15 ޖަނަވަރީ 2025

ރިވެތި އަޚުލާޤު

ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވުނު އެންމެ މަތިވެރި ނަމޫނާ ކަމުގައިވާ އަޅުގަނޑުމެންގެ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ: «إِنَّمَا بُعِثْتُ لِأُتَمِّمَ صَالِحَ الْأَخْلَاقِ» [مسند أحمد 8952] މާނައީ: [ތިމަންކަލޭގެފާނު ފޮނުއްވުނީ ރިވެތި އަޚްލާޤު ފުރިހަމަ ކުރެއްވުމަށްޓަކައެވެ.]

ރިވެތި އަޚުލާޤަކީ އަޅުކަންތަކުގެ ތެރެއިން އެންމެ މާތް އެއް އަޅުކަމެވެ. އަދި އެއީ އިންސާނާ ސުވަރުގެ ވަނުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެކަމަކުން މީސްތަކުން އެންމެ ގިނައިން ސުވަރުގެ ވަންނާނޭ ކަމަކާ ގުޅޭ ގޮތުން ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއާ ސުވާލު ކުރެވުމުން އެކަލޭގެފާނުން ޖަވާބުގައި ޙަދީޘް ކުރެއްވިއެވެ: «تَقْوَىٰ اللهِ وَحُسْنُ الخُلُقِ» [سنن الترمذي 2004] މާނައީ: [اللهއަށް ތަޤުވާވެރިވުމާއި ޚުލުޤު ހެޔޮވުމެވެ.]

ރިވެތި އަޚުލާޤުގައިވަނީ ހުރިހާ ހެޔޮކަމެއް ޖަމާ ކުރެވިގެންނެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. «البِرُّ حُسْنُ الْخُلْق» [صحيح مسلم 2553] މާނައީ: [ހެޔޮ ޢަމަލުތަކަކީ ޚުލުޤު ރަނގަޅުވުމެވެ.]

ހަމައެހެންމެ ޚުލުޤު ހެޔޮވުމަކީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ލޯބި ލިބޭނޭ ކަމެކެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. «إِنَّ مِنْ أَحَبِّكُمْ إِلَيَّ وَأَقْرَبِكُمْ مِنِّي مَجْلِسًا يَوْمَ القِيَامَةِ أَحَاسِنَكُمْ أَخْلَاقًا» [سنن الترمذي 2018] މާނައީ: [ހަމަކަށަވަރުން ޤިޔާމަތް ދުވަހު، ތިމަންކަލޭގެފާނުގެ އަރިހުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެން ވާހުށީ އަދި ތިމަންކަލޭގެފާނާ އެންމެ އަރިސްވެގެން ވާހުށީ، ތިޔަބައިމީހުންކުރެ އެންމެ ޚުލުޤު ހެޔޮ މީހުންނެވެ.]

ޤިޔާމަތްދުވަހު މުސްލިމު އަޅާގެ ޢަމަލުތަކުގެ ތިލަފަތުގައި އެންމެ ބަރުވާނެ އެއްޗަކީވެސް ރިވެތި އަޚުލާޤެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: [ރިވެތި ޚުލުޤަށް ވުރެ މީޒާނުގައި ބަރު އެހެން އެއްވެސް އެއްޗެއް ނުވެއެވެ.] [سنن أبي داود 4799]

އަދި ރިވެތި އަޚުލާޤަކީ އޭގެ ސަބަބުން މުއުމިނު އަޅާ މަތިވެރި ދަރަޖަތަކަށް ވާޞިލުކޮށްދޭ ކަމެކެވެ. މިކަން ބަޔާން ކުރައްވައި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރެއްވިއެވެ: « إنَّ المُؤْمِنَ ليُدرِكُ بِحُسنِ خُلُقِهِ درجةَ الصائِم القائِم» [سنن أبي داود 4798] މާނައީ: [ހަމަކަށަވަރުން ރިވެތި އަޚްލާޤުގެ ސަބަބުން ރޯދަހިފައި ރޭއަޅުކަން ކުރާ މީހާގެ ދަރަޖަ މުއުމިނާއަށް ޙާޞިލުވެދެއެވެ.]

ރިވެތި އަޚުލާޤަކީ އީމާންކަން ފުރިހަމަވުމުގެ ޢަލާމާތެކެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ: [މުއުމިނުންގެ ތެރެއިން އީމާންކަން އެންމެ ފުރިހަމަ ވެގެންވަނީ، އެންމެ ޚުލުޤު ރަނގަޅު މީހުންނެވެ] [سنن أبي داود 4682]

މުސްލިމުންގެ ނަމޫނާ: ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ޚުލްޤުފުޅު

އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އަކީ އެކަލޭގެފާނުގެ މަތިވެރި އަޚުލާޤަށް ޚުދު އެކަލޭގެފާނުގެ ޢަދުއްވުންވެސް ހެކިވާ ބޭކަލެކެވެ. އެކަލޭގެފާނުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ސަބަބުން މުޝްރިކުންނާއި ޔަހޫދީންވެސް އެކަލޭގެފާނުގެ ބެލެހެއްޓެވުމުގެ ދަށުގައި އެބައިމީހުންގެ މުދަލާއި ފައިސާ ބަހައްޓައިއުޅުނެވެ.

ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ޚުލުޤުފުޅާ މެދު ޢާއިޝާ رَضِيَ اللهُ عَنْهَاއާ ސުވާލު ދެންނެވުމުން އެކަމަނާ ވިދާޅުވިއެވެ: «كان خُلُقُه القُرآنَ» [مسند أحمد 24601] މާނައީ: [ފަހެ އެކަލޭގެފާނުގެ ޚުލްޤުފުޅަކީ ޤުރުއާނެވެ.] ކީރިތި ޤުރުއާން އެކަންކަމައިގެން ފޮނުއްވުނު އެންމެހާ ކަންކަން އެންމެ ފުރިހަމައަށް ބަހާއި ޢަމަލުން ދެއްކެވި ބޭކަލަކީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއެވެ. ހެޔޮރަނގަޅު ކޮންމެ ޞިފައެއް އަދި އެ ޞިފައަކާ މެދު الله تَعَالَىٰ މަދަޙަ ވަޙީ ކުރައްވާފައިވާ ކޮންމެ ޞިފައެއް އެކަލޭގެފާނު ކިބައިގައިވެއެވެ. އަދި ގޯސް ހުރިހާ ޞިފައަކާއި އެޞިފައަކަށް މަލާމާތް ޤުރުއާނުގައި އައިސްފައިވާ ކޮންމެ ޞިފައަކުން އެކަލޭގެފާނު ބަރީއަވެގެންވެއެވެ.

އެކަލޭގެފާނު ސިފަކުރައްވަމުން الله تَعَالَىٰ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ: ﴿وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ﴾ [القلم 4] މާނައީ: [އަދި ހަމަކަށަވަރުން ކަލޭގެފާނު ވަނީ މަތިވެރި ޚުލްގުފުޅެއްގެ މަތީގައިކަން ކަށަވަރެވެ.]

•••✧•✧•✧•✧•✧•✧•✧•✧•••

އެޑިޓަރުގެ ނޯޓް:

މި ލިޔުމަކީ، މަދިީނާ ޔުނިވަރސިޓީގެ ދިވެހި ދަރިވަރުންކޮޅެއް، ހިންގާ ޓެލެގްރާމް ޗެނަލެެއް ކަމަށްވާ pathwaymv ގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ. މިލިޔުން "ފިޔަ އޮންލައިން" ގައި ޝާއިޢުކޮށްފައި މިވަނީ އެ ޗެނަލްގެ ހުއްދައާއެކުގައެވެ. އެ ޗެނަލްއަކީ ދީނީ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި، ތަފާތު ޕްރޮގްރާމްތަކެއް ހިންގުމަށް ހެދިފައިވާ ޗެނަލްއެކެވެ. pathwaymv ގެ ލިޔުންތައް ވިދާޅުވާން ބޭނުންފުުޅުވާނަމަ، ތިރީގައިވާ ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

https://t.me/pathway_mv

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު