Thursday, 25 July 2024

އަނިޔާވެރި ޔަހޫދީންނާ ދެކޮޅަށް އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން ބައިވެރިވުމަށް ނިންމައިފި

ފަލަސްތީނުގެ ޣައްޒާގައި އަނިޔާވެރި ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް، އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ސަރުކާރުން ނިންމަވައިފިއެވެ. ދުނިޔޭގެ ކޯޓުގެ ގޮތުގައި ބަލައި އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން ބައިވެރިވުމަށް ނިންމީ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެ ކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފަހުއެވެ.

މިމައްސަލަ ދެކުނު އެފްރިކާއިން އައިސީޖޭއަށް މައްސަލަ ހުށަހެޅީ 1948 ވަނަ އަހަރު އެކުލަވާލާފައިވާ ޤަތުލްޢާންމު މަނާ ކުރުމާއި އެ ކަން ކުށްވެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުޢާހަދާއާ ޔަހޫދީން ޚިލާފުވެފައިވާ ކަމަށް ބުނެއެވެ. އެ މައްސަލަ އެ ޤައުމުން އައިސީޖޭއަށް ހުށަހެޅީ މިދިޔަ ޑިސެމްބަރު 29 ގައެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޡިމް ވިދާޅުވީ ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން ބައިވެރިވުމަށް ނިންމާފައިވާ ކަމަށާއި، އެ މައްސަލައިގައި ދިވެހި ސަރުކާރުގެ އޭޖެންޓެއްގެ ގޮތުގައި ބަންޑާރަނައިބު އަޙްމަދު އުޝާމް ކަނޑައަޅުއްވާފައިވާ ކަމަށެވެ.

އަނިޔާވެރި ޔަހޫދީންނާއި ދެކޮޅަށް އައިސީޖޭއަށް މައްސަލަ ހުށަހެޅުމާއެކު ވެސް ރާއްޖެއިން އެ ކަމަށް މަރުހަބާ ކިޔާފައިވާއިރު، ސަރުކާރުން ނެރުއްވި ބަޔާނުގައި ވިދާޅުވީ ޔަހޫދީ ފައުޖުން ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ ކުށެއް ނެތް އެތައް ހާސް ރައްޔިތުންނެއް ޝަހީދުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭއިރު، އެއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ބައިނަލްއަގުވާމީ ގާނޫނުތަކަށް ބެލުމެއް ނެތި ޤަތުލްޢާންމު މަނާ ކުރާ މުޢާހަދާއާ ދެކޮޅަށް ހިންގާ ޖަރީމާއެއް ކަމަށް ދިވެހި ސަރުކާރުން ޤަބޫލުކުރައްވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލަ އަވަސްކޮށް ބައިނަލްއަގުވާމީ މުޢާހަދާތަކާއި އިންސާނީ ޙައްޤުތަކަށް އަރައިގެންފައިވާ ފަރާތްތަކަށް އޭގެ ޙައްޤު އަދަބު ދިނުމަށް ވެސް ރާއްޖޭން ވަނީ އައިސީޖޭއަށް ގޮވާލައްވާފައެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ހުޅުވާލުމަށް ގޮވާލައްވައި، ދިވެހި ސަރުކާރުން ވަނީ ޔަހޫދީންގެ ހަމަލާތައް ވަޤުތުން ވަޤުތަށް ހުއްޓާލުމަށް ގޮވާލައްވާފައެވެ.

ހަމައެހެންމެ، ދިވެހި ސަރުކާރުން ގެންދަވަނީ ބައިނަލްއަޤްވާމީ ހުރިހާ ފޯރަމްތަކެއްގައި ވެސް ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި އަޑުއުފުލަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު