އިހަވަންދިއްޕޮޅު މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް މިއަހަރު ތެރޭގައި ފެށިގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އިހަވަންދިއްޕޮޅު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މާސްޓަރ ޑިވެލޮޕަރަކަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކަނޑައަޅާފައިވާއިރު، އިހަވަންދިއްޕޮޅު ތަރައްޤީކުރާނީ "މޯލްޑިވްސް އިކޮނޮމިކް ގޭޓު ވޭ"ގެ ނަމުގައިކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަސް ފަހަގަކުުރުމަށް ބޭއްވި ޙަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހުރިއްޔާގެ ވިސްނުންފުޅަކީ މި އަހަރުގެ ތެރޭގައި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ފެށުން ކަމަށެވެ. އެކަމަށްވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށެވެ.
ވަޒީރު ވިދާޅުވީ، މި މަޝްރޫޢާއެކު ކަސްޓަމްސްގެ ޚިދުމަތްތަކަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި، އިތުރު ޒިންމާތަކެއް އަންނާނެ ކަމަށެވެ.
ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ކަސްޓަމްސް ބިލްޑިންގް ގައި ބޭއްވުނު ޖަލްސާ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު ޝަރަފްވެރި ކޮށްދެއްވައިފި.
މިޖަލްސާގައި މިނިސްޓަރ ވަނީ އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރ ގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވާފަ. pic.twitter.com/LMujLGpedq— Ministry of Economic Development and Trade (@MoEDmv) January 29, 2024
"ކަސްޓަމަސްގެ ޒިންމާއަކަށް ދެންވާންވާނީ މެރިޓައިމް އިކޮނޮމީއެއް ފުޅާވެގެންދާއިރު، މެނޭޖްމަންޓް ސިސްޓަމްތަކާއި، އޮޕަރޭޓިންގ ސިސްޓަމްތަކާއި، ހިއުމަން ރިސޯސަސް އާއި ވަސީލަތްތައް ތަރައްޤީކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސް ތަރައްޤީގެ ޒަމާނަކަށް ސިސްޓަމްތައް ވާސީލްވުން،" ވަޒީރު ވިދާޅުވިއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯނަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމުގެ މަޤްޞަދުގައި ޚާއްސަ މެންޑޭޓަކާއެކު އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ކުންފުންޏެކެވެ. މި ކުންފުންޏަކީ ސަރުކާރު ހިއްސާވާ 5 ކުންފުނީގެ މައްޗަށް އެކުލަވާލެވޭ ކުންފުންޏެކެވެ. މޯލްޑިވްސް އިކޮނޮމިކް ގޭޓު ވޭ ތަރައްޤީކުރާނީ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި މެރިޓައިމްއާއި، އިންޓަގްރޭޓެޑް ޓޫރިޒަމްގެ ވަޞީލަތްތަކާ އެކުއެވެ.
ސަރުކާރުން ނިންމަވާފައިވާ ގޮތުގައި، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންގެ ނަމުގައި އުފެއްދި ކުންފުނީގައި ހިމެނެނީ އެސްޓީއޯއާއި، އެޗްޑީސީއާއި، އެމްޕީއެލްއާއި އެމްޓީސީސީއާއި އެމްއޭސީއެލްއެވެ. މި 5 ކުންފުންޏާއެކު އުފައްދާ މައި ކުންފުނީގެ ދަށުން ފްރީ ޓްރޭޑް ޒޯންތައް ކަނޑައެޅުމުގެ ހުއްދައަށް އެދި ބޯޑް އޮފް އިންވެސްޓްމަންޓަށް ހުށައެޅުމަށްވެސް ސަރުކާރުން ނިންމަވާފައިވެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ޔާމީނު ވެރިކަމުން ފެށިގެން ކޮންމެ އިންތިހާބަކަށް ތިކަން ފަށާ.. އަބަދުވެސް ފަށަނީ ފަށަނީ.. ހަމަ ކޮންމެ އިންތިޚާބަކަށް ފަށައޭ.. ނިމި ދިޔަ ސަރުކާރުގަވެސް.. ރައީސް މުއިއްޒުއަށް ތިކަން ވެއްޖެއްޔާ އެއީ ހީރޯއެއް..