ މުއްދަތުގައި ފައިސާ ނުދޭތީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު، ގިނަ ވިޔަފާރިތަކުން އެކަމުގެ ކަންބޮޑުވުންތައ ދަނީ ފާޅުކުރަމުންނެވެ.
ސަރުކާރުގެ އިދާރާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހިފައިވާއިރު، ފެނަކަ އިން ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާގެ އަދަދު 1.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު އެ ކުންފުނިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކައެވެ.