ރުހުން ނުދިން ވަޒީރުން އަލުން އައްޔަން ކުރަން މަސައްކަތް ކުރަނީ

ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ނުދިން ތިން މިނިސްޓަރުން އަލުން އެ މަގާމުތަކަށް އައްޔަން ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މަޖިލީހުން ރުހުން ނުދޭން ފާސްކުރީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ. އެހެން ހުރިހާ މިނިސްޓަރުންނަށް ރުހުން ދޭން މަޖިލީހުން ފާސްކުރި އެވެ.

އެނގިފައިވާ ގޮތުގައި އެ ތިން މިނިސްޓަރުން އަލުން އެ މަގާމުތަކަށް އައްޔަން ކުރުމާ ގުޅޭ ކަންކަން ރައީސް އޮފީހުން މިހާރު ވަނީ ފަށައިފަ އެވެ. އެ ބޭފުޅުންނަށް ހުވާލައި ދެއްވުމަށް ފަނޑިޔާރަކު ހަމަޖައްސަވަން ސުޕްރީމް ކޯޓުގައި ވެސް ރައީސް އޮފީހުން ވަނީ އެދިފައެވެ.

އެހެންވެ، ސުޕްރީމް ކޯޓުން އެ ކަމަށް މިއަދު ޖަވާބެއް ދޭނެ ކަމަށް ބެލެވެއެވެ.

އުޝާމާއި ޑރ. ހައިދަރާއި ޑރ. ޝަހީމް އަލުން މަގާމުގެ ހުވާ ކުރާނެ ވަގުތެއް އަދި ކަނޑަނާޅަ އެވެ. އެކަމަކު، އެ ބޭފުޅުން އަލުން މަގާމުގެ ހުވާކުރެއްވުމާ މެދު ރައީސް އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ.

ރުހުން ނުލިބުނު މިނިސްޓަރުންގެ ވޯޓުގެ ތަފުސީލް:

އުޝާމް – ފެންނަ ކަމަށް 24، ނުފެންނަ ކަމަށް 44

ޑރ. ޝަހީމް – ފެންނަ ކަމަށް 30، ނުފެންނަ ކަމަށް 31، ވަކި ގޮތަކަށް ވޯޓު ނުދޭ 8

ޑރ. ހައިދަރު – ފެންނަ ކަމަށް 23، ނުފެންނަ ކަމަށް 46

ގާނޫނުއަސާސީގެ 129 ވަނަ މާއްދާގައި ބުނާ ގޮތުން މިނިސްޓަރުން އައްޔަން ކުރުމަށް ފަހު އެ ބޭފުޅުންނަށް ރުހުން ހޯދަން ހަތް ދުވަސް ތެރޭގައި މަޖިލީހަށް ފޮނުވަން ޖެހެއެވެ.

އެހެންކަމުން، ރުހުން ނުލިބުނު ވަޒީރުންގެ ނަންތައް އަނެއްކާވެސް ހަތް ދުވަސް ތެރޭގައި މަޖިލީހަށް ފޮނުވަން ޖެހެއެވެ.

މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީގައި އޮތް އިރުއެ ޕާޓީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅަން ވެސް ނިންމައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު