ޓެލެކޮމިއުނިކޭޝަން ޚިދުމަތް ދިނުމަށް އުރީދޫ ކުންފުނިން ދައުލަތަށް ދައްކާ ފީ ކުޑަކޮށް، ތެލެސީމިއާ ހޮސްޕިޓަލް އިމާރާތް ކޮށްދިނުމަށް އެ ކުންފުނިން 100 މިލިއަން ރުފިޔާ ދޭން ނިންމައިފިއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން ހިދުމަތް ދިނުމަށް 2005 ވަނަ އަހަރު އޭރުގެ ވަތަނިއްޔާ އަދި މިހާރުގެ އުރީދު އަށް ހުއްދަ ދީފައިވަނީ އެ ކުންފުނީގެ ޖުމްލަ އާމްދަނީގެ ފަސް ޕަސެންޓް އަދި އައިސީޓީ ދާއިރާ ކުރިއަރުވަން އިތުރު އެއް ޕަސެންޓާ އެކު، ޖުމްލަ ހަ ޕަސެންޓް ދައްކާ ގޮތަށް ކަމަށެވެ.
އެ ކުންފުނީގެ ހުށަހެޅުމާ މެދު އިކޮނޮމިކް ކައުންސިލުން މަޝްވަރާކޮށް، އާމްދަނީގެ ފަސް ޕަސެންޓް ދައްކާ ގޮތަށް ނިންމައި، އެޑްވާންސް ޓެކްސް ލައިންގެ ގޮތުގައި ސަރުކާރަށް ދައްކާފައިވާ 100 މިލިއަން ރުފިޔާގެ ބަދަލުގައި 200 މިލިއަން ރުފިޔާއަށް އިތުރުކޮށް، އެ އަދަދު އެއްފަހަރާ ސަރުކާރަށް ދައްކާގޮތަށް ނިންމީއެވެ.
އޭގެ ބަދަލެއްގެ ގޮތުން، ތެލެސީމިއާ ހޮސްޕިޓަލް އިމާރާތް ކޮށްދޭން އުރީދޫން ދޭން ޖެހޭނީ 100 މިލިއަން ރުފިޔާ އެވެ. އެއާ އެކު، ދިރާގާއި އުރީދޫން ދައުލަތަށް ދައްކާ ޓެކްސް އެއްވަރުވާނެއެވެ. އެއީ ފަސް ޕަސެންޓެވެ.
ތެލެސީމިއާގެ ފަރުވާ ރަނގަޅު ކުރުމަށް އެ ބައްޔަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ކެބިނެޓުން ވަނީ މީގެ ކުރިން ނިންމާފައެވެ.