Saturday, 15 June 2024

ކުރީގެ ބައެއް މެމްބަރުން ހިމެނޭގޮތަށް، ޕްރޮގްރެސިވް ކޮންގްރެސްގެ ޓިކެޓް ގިނަ ބަޔަކު ކަށަވަރުކޮށްފި

މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާނެ ބޭފުޅުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި، ކުރީގެ ބައެއް މެމްބަރުން ހިމެނޭގޮތަށް ޕްރޮގްރެސިވް ކޮންގްރެސްގެ ޓިކެޓް ގިނަ ބަޔަކު ކަށަވަރުކޮށްފިއެވެ.

ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ ވޯޓްލުން ކުރިއަށް ގޮސްފައިވަނީ އިއްޔެ ހެނދުނު 10:00 އިން ހަވީރު 5:00 އަށެވެ. ވޯޓްލުމަށް ކަނޑައެޅި ވަގުތުހަމަވިއިރު، ދެތިން ފޮއްޓެއް ފިޔަވައި ހުރިހާ ފޮއްޓެއްގެ ވޯޓްލުން ވަނީ ނިމިފައެވެ.

އަންނަ މާޗުމަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި މެމްބަރުން އިންތިހާބުކުރާ 93 ދާއިރާގެ ތެރެއިން ޕީޕީއެމް ޕީއެންސީގެ ޓިކެޓް ޕްރައިމަރީއަކާއި ނުލައި 13 މީހަކަށް ލިބިފައިވެއެެވެ. އެ ފަރާތްތަކަށް ޓިކެޓް ކަށަވަރުވީ އިތުރު ބަޔަކު އެ ދާއިރާތަކަށް ވާދަނުކުރުމުންމެވެ. މީގެއިތުރުން 3 ދާއިރާއަކަށް އެ ކޯލިޝަނުން ވާދަނުކުރުމަށްވެސް ވަނީ ނިންމާފައެވެ. އެހެންކަމުން ޕީޕީއެމް ޕީއެންސީން ޕްރައިމަރީ ބާއްވާފައި ވަނީ 73 ދާއިރާއަކަށް އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށެވެ.

ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި 283 މީހަކު ވާދަކުރިއިރު، އޭގެ ތެރޭގައި 32 އަންހެނުން ހިމެނެއެވެ. އަދި މި ޕްރައިމަރީގައި ވޯޓުލުމަށް ރާއްޖޭގެ އެކި ރަށްތައް ހިމެނޭހެން 227 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

ބައެއް ދާއިރާތަކުގެ ވަގުތީ ނަތީޖާ ލިބިފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނާއި، މިހާރުވެސް ތިއްބެވި މެމްބަރުން ވަނީ ޓިކެޓް ކަށަވަރުކޮށްފައެވެ. އަދި ކައުންސިލަރުންގެ ތެރެއިންވެސް ބައެއް ބޭފުޅުން ވަނީ މަޖިލިސް ޓިކެޓް ކަށަވަރުކޮށްފައެވެ. މީގެއިތުރުން ސިޔާސީ ދާއިރާއަށް މުޅިން އައު ބޭފުޅުންތަކެއްވެސް ވަނީ ޕީޕީއެމް ޕީއެންސީގެ ޓިކެޓް ކަށަވަރުކޮށްފައެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ދިއްގަރު ދާއިރާގެ ގޮނޑި އެ ދާއިރާގެ ކުރީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ކަށަވަރު ކުރައްވައިފަ އެވެ.

ވިލިމާލެ ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލެވެ. އިނގުރައިދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ 18 ވަނަ މަޖިލީހުގައި އެ ދާއިރާގެ މެންބަރުކަން ކުރެއްވި އިބްރާޙިމް ފަލާހެވެ. އަދި ދިއްދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ޓިކެޓް އެ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ހޯއްދެވި އެވެ.

މާފަންނު ދެކުނު ދާއިރާގެ ޓިކެޓް ކުރީގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހޯއްދެވިއިރު މާފަންނު މެދު ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ އެ ދާއިރާގެ ކުރީގެ މެންބަރު އަސްމާ ރަޝީދެވެ.

ތިނަދޫ އުތުރު ދާއިރާގެ ޓިކެޓް ހޯއްދެވީ އެ ދާއިރާގެ ކުރީގެ މެންބަރު ސައުދުﷲ ހިލްމީ އެވެ. މިލަންދޫ ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ އެ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދެވެ.

މާފުށީ ދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވީ އެންމެ ފަހުން ބޭއްވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރިޒާގެ ކޮއްކޮ ހުސެއިން ރިޒާ އެވެ.

ހުރާ ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ ކ. އަތޮޅު ކައުންސިލްގެ ކުރީގެ ނައިބު ރައީސް އަބްދުﷲ ވާރިސް އެވެ. އޭނާއާ ވާދަކުރެއްވި މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް ވީ ބައްޔެވެ.ޕީޕީއެމް ޕީއެންސީން ބުނާގޮތުން ޕްރައިމަރީގެ ދާއިމީ ނަތީޖާ ކުރިއަށް އޮތް ހަފްތާހާއެއް ދުވަހުގެ ތެރޭގައި އިއުލާންކުރާނެއެވެ.

ތުލުސްދޫ ދާއިރާގެ ޓިކެޓް، މިހާރު ވެސް އެ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ކަށަވަރު ކުރެއްވި އެވެ. ހެންވޭރު އުތުރު ދާއިރާގެ ޓިކެޓް ކާމިޔާބު ހޯއްދެވީ މާލެ ސިޓީ ކައުންސިލްގެ މެންބަރު އަހުމަދު އައިފާން އެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ އެ ސިޓީގެ ކައުންސިލްގެ މެންބަރު މުހައްމަދު ދާއޫދެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ މާޗުމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެހެން ޕާޓީތަކުންވެސް ދަނީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު