ރަައްޔިތުންގެ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ވެލިދޫ ދާއިރާގެ 3 ރަށަށް އިންގިލާބީ ހެޔޮ ބަދަލުތައް ގެންނާނެ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު ކަމަށް ކުރިމަތިލައްވާ މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިޔާގައި އައްބާސް ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވެލިދޫ ދާއިރާގެ ރައްޔިތުންގެ އަޑު އަހާނެ ކަމަށާއި އަދި ރައްޔިތުންގެ އަޑު އިއްވައި ބަހާއަމަލުން ދައްކައިދޭނެ ކަމަށެވެ.
"ވެލިދޫ ދާއިރާގެ ރައްޔިތުންގެ އަޑު އަހާނަން. ރައްޔިތުންގެ އަޑު އިއްވާނަން. ބަހާއަމަލުން ދައްކައިދޭނަން! އަޅުގަނޑު ދާއިރާގެ 3 ރަށަށް އިންގިލާބީ ހެޔޮ ބަދަލުތައް ގެންނާނަން! އިންޝާﷲ." އައްބާސް ވިދާޅުވިއެވެ.
އައްބާސް އިތުރަށް ވިދާޅުވީ ވެލިދޫ ދާއިރާގެ ގޮނޑި ބޮޑު ތަނުން ނެގުމަށް އޭނާއާއެކު އިޚްލާސްތެރިކަމާއެކު ތިއްބެވި އެއްވެސް ފަރާތެއް ބާކީ ނުކުރާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.
"ވަޒީފާ ކަމުގައި ވިޔަސް އެނޫން ގޮތަކުން ވިޔަސް އެބޭފުޅުންގެ ޙައްޤުގައި ވާންޖެހުނު ކޮންމެ ޤުުރުބާނީއެއް ވާނަން. ވެލިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުުރުމަށް ނުފޮރުޅާނެ އެއްވެސް އެންމެ ގާބުރިއެއްވެސް ނޯންނާނެ" އައްބާސް ވިދާޅުވިއެވެ.
އައްބާސްއަށް ތާޢީދުކޮށް ދާއިރާގެ ގިނަ ރައްޔިތުން ދަނީ އޭނާގެ ކެމްޕެއިން ޙަރަކާތުގައި ބައިވެރިވަމުންނެވެ. އަދި ދާއިރާގެ ގިނަ ރައްޔިތުންގެ އުއްމީދަކީ އޭނާ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ވުމެވެ.
އައްބާސް އަކީ ޤައުމުގެ ޙައްޤުގައި ބަސް ވިދާޅުވާން ފަސް ނުޖެހޭ ޤައުމީ ބޭފުޅެކެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ވާދަކުރެއްވުމަށް ނިކުންނަވާފައިވާ މުޙައްމަދު އައްބާސް އަކީ ވެލިދޫ ފަޚްރުވެރިވާ ދަރިއެކެވެ. ސިޔާސީ މައިދާނުގައި ނަން ވިދާ ތަރިއެކެވެ. މޮޅު ވާހަކަދެއްކުންތެރިއެކެވެ.
އައްބާސްއަކީ ކާމިޔާބު ވިޔަފާރި ވެރިއެކެވެ. ބުރަ މަސައްކަތުން ހިންދެމިލައި، އަމިއްލަ ފައިމައްޗަށް ތެދުވެ، ޙަލާލު ގޮތުގައި ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރަމުން ގެންދާ ހިތްހެޔޮ އިންސާނެކެވެ. އެއީ ހީވާގި މަސައްކަތްތެރިއެކެވެ. މުރާލި ކަމާއެކު އާއިލާއެއް ބިނާކުރަމުންދާ ހަރުދަނާ ބައްޕައެކެވެ.