Wednesday, 22 May 2024

ފޭކް ސެޓްފިކެޓްތަކެއް ގެންގުޅޭތީ ސަމާލުވުމަށް އެމްކިޔުއޭ އިން އެދިއްޖެ

ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ކިޔަވާފައިވާ ކަމަށް ހަދައިގެން ފޭކް ސެޓްފިކެޓްތަކެއް ގެންގުޅޭތީ އެކަމަށް ވަޒީފާ ދޭ ފަރާތްތަކާއި މަތީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކުން ސަމާލުވުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން އެދިއްޖެއެވެ.

އެމްކިޔުއޭ އިން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒުތަކުން ކުރިއަށް ގެންދާ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރުމުންދޭ "ލޯކަލް" ސެޓްފިކެޓްތަކުގައި "ރިކޮގްނިޝަން" ތައްގަނޑު ޖެހުން ސެޕްޓެމްބަރު 1، 2016 ގައި ވަނީ ހުއްޓާލައިފައެވެ.

އެ އޮތޯރިޓީގެ ފޭކު ރިކޮގްނިޝަން ތައްގަނޑާއި މުވައްޒަފެއްގެ ސޮއި ކޮށްފައިވާ ސެޓްފިކެޓްތަކެއް ބޭނުންކުރަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، ފޭކް ސެޓްފިކެޓް ބޭނުންކުރުމުގެ ސަބަބުން ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގަށް އުނިކަން އަންނަ ކަމަށާއި އެއީ އެ އޮތޯރިޓީން މަތީ ތައުލީމާއި ތަމްރީނުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތާ މެދު ވެސް އާންމުންގެ މެދުގައި ސުވާލު އުފެދެން މެދުވެރިވާ ކަމެއް ކަމަށް އެ ބަޔާނުގައިވެއެވެ.

"މިފަދަ ކަންކަމަށް މަތީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކުންނާއި ވަޒީފާ ދޭ ފަރާތްތަކުން ސަމާލުކަން ދެއްވުމަކީ މި އޮތޯރިޓީގެ ވަރަށް ބޮޑު އެދުމެއް،" ބަޔާނުގައިވެއެވެ.

އެމްކިޔުއޭ އިން ވިދާޅުވެފައިވަނީ އެ މައްސަލަ ބެލުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅެމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *