ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން މިހާތަނަށް 100 ހެކްޓަރުގެ ބިން ހިއްކާފައިވާކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ގުޅިފަޅުން ޖުމްލަ ހިއްކުމަށް ހަމަޖެހިފައިވަނީ 150 ހެކްޓަރުގެ ބިމެވެ. އެ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢުގެ މަސައްކަތް ހުއްޓުމެއްނެތި ތާވަލާއެއްގޮތަށް ކުރިއަށްދާކަމަށެވެ. ސަރުކާރުގެ އަމާޒަކީ ބިން ހިއްކުމުގެ މަސައްކަތް އަވަހަށް ނިންމާ، އެތަނުގެ އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ފެށުންކަމަށްވެސް އިމާރަތްކުރުމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މުއްޠަލިބް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޖުލައިމަހުގެ ތެރޭގައެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ ނެދަލޭންޑްސްގެ ބޮސްކާލީސް ކުންފުންޏާއި ޙަވާލުކޮށްގެންނެވެ.
ގުޅިފަޅު މަޝްރޫޢުގެ ދަށުން ގުޅީފަޅު ހިމެނޭ ސަރަޙައްދުން 150 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތްކުރުމަށް ގުޅިފަޅު ފަޅުން، 18 މިލިއަން ކިއުބިކް މީޓަރުގެ ސަރަޙައްދަކަށް ވެލި އެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަށް އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ ޔޫރަޕްގެ 2 ބޭންކެއްގެ ލޯން އެހީގެ ދަށުންނެވެ.
ސަރުކާރުން ވަނީ ގުޅިފަޅާއި ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢަށްވެސް ބިން އިތުކުރެއްވުމަށް ނިންމަވާފައެވެ. ރައީސް ވިދާޅުވީ އެފަޅުތަކުން ހިއްކެން އޮތް އެންމެ ބޮޑަށް ހިއްކަވާ، ގެދޮރުވެރިކަމުގެ މަސައްކަތަށް ބިން އިތުރުކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ.