30 އެޕްރީލް 2025

ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ކަމަށްބެލެވޭ 2 ބޯޓު ކޯސްޓްގާޑުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ކަމަށްބެލެވޭ ބޭރުގެ 2 ބޯޓެއް އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ސްރީލަންކާގެ މި 2 މަސްބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުނު ރިޕޯޯޓަކާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އިން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި، މި ދެ މަސްބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ރާއްޖޭގެ އުތުރުން މިމަހުގެ 25 ވަނަ ދުވަހުއެވެ.

މި 2 މަސްބޯޓުގެ ތެރެއިން އެއް ބޯޓުގައި 7 ފަޅުވެރިން ތިބިއިރު، އަނެއް ބޯޓުގައި 6 ފަޅުވެރިން ތިބި ކަމަށާއި، ސްރީލަންކާގެ މި 2 މަސްބޯޓު މިވަގުތު އޮތީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސޮކްޑްރަންގެ ކޯސްޓްގާޑް ޝިޕް ނޫރައްދީނުގެ ބެލުމުގެ ދަށުގައި ހއ.ފިއްލަދޫގައި ބަނދަރުކޮށްފައި ކަމަށާއި، އަދި، މި ދެ މަސްބޯޓު މާލެ ގެނެސް މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ކަމަށްބެލެވޭ ބޭރުގެ 2 ބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައިރު، މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދުގައި ބޭރުގެ މަސް ބޯޓުތަކުން ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުން އަންނަނިކޮށް އެމްއެންޑީއެފުން ހިފަހައްޓާފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައިވެސްވަނީ ރާއްޖޭގެ ސަރަހައްދުގައި ޤަވާޢިދާ ޚިލާފަށް ވަދެ މަސްވެރިކަން ކުރަން އުޅުނު ސްރީލަންކާގެ 5 ބޯޓެއް ހިފަހައްޓާފައެވެ. އަދި މިއިން ކޮންމެ ބޯޓެއް އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށްފަހު އެޖޫރިމަނާ ދެއްކުމުން އެބޯޓުތައްވަނީ ދޫކޮށްލާފައެވެ.

ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުން، ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދަށް ވަދެ ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުމަކީ ޤާނޫނީ ކުށެއް ކަމަށް ކަނޑައެޅިފައިވާއިރު، މަސްވެރިކަމުގެ ޤާނޫނުގައިވާގޮތުން ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަނިކޮށް ހިފަހައްޓާ އުޅަނދުތަކުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ބޮންޑެއް ނުވަތަ ސެކިއުރިޓީއެއް ޑިޕޮޒިޓް ކުރަންދެން އެއުޅަނދު ހިފަހައްޓާފައި ބޭއްވޭނެއެވެ. އަދި ހިފަހައްޓާ އުޅަނދުގައި ހުރީ ހަލާކުވާ ބާވަތުގެ އެއްޗެއްނަމަ އެ ތަކެތި ވިއްކާލެވިދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު