ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ މިރޭ ކުރިއަށް ގެންދަން ނިންމައި މެމްބަރުންނަށް ޖަލްސާގެ ނޯޓިސް އަނެއްކާ ވެސް ފޮނުވައިފިއެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ އިތުރުން މަޖިލިސް އިންތިހާބުގެ ތާރީޙް ފަސް ކުރުމަށް ބިލް ހުށަހެޅުމަށް ކުރިއަށް ގެންދިޔަ ޖަލްސާގެ ވޯޓު ނެގުމުގެ ކަންކަން ކުރިއަށް ނުގެންދެވި ޖަލްސާ މެދު ކަނޑާލަން ޖެހުނީ ސަރުކާރަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކޮށް ޖަލްސާގެ ނިޒާމް ގެއްލުވާލުމުންނެވެ.
ރުހުން ދިނުމުގެ ވޯޓަށް އެހުމުގެ މަސައްކަތަށް ސަރުކާރަށް ތާއިދުކުރާ މެމްބަރުން ހުރަސް އެޅީ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ނިންމުމާއި ގުޅިގެންނެވެ.
ވަޒީރުންނަށް ރުހުން ނުދޭން ދެ ޑިމޮކްރެޓްސްއިން ނިންމި ވަޒީރުންނަކީ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށެވެ.
އިދިކޮޅު އެމްޑީޕީން ނިންމީ ފޮރިން މިނިސްޓަރު ޒަމީރަށް ރުހުން ދިނުމަށެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދޭން އެމްޑީޕީން ވަނީ ނިންމާފަ އެވެ.