މަޖިލީހުގެ ސުޕަރ މެޖޯރިޓީ، މަދުވެގެން 62 ގޮނޑި ސަރުކާރަށް ލިބޭނެ: ރައީސް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ސަރުކާރު ކޯލިޝަން، ޕީޕީއެމް/ޕީއެންސީން މަދުވެގެން 62 ގޮނޑި ކާމިޔާބު ކުރާނެކަމަށް ކޮންގްރެސް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގެ ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ސަރުކާރު ކޯލިޝަނަށް ސުޕަ މެޖޯރިޓީ ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މަދުވެގެން 62 ގޮނޑި އެ ކޯލިޝަނުން ކާމިޔާނު ކުރާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު އުއްމީދުކުރަނީ އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކާ އެއްގޮތަށް އެކަންތައް ކޮށްދެވޭނެކަމަށް. ކޮށްދީ ރައްޔިތުންގެ އިތުބާރު އަޅުގަނޑުމެންނަށް ދެމެހެއްޓޭނެކަމަށް. އަޅުގަނޑުމެންގެ ހިތުގައި އޮތީ އިހުލާސްތެރިކަން، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި. ހެޔޮނިޔަތާއި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު މަސައްކަތް ކުރުން. އެހެންވެ އެކަންކަން ރައްޔިތުން ބަލައިގަންނާނެ ކަމަށް ގަބޫލުކުރަނީ. އެހެންވީމަ މި ދެންނެވީ އިރާދަކުރެއްވިއްޔާ މަދުވެގެން 62 ގޮނޑި އަޅުގަނޑުމެން ނަގާނަން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދެވުމުގައި މަސައްކަތް ކުރައްވަނީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކުގައި ކަމަށާއި އޭގެ ސަބަބުން ރައްޔިތުންގެ އިތުބާރު ސަރުކާރަށް ދެމެހެއްޓޭނެ ކަމަށާއި، ޕްރައިމަރީގެ ކަންކަން އަމާންކަމާއެކު ކުރިއަށްދިޔަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެހެން އިންތިޚާބުތަކާ އެއްގޮތަށް މި އިންތިޚާބުގައިވެސް މެންބަރުންގެ ކަންބޮޑުވުންތައް ހުރި ކަމަށެވެ.

އިންތިޚާބާ ގުޅޭގޮތުން ޝަކުވާއެއް އޮތްކަމަށްވާނަމަ އެ ޝަކުވާއެއް ހުށަހެޅުމުން ދެފުށް ފެންނަގޮތަށް އެ މައްސަލަ ބައްލަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން، ޕްރައިމަރީތަކުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނާކާމިޔާބުވާ ކެންޑިޑޭޓުން އަމިއްލައަށް އިންތިޚާބުގައި ވާދަކުރާކަން ފާހަގަ ކުރެވޭ ކަމަށާއި، މިފަހަރު އެ މަންޒަރު ނުފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން، ޕްރައިމަރީ ކާމިޔާބު ކުރާ ކެންޑިޑޭޓުންނާ ގުޅިގެން އެހެން ކެންޑިޑޭޓުން މަސައްކަތް ކުރުމަށް އިގުރާރުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އެ މެޗުއަރިޓީ ތަސައްރަފު ފުދުން އަންނަން ޖެހޭ. ޕްރައިމަރީގައި ވާދަކޮށްގެން މޮޅުވާނީ އެކަކު. ބަލިވާ އެންމެން ވާނެ އެކަތިގަނޑަކަށްވާން. އަޅުގަނޑުމެން ވާނީ އިގުރާރުވެފައި ބަލިވާ ކެންޑިޑޭޓުން މޮޅުވާ ކެންޑިޑޭތުންނާއެކު މަސައްކަތް ކުރަން،" ރައީސް ވިދާޅުވިއެވެ.

މިއަދު ޕީޕީއެމް/ޕީއެންސީން 75 ދާއިރާއެއްގެ ޕްރައިމަރީ ކުރިއަށްގެންދިޔައިރު 283 ކެންޑިޑޭޓުން ވަނީ މި ޕްރައިމަރީގައި ވާދަކޮށްފައެވެ. މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 71،597 މީހަކަށް ލިބިފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު