23 އެޕްރީލް 2025

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ މިއަހަރުގެ އެކްޝަން ޕްލޭން އިފްތިތާޙްކޮށްފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަހަރުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަންކަން އެކުލަވާލާ ތައްޔަރުކޮށްފައިވާ އެކްޝަން ޕްލޭން އިފްތިތާޙްކޮށްފިއެވެ. މި އެކްޝަން ޕްލޭން އިފްތިތާޙްކޮށްފައިވަނީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

އެ ވުޒާރާއިން އެކުލަވާލަފައިވާ އެކްޝަން ޕްލޭނަކީ އިސްލާމްދީނުގެ ޝިއާރުތައް ފާޅުކުރުމާއި ދީނީ މަޢުލޫމާތު ފެތުރުމުގައި ފަސޭހަ ގޮތްތަކެއް ޤާއިމްކޮށް ދިވެހިންގެ މެދުގައި ދީނީ އެއްބައްވަންތަކަށް ދަމަހައްޓާއި ދީނީ ގޮތުން ހޭލުންތެރި މުޖުތަމައުއެއް ބިނާކުރުމުގެ އަމާޒުގައި އެކުލަވާލާފައިވާ ޕްލޭންއެކެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މި އެކްޝަން ޕްލޭންގައި ހިމަނާފައިވާ ކަންތައްތަކަކީ ރާއްޖޭގެ ޤައުމީ މަސްލަހަތަށާއި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް ވަރަށް ބޮޑަށް ގުޅުން ހުރި ކަންތައްތަކެއްކަމަށެވެ. އަދި މި ޕްލޭންގައި ހިމެނޭ ކަންކަން ހާސިލްކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ މުވައްޒަފުން ގުޅިގެން މަސައްކަތް ކުރުމަށް ޝަހީމް އިލްތިމާސްކުރެއްވިއެވެ.

މި އެކްޝަން ޕްލޭންގައި އިޖްތިމާޢީ ރައްކާތެރިކަމުގެ ވިއުގައިގެ ތެރެއިން ލިބޭ ހުރިހާ އެހީތެރިކަމެއް އަދި އިނާޔަތްތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މަހުރޫމްވިއަ ނުދިނުމަށްޓަކައި ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ހިމަނާފައިވެއެވެ. އެގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ހަރާކާތްތައް ސައިން ލޭންގުއޭޖުން ގެނެސްދިނުމަށް ހިމަނާފައިވެއެވެ. ހަމައެހެންމެ، ޚާއްސައެހީތެރިކަމަށް ބޭނުންވާ މީހުންނަށް އިސްލާމީ މަރުކަޒުގައި ފަސޭހައިން ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެއްސުންވެސް ހިމެނެއެވެ.

މި ޕްލޭންގައި މިސްކިތްތަކުގެ ހާލަތު ދެނެގަތުމާއި މިސްކިތްތަކުގައި ހުރި މައްސަލަތައް ހައްލުކުރުވުމަށް މަސައްކަތް ކުރުމަށް ހިމަނާފައިވާއިރު، ދަޢުލަތުގެ ބަޖެޓުގެ އިތުރުން މިސްކިތްތަކުގެ މަރާމާތަށް ބޭނުންވާ ފައިސާ ހޯދާނެ ނިޒާމެއް ޤައިމްކުރުމާއި ބަޖެޓް 3 ގުނަ އިތުރުކުރުމަށް މަސައްކަތް ކުރުމަށް ހިމަނާފައިވެއެވެ.

މި އެކްޝަން ޕްލޭންގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ހިންގަމުންދާ ޕްރޮގްރާމްތައް އިތުރުކުރުމުގެ ގޮތުން ހަރަކާތްތައް ކުރިއަށް ގެންދިޔުމަށްވެސް ނިންމާފައިވެއެވެ. އެގޮތުން ތަމްރީން ޕްރޮގްރާމަތައް ހިންގުމާއި، ކީރިތި ޤުރުއާނާ ގުޅުން ހުރި ފޮތްތައް ތަރުޖަމާ ކުރުމުގެ އިތުރުން ޤުރުއާން ކްލާސްތައް އިތުރުކުރުމާއި ރަށްރަށުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް އިތުރުކުރުމަށްވެސް އެކްޝަން ޕްލޭންގައި ހިމަނާފައިވެއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަޤްފުތައް ޤާއިމްކުރުމުގެ އިޖްރާއީ މަސައްކަތް ފުރިހަމަ ކުރުމާއެކު ވަޤްފުގެ 6 މަޝްރޫޢުއެއް މިއަހަރުގެ ތެރޭގައި ފެށުމަށް މި އެކްޝަން ޕްލޭންގައި ހިމެނާފައިވެއެވެ. އަދި ހައްޖުވެރިންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދީ ހައްޖަށް ދެވޭ އަގު މިހާރަށްވުރެ ކުޑަކުރުމަށް މަސައްކަތް ކުރަން ހިމަނާފައިވެއެވެ.

ހަމައެހެންމެ، ޢުމްރާ ގުރޫޕްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ކޮންފަރެންސެއް ބެއްވުމާއި، ޙައްޖާއި ޢުމްރާ ޕޯޓަލްއެއް ޤާއިމްކުރުން ހިމެނެއެވެ. އަދި ޒާކާތުގެ ކަންކަން ހަރުދަނާކުރުމަށް ހަރަކާތްތައް ހިންގުމާއި ހާފިޒުންގެ އެލަވަންސް ދެގުނައަށް ބޮޑުކުރުމަށް މަސައްކަތް ކުރުމަށްވެސް އެ ޕްލޭންގައި ކަނޑައަޅާފައިވެއެވެ. މީގެ އިތުރަށްވެސް އެ ވުޒާރާގެ މެންޑޭޓްގައި ހިމެނޭ ގިނަ ކަންތައްތަކެއް ހާސިލްކުރުމަށްޓަކައި މަސައްކަތް ކުރުމަށް މި ޕްލޭންގައި ހިމަނާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު