Saturday, 22 June 2024

ވަޒީރުންނަށް ރުހުން ދިން ވޯޓުގައި އެމްޑީޕީގެ މެންބަރުން އެޕާޓީގެ ވިޕާ ޚިލާފުވެއްޖެ

ވަޒީރުންގެ މަޖިލީހަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އައްޔަން ކުރެއްވި ބޭފުޅުންގެ ތެރެއިން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދަށް މަޖިލީހުގެ ރުހުން ދިން ވޯޓުގައި އެމްޑީޕީގެ ފަސް މެމްބަރަކު ވިޕާ ހިލާފުވެއްޖެއެވެ.

ބާކީ ތިއްބެވި ހަތަރު ވަޒީރުންނަށް ރުހުން ނުދޭން ފާސްވި ނަމަވެސް، އެ ބޭފުޅުންނަށް ނެގި ވޯޓުތަކުގައި ވެސް އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ވިޕާ ހިލާފަށް ވޯޓު ދެއްވައިފައެވެ.

އެންމެ ވޯޓެއްގެ ތަފާތުން ރުހުން ނުލިބުނު ޑރ. ޝަހީމަށް، އެމްޑީޕީގެ ހަ މެމްބަރެއްގެ ވޯޓު ލިބިވަޑައިގެންނެވިއެވެ. ބަންޑާރަ ނައިބު އުޝާމަށް ރުހުން ދޭން ފެންނަ ކަމަށް އެމްޑީޕީގެ މެމްބަރަކު ވޯޓު ދެއްވި އިރު، ތިން މެމްބަރަކު ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ. ހައިދަރަށް ރުހުން ދޭން ނެގި ވޯޓުގައި އެމްޑީޕީގެ މެމްބަރަކު ވަނީ ވިޕާ ހިލާފުވެވަޑައިގެންފައެވެ.

ޕާޓީގެ ވިޕާ ހިލާފަށް ސައީދަށް ރުހުން ދޭން އިއްޔެގެ ޖަލްސާގައި ނެގި ވޯޓުގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު އަދި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވަނީ ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވައިފައެވެ.

އެކަމަކު، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ސައީދުގެ އިތުރުން، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި ބަންޑާރަ ނައިބު އަޙްމަދު އުޝާމަށް ރުހުން ނުދޭން އެމްޑީޕީން ވަނީ ވިޕެއް ނެރެފައެވެ.

އަދި، ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ތަޅުމުގައި އިންނެވި ނަމަވެސް ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

މިނިސްޓަރު ސައީދަށް ރުހުން ދިނުމަށް މަޖިލީހުން ފާސްވީ ވެސް ފަސް ވޯޓުގެ ފަރަގުންނެވެ. އެއީ ވޯޓު ދެވޭ 71 މެމްބަރުންގެ ތެރެއިން ނުފެންނަ ކަމަށް 32 ވޯޓު އަދި ފެންނަ ކަމަށް 37 ވޯޓު ލިބިވަޑައިގަނެގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު