ޖުމްހޫރީ ޕާޓީގެ 163 ވަނަ ކައުންސިލް ބައްދަލުވުމަށްފަހު
މިއީ މީގެ ދެ ދުވަސް ކުރީގެ ވާހަކަތަކެކެވެ. ޖުމްހޫރީ ޕާޓީގެ 163 ވަނަ ކައުންސިލް ބައްދަލުވުމަށްފަހު މީޑިއާތަކާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޤާސިމު ވިދާޅުވި ވާހަކަފުޅަށް ފުރަތަމަ ބަލާލަމާ ހިނގާށެވެ. އިންޑިއާއާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅޭގޮތުން އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ދެއްކެވި ވާހަކަފުޅުތަކާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި ޤާސިމް ވިދާޅުވީ، ރައީސްގެ މި ދަތުރުފުޅަކީ ކިތަންމެހާ ވެސް ކާމިޔާބު ދަތުރުފުޅަކަށްވީ ނަމަވެސް، ދަތުރުފުޅަށްފަހު އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ޤާސިމް މަރުހަބާ ވިދާޅުނުވާނެ ބައެއް ވާހަކަތައް އެބަހުރި ކަމަށެވެ.
"ރައީސް ޑރ. މުއިއްޒު ޗައިނާއަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަށްފަހު، އެމަނިކުފާނު ރާއްޖެ ވަޑައިގެން ދެއްވި އިންޓަވިއުގައި ވިދާޅުވި ބައެއް ބަސްފުޅުތައް، އަޅުގަނޑު ދަންނަވާނީ އޭގެތެރެއިން ބައެއް ބަސްފުޅުތައް އެބަހުއްޓޭ އަޅުގަނޑު މަރުހަބާ ނުކިޔާނެ. އެއީދެން އަވަށްޓެރި ގައުމަކާއި އަޅުގަނޑުމެންނާ ދެމެދު އޮތް ގުޅުމަށް ނިސްބަތްވާގޮތަށް، ނަން މެންޝަން ނުކުރެއްވި ނަމަވެސް، (އާސަންދައިން ފަރުވާ ހޯދަން) ބޭހަށް މީހުން ފޮނުވުމުގައި ދުބާއީއާއި ބެންކޮކަކީ މާ ރަނގަޅު ތަނެއްކަމަށް ދޭހަވާގޮތަކަށް މިހާރު ދާ ގައުމުތަކަށްވުރެ. އަޅުގަނޑު ދަންނަވާނީ އެއީ ގޯހެކޭ. އިންޑިއާ އެ ފީލްޑުގައި މާ ކުރީގައި އޮތީ. އިންޑިއާގައި ތިބި ޑޮކްޓަރުންނާއި ފެސިލިޓީތައް ފަހަތަށް ޖައްސާލެވޭ ވަރަށް އެ ތަންތަން އަދި ކުރިއަރައިގެން ނުދޭ". ޤާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމް ބޭސްފަރުވާގެ ޚިދުމަތް ހޯދުމުގައި އިންޑިއާއަށްވުރެ ތައިލެންޑާއި ދުބާއި ފަހަތުގައި އޮތްކަމަށް ޤާސިމް ވިދާޅުވިއިރު، އެ ގައުމުތަކުގައި މި ޚިދުމަތް 80 އިންސައްތަ އަގުބޮޑުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ގިނަ ގައުމުތަކަކުން ދިވެހި ރައްޔިތުންނަށް އާސަންދައިން ބޭސްފަރުވާ ހޯދުމުގެ ފުރުސަތު ލިބުމަކީ އެމަނިކުފާނު ވެސް އެދިވަޑައިގަންނަވާ ކަމެއް ކަމަށާއި، ވީހާވެސް ގިނަ ގައުމުތަކުން އެ ފުރުސަތު ރައްޔިތުންނަށް ހޯދައިދިނުމަށް ރައީސްގެ ކިބައިން އެދިވަޑައިގަންނަވާކަމަށް ޤާސިމް ވިދާޅުވިއެވެ.
ދަތުރުފުޅަށްފަހު ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއަކީ އެއްވެސް ގައުމެއްގެ "ބެކްޔާޑުގައި" އޮތް ގައުމެއް ނޫންކަމަށާއި ރާއްޖެ ކިތަންމެ ކުޑަވިޔަސް އެއްވެސް ގައުމަކުން ރާއްޖެއަށް "ބުލީ" ނުކުރެވޭނެކަމަށް ވިދާޅުވެ، އިންޑިއާއަށް އަމާޒުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅަކީ ވެސް، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ދެއްކުން އެންމެ އެކަށީގެންވާ ވާހަކަފުޅެއް ނޫންކަމަށް ޤާސިމް ވިދާޅުވިއެވެ. މިފަދަ ވާހަކަފުޅެއް ދެއްކެވުމަށް ނުވަތަ "ޖަޒުބާތުގައި" ރައީސް ޖެހިވަޑައިގަންނަވަން މެދުވެރިވި ސަބަބަށް ޤާސިމް އަލިއަޅުއްވާލެއްވިއެވެ.
"އެކަން އެހެން ދިމާވެފައި އޮތީ، ތިބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ނުދެންނެވިޔަސް، އިންޑިއާގެ ރައްޔިތުންނާއި ދިވެހި ރައްޔިތުންނާ ދެމެދު މި ހިތްހަމަނުޖެހުން އުފައްދަން ފުރަތަމަ ބިސްމި އެޅީ ކާކުކަން. އިންޑިއާ އައުޓް ޖަހައިގެން އުޅުނީ. ކާކުކަން އެ ވާހަކަ އަމިއްލަ މިލްކިއްޔާތެއްގެ ގޮތުގައި ހަދައިގެން އުޅުނީ. އޭގެތެރޭގައި އުޅުއްވި ބޭފުޅެއް ރައީސް ޑރ. މުއިއްޒު އަކީވެސް. ކަންދިމާކުރިގޮތުން އެމަނިކުފާނުވެސް އެބޭފުޅާގެ އެ ވާހަކައިގެ ތެރޭގައި ބައިވެރިވެވަޑއަިގެންނެވީ. ޔާމީނުގެ ވާހަކަ އަޅުގަނޑު މި ދައްކަވަނީ. ޔާމީނު އެ ހަމަނުޖެހުން އުފެއްދުމަށްޓަކައި ދިވެހިރާއްޖޭގެ ރައްޔިތުންނާއި އިންޑިއާގެ ރައްޔިތުންނާ ދެމެދު ފިތުނަވެރިކަން އުފެއްދުމަށްޓަކައި އިންޑިއާ އައުޓު ޖަހައިގެން އެވާހަކަ ދެއްކެވި ބޭފުޅަކީ އެއީ".
ރައީސް މުޢިއްޒުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅަށް ޤާސިމްގެ ތައުރީފު
މީގެ ފަނަވަރަކަށް ދުވަސް ކުރީގެ ވާހަކަތަކެކެވެ. މިއީވެސް ހަމަ ޤާސިމެވެ. އެއީވެސް ހަމަ ޤާސިމެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވަނީ ތަޢުރީފް ކުރައްވާފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޤާސިމް ވަނީ ރައީސް ޑރ. މުއިއްޒު ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ޤައުމަށް ކުރެއްވި ނުހަނު ކާމިޔާބު ފުރަމާނަ ދަތުރުފުޅަށްފަހު މާލެ ވަޑައިގެންފައިވާތީ އެމަނިކުފާނާއި އަދި އަރިހުގައި ގެންދެވި ދިވެހި ވަފުދަށް ނުހަނު މަރުޙަބާއާއި ތަޙްނިޔާ ފޮނުއްވާފައެވެ.
ޤާސިމް ވިދާޅުވީ، މިދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ދެކެވުނު ރަސްމީ ވާހަކަތަކުގެ ތެރެއިން ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް ދެއްކުމުގައި ކުރިއަށް އޮތް ފަސްއަހަރު ތެރޭގައި ބޮޑެތި ލުއިތަކެއް ހަމަޖެހިގެންދާނެކަމުގެ އުފާވެރި ޚަބަރު ދިވެހީންނަށް ދެއްވީތީ ނުހަނު އުފާކުރާ ކަމަށެވެ.
ރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް، ރާއްޖެއަކީ މިނިވަން މުސްތަޤިއްލު ޤައުމެއް ކަމަށާއި، ޗައިނާއިން ރާއްޖޭގެ ސަރަަހައްދީ ނަޒާހަތްތެރިކަމަށާއި މިނިވަންކަމަށް، ފުރިހަމައަށް އިޙްތިރާމުކުރާކަމަށާއި، ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރުގެ ބޮޑު ގްރާންޓެއް ރައީސް ޑރ. މުއިއްޒުގެ މިދަތުރުފުޅުގައި ލިބިގެންގޮސްފައިވާއިރު، އެތަކެއް ދާއިރާއިން އެތަކެއް ބިލިއަން ޑޮލަރުގެ ތަރައްޤީގެ އެއްބަސްވުންތަކުގައި ސޮއިކުރެވިގެން ގޮސްފައިވާކަމީ މިދަތުރުފުޅުގެ ސަބަބުން މިޤައުމަށް ލިބިގެން ދިޔަ ނުހަނު ބޮޑު ކުރިއެރުމެއް ކަމުގައި ޤާސިމް ދެކެވަޑައިގަންނަވައެވެ.
މިދަތުރުފުޅުގައި ޗައިނާއިން ރާއްޖޭގެ ރައީސްއަށް ކިޔުއްވާފައިވާ މަރުޙަބާއަކީ މިހާތަނަށް މިގައުމުގެ ވެރިޔަކަށް ޗައިނާގައި އަރިސްކޮށްފައިވާ އެންމެ ހޫނު މަރުހަބާ ކަމަށް ޤާސިމް ފާހަގަކުރައްވާއިރު، ޤާސިމް ޤަބޫލުކުރައްވާ ގޮތުގައި ރާއްޖޭގެ އެއްވެސް ވެރިޔަކު މިފަދަ ކާމިޔާބު ފުރަމާނަ ދަތުރުފުޅެއް މިހާތަނަށް ކުރައްވާފައެއް ނުވެއެވެ.
ރައީސްގެ މިކާމިޔާބު ދަތުރުފުޅުގެ ސަބަބުން ދިވެހި ޤައުމަށް މަނިކުފާނު ހޯއްދަވައިދެއްވި އެހީތެރިކަމާއި، ޤައުމަށް ލިބިގެން ދިޔަ ކުރިއެރުންތަކަށްޓަކައި، އެމަނިކުފާނާއި ޖުމްހޫރީ ޕާޓީގެ ފަރާތުން ރައީސް ޑރ. މުއިއްޒަށް ނުހަނު އުފަލާއެކު ޝުކުރާއި ތަޙްނިޔާ އަދި މުބާރަކްބާދު ޤާސިމްގެ ޕޯސްޓުން ވަނީ ދަންނަވާފައެވެ.
ދިވެހި ރާއްޖޭގެ ޢިއްއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު @MMuizzu ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް އެ ޤައުމަށް ކުރެއްވި ނުހަނު ކާމިޔާބު ފުރަމާނަ ދަތުރުފުޅަށްފަހު މިއަދު މާލެ ވަޑައިގެންފައިވާތީ އެމަނިކުފާނާއި އަދި އަރިހުގައި ގެންދެވި ދިވެހި… pic.twitter.com/ZT36YQ9gHY
— Qasim Ibrahim (@qasimibrahim) January 13, 2024
ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ކުރިން ފެނުނު ފޮޓޯ
މިއީ އެންމެންގެ ސަމާލުކަމަށް އައި ފޮޓޯގަނޑެވެ. ރައީސަށް އަލްވަދާއު ވިދާޅުވާން އެއާޕޯޓަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން މީޑިއާ އާއި އެންމެންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީ ނަހުލާ އަށެވެ.
ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ކުރީން، ވީއައިއޭގެ ވީއަައިޕީ ލަައުންޖުގައި ރައީސް މުއިއްޒު، ކުރީގެ މިނިސްޓަރު ނަހުލާއާ ވަކީން ވާހަކަފުޅު ދައްކަވަނީ
ރަައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ފުރަމާނަ ދަތުރުފުޅެއް ގައި ޗައިނާއަށް ފުރާވަޑައިގަންނަވާތީ، އެމަނިކުފާނު ވަޑައިގަންނަވާނެ ވަގުތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ލަައުންޖުގެ ބޭރުގައި ދައުލަތުގެ ވަޒީރުންނާއި ކޯލިޝަން ޕާޓީތަކުގެ އިސް ބޭފުޅުންނާއި ސަރުކާރުގެ އެކި ފެންވަރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ކުންފުނިތަކުގެ ވެރީންނާއި ސަރުކާރު ގައި ބައިވެރިވާ ޕާޓީތަކުގެ މަޖިލީސް މެންބަރުން ދިގު ސަފެއްގައި ތިއްބެވިއެވެ.
ރައީސްގެ ދެކަނބަލުން ވަޑައިގެން ފަަހަރަކު ބޭފުޅަކާ ސަލާމް ކުރައްވަމުން ވަޑައިގަތެވެ. އެވަގުތު ވީއައިއޭގައި ތިބި ނޫސްވެރީންނާއި ހުދު ރައީސަށް ވެސް ކޮންމެވެސް ވަރެއްގެ ހައިރާން ކަމެއް ގެނުވީ ސަފުގެ އެންމެ ފަހަތުކޮޅުގައި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހުންނެވުމުންނެވެ.
ޤާސިމުގެ އަނބިކަނބަލުން ޢާއިޝަތު ނަހުލާއަކީ ރައީސް ޞާލިހްގެ ވެރިކަމުގެ ފަސް އަހަރު ޓްރާންސްޕޯޓް މިނިސްޓަރެވެ. ކެމެއް ނުކުރެއްވިޔަސް އެއީ ހަމަ އެ ފަސް އަހަރުގެ މިނިސްޓަރެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައީސް ޞާލިހް ބަލިކުރެއްވުމަށްފަހުގައެވެ. ރިޔާސީ އިންތިހާބުގައި ނަހުލާ ހުންނެވީ ފިރިކަލުން ގާސިމް އިބްރާހިމްގެ ފަހަތްޕުޅުގައި އެމަނިކުފާނަށް ކެމްޕޭން ކޮށްދެއްވާށެވެ. ވަރަށް ދަށް ނަތީޖާ އަކުން ފުރަތަމަ ބުރުން ގާސިމް ބަލިވެވަޑައިގެންނެވުމާއެކު މަންޒަރުން ނަހުލާ ގެއްލުނީއެވެ. ރައީސް ޞާލިޙުގެ ސަރުކާރުގެ މިނިސްޓަރަކަށް ހުރެމެ، ދެވަނަ ބުރުގައި ރައީސް ޞާލިޙަށް ނަޙްލާ ތާޢީދުވެސް ނުކުރެއްވިއެވެ.
މިއީ ހަމަ ނަހުލާއެވެ. ސަމާލުކަން ހުއްޓޭނެ ތާއެވެ. އެފަދަ ބޭފުޅަކު ރައީސް މުއިއްޒަށް އަލްވަދާއު ދަންނަވަން އެއާޕޯޓަށް ވަޑައިގެންނެވުމަކީ ކުއްލި ހައިރާންކަމެއް ގެނުވި ކަމެވެ.
އެކަމަކު ފޮރުވިފައިވާ ސިއްރު ވަންހަނާ ވާނީ ކިހިނަކުންތޯއެވެ؟
ޖެހުނީ ކޮން މައްސަލައެއް
މިހާރު ދިމާވެގެން މިއުޅެނީ މަޖިލިސް އިންތިޚާބުގެ މައްސަލައެވެ. ޤާސިމުގެ އަނބިކަނބަލުން ޢާއިޝަތު ނަހްލާ އަންނަ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލައްވަން ނިންމަވައ،ި ސަރުކާރުގެ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނެވުމަށް ކުރެއްވި މަސައްކަތް ނާކާމިޔާބު ވުމާ ގުޅިގެން އުފެދުނު ނުތަނަވަސްކަމުގެ ސަބަބުން އުފެދުނު ރުޅިގަނޑު ފަޅައިގެން ދިޔައީއެވެ. އެ ދާއިރާއަށް ޕީޕީއެމް ޕީއެންސީ ކެންޑިޓަކު ނިކުންނަވަން ޕްރޮގްރެސިވް ކޮންގްރެސް ކޮލިޝަނުން ނިންމެވުމުން އުފެދުނު ރުޅިގަނޑު ފަޅައިގެން ދިޔައީއެވެ. އެހެންކަމުން، އެ ގޮނޑި ނަހުލާއަށް ކާމިޔާބު ކުރުމުގެ ފުރުޞަތު ހަނިވީއެވެ.
އައްސަލާމް ޢަލައިކުމް
2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނުދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން މާތް ﷲގެ ވާގިފުޅާއިއެކު އަޅުގަނޑު ޢައިޝަތު ނަހުލާ(ޢައިޝާ)ކުރިމަތިލުމަށް ނިންމައިފީމެވެ.1/2
— Aishath Nahula (@aishath_nahula) January 1, 2024
ޖެހުނީ ލޯބިވާ އަނބިމީހާއަށް ޕީއެންސީގެ ޓިކެޓް ނުލިބުމުގެ މައްސަލަކަން މި އޮތީ ފެންނާށެވެ.
އިސްލާމިކް މިނިސްޓަރު ސަހީމް އެތެރެކުރަން މަދުވީ އެންމެ ވޯޓެއް. .ޖޭޕީ ލީޑަރ ގާސިމް ގެ ވޯޓު ނުދީ ފިއްލެވުމަކީ ސަރުކާރު ގެ އިތުބާރުނެތް ކަމުގެ ވޯޓުގައި އަދި ރައީސް މުއީޒްގެ އިތުބާރުނެތް ކަމުގެ ވޯޓުނަގަން ރޭވުމުގައި މި ހާޖާނުގައި ގާސިމް ބައިވެރިވާކަމުގެ އަލިގަދަ ހެއްކެކެވެ . pic.twitter.com/tmRm4W47jf
— Mohamed Musthafa (@Thimarafushi) January 29, 2024
ދެ އޮޑީގައި ދެފައި
ސިޔާސީ ބައެއް ބޭބޭފުޅުންގެ ދޫތަކުން ޤާސިމް އިބްރާހީމާ މުޚާޠަބު ކުރައްވަނީ "ޤައުމީ ބަޠަލު" ގެ ނަމުންނެވެ. އެއްބަހެވެ. ޤައުމަށް އޭނާ ކުޅަ ޚިދުމަތްތަކެއްވެސް އެބަހުއްޓެވެ. އެކަމަށް ޝުކުރުވެރިވަމެވެ.
އެހެންނަމަވެސް، އަމިއްލަ މަންފާއި ޖާހާއި އަމިއްލަފުޅު ބާރަށްޓަކައި ޤާސިމް އިބްރާހީމް ކުރައްވަމުން ގެންދަވާ މަސައްކަތްތައް، ޢާންމުންގެ ތެރެއިން ގިނަ ބަޔަކު އަބަދުވެސް ކުއްވެެރިކުރެއެވެ.
ހުންނަ ކޮޅެއް، ވާން އުޅޭ ގޮތެއް ނޭނގޭ ގޮތަށް، އަމިއްލަ މަންފާއަށްޓަކައި ޤައުމުގެ ކަންކަމުގައި ފިޔަވަޅު އަޅުއްވާ ކަމީ ހިތާމަ ހުރި ކަމެކެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަކީ ރައްޔިތުން އިންތިޚާބު ކުރި ރައީސެކެވެ. މޯދީގެ ކިބައިން މާފަށް އެދޭވަރުގެ ކަމެއް ރައީސް މުޢިއްޒު ނުކުރައްވައެވެ. އެ ދުވަހު ޤާސިމު ދެއްކެވި ވާހަކަފުޅުގެ ރާގު ބަދަލުވީ ކީއްވެތޯއެވެ؟ ޤާސިމު ވިދާޅު ވިޔަސް އިންޑިޔާގެ ބޮޑު ވަޒީރު މޯދީއަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަޅުދާސް ވާކަން ނުޖެހޭނެއެވެ. އޭނާގެ ކިބައިން މާފަށް އެދޭކަށް ނުޖެހޭނެއެވެ. މިއީ ޤައުމީ ބަޠަލެއްގެ ދޫފުޅުން ނިކުމެގެންވާނެ ވާހަކަތަކެއް ނޫނެވެ. މިއީ ދިވެހި ޤައުމެވެ. މިނިވަން ދިވެހި ދިދައިގެ ހިޔަލުގައި ތިބި ދިވެހި ރައްޔިތުންގެ ޤައުމެވެ.
"ލަވްލީ މައި ވައިފް" އަށްޓަކައި ޤައުމު ހަވަރަށް ދޭން ނޫޅުއްވާށެވެ.