Thursday, 20 June 2024

ސިނަމާލެ ބުރިޖުގެ މެއިންޓަނެންސް މަސައްކަތް، އިތުރު 3 އަހަރަށް ޗައިނާއިން ހިލޭ ކޮށްދެނީ

ޗައިނާ މޯލްޑިވްސް ފްރެންޑްޝިފް ބުރިޖުގެ މެއިންޓަނަންސްގެ މަސައްކަތް އިތުރު 3 އަހަރަށް ޗައިނާ ސަރުކާރުން ހިލޭ ކޮށްދިނުމަށް ނިންމާފައިވާކަމަށާއި މިކަމާއި ގުޅޭ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރާނެކަމަށް އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

"ޕީއެސްއެމް ނިއުސް"ގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ބުރިޖު 2018 ވަނަ އަހަރު ނިމުނުއިރު ކޮންޓްރެކްޓްގައި އޮތީ 2 އަހަރު ދުވަހަށް ޗައިނާ ސަރުކާރުން ހިލޭ މެއިންޓަނަންސްގެ މަސައްކަތް ކުރުމަށްކަމަށެވެ.

އެ އެގްރިމަންޓް ހަމަވެފައިވަނީ 2020 ވަނަ އަހަރުގެ ނިޔަލަށް ހަމަވެފައިވާއިރު، ވަޒީރު ވިދާޅުވީ، އެ މުއްދަތު ހަމަވުމަށްފަހު ކުނިކަހައި ސާފުކުރުން ފިޔަވައި އެތަނުގައި މެއިންޓަނަންސްގެ މާބޮޑު މަސައްކަތެއް ކުރެވިފައި ނެތްކަމަށެވެ.

ބުރިޖުގެ މެއިންޓަނަންސްއަކީ ހަޤީގަތުގައި ވަރަށް ބޮޑަށް ކުރަންޖެހޭ ކަމެއް ކަމަށާއި، ބްރިޖަށް އަރައިގެން ދާއިރު ހަދާފައި ހުރި ގިޑިގޭގައި ވަރަށް ބޮޑަށް ދަބަރު ޖަހައި ބައެއް އަކުރުތައް ވެއްޓުންފަދަ ކަންކަންވެސް ހިނގާފައިވާކަމަށާއި، ޗައިނާ ސަރުކާރުން އިތުރު 3 އަހަރަށް ހިލޭ މެއިންޓަނަންސްގެ މަސައްކަތް ކޮށްދިނުމަށް ހުށައަޅާފައިވާކަމަށާއި ނަމަވެސް އެއިރުގެ ސަރުކާރުން އެ އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދެވި އެންމެ ބޮޑެތި މަޝްރޫޢުތަކަކީ، ޗައިނާގެ އެހީގައި ކުރިއަށްގެންދިޔަ މަޝްރޫޢުތަކެކެވެ. އަދި އެކަންކަމުގެ މަންފާ ރައްޔިތުންނަށް އެންމެ ފުރިހަމައަށް ލިބެމުންދާ ކަންކަންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ސިނަމާލެ ބްރިޖަކީ ރާއްޖޭގައި މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދިޔަ ތަރައްޤީގެ އެންމެ ބޮޑު އެއް މަޝްރޫއެވެ. މި މަޝްރޫޢު ނިންމައި ބްރިޖް ބޭނުންކުރަން ފަށާފައިވަނީ 2018 ވަނަ އަހަރުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު