"ތިލަމާލެ ބްރިޖު، ސިނަމާލެ ބްރިޖުހާ ރީތި ނުވެދާނެ، ސަލާމަތީ މައްސަލައެއް ނޫޅޭނެ"

ތިލަމާލެ ބުރިޖު، ސިނަމާލެ ބުރިޖުހާ ރީތި ނުވެދާނެ ކަމަށާއި އެކަމަކު، ސަލާމަތީ މައްސަލައެއް ނޫޅޭނެކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރުންނާއި އާންމުން ސުވާލުކުރުމުގެ ފުރަތަމަ ފޯރަމް "އަހާ" ގައި އާއްމު ރައްޔިތަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރޭ، މުއްތަލިބް ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ ދަށުން މިހާރު ކުރެވެމުން ދަނީ ދާއިމީ މަސައްކަތެއް ކަމަށެވެ.

ސިނަމާލެ ބުރިޖު އެޅީ ކޮންކްރީޓް ހޮޅިޖަހައިގެން ކަމަށާއި އޭގެ ޕެކިން ކަނޑު އަޑިއަށް އަޅާފައިވާތީ ނުފެންނަނީ ކަމަށް ވެސް ޑރ.މުއްތަލިބް ވިދާޅުވިއެވެ.

"މިހާރު ސިނަމާލެ ބްރިޖުގެ ހޮޅި ފެންނަން ނެތީ ކޮފެޑަމް މިކިއާ، ކަނޑު އަޑިއަށް ވާ ގޮތަށް އޭގެ ކެޕިން އެޅިފައި ހުރީމަ. އޭގެ ބަދަލުގައި ތިލަމާލެ ބްރިޖުގައި ނިމިގެންދާ އިރު ވެސް ހޮޅީގެ ކޮންމެވެސް މިންވަރެއް ފެންނަން ހުންނާނެ." މުއްތަލިބް ވިދާޅުވިއެވެ.

މިހާރު އަޅާ، ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށްދަނީ އެ 'ކޮފެޑަމް' ނުހިމެނޭގޮތަށްކަމަށާއި، ބަލާބެލުމަށް އެހާރީތި ނުވެދާނެ ކަމަށާއި ނަމަވެސް ސަލާމަތީ ގޮތުން އެއްވެސް ނުރައްކަލެއް ނޯންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ތިބޭފުޅުންނަށް ބަލާބެލުމަށް ތަންކޮޅެއް ހަޑިވެދާނެ. ޗައިނާ ބްރިޖު ހާ ރީތި ނުވެދާނެ ދުރުން، ނަމަވެސް ސަލާމަތީ ގޮތުން އެއްވެސް މައްސަލައެއް ނޯންނާނެ." މުއްތަލިބް ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖު އަޅަން ހަވާލުކޮށްފައިވަނީ ވެސް އިންޑިއާގެ އެފްކޯންސް ކުންފުންޏަށެވެ. ތިލަމާލެ ބްރިޖު މަޝްރޫއަކީ އިންޑިއާ އިން ފައިސާގެ ބޮޑު ބައެއް ދީގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިކަމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އެފްކޯންސްއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރީ 2021 ވަނަ އަހަރުގެ އޮގަސްޓް 26، ގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު