ޕެނަޑޯލް ނުކާން އަންގައިފި

ރާއްޖޭގައި އެންމެ އާއްމުކޮށް ކައި އުޅޭ ބޭސް، ޕެނަޑޯލްގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދި އެ ބޭސް ނުކެއުމަށާއި ނުވިއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖެ އެތެރެކޮށް ވިއްކާ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށް، "ޕޯސްޓް މާކެޓް ސަވައިލަންސް ޕްލޭން" އެއް ހަދައި އެ ޕްލޭން އާއި އެއްގޮތަށް ރެންޑަމް ސާމްޕަލް ނަގައި ބޭހުގެ ޓެސްޓްތައް އަބަދުވެސް ހަދާ ކަމަށެވެ.

އެގޮތަށް ހެދި ރެންޑަމް ސާމްޕަލްތަކެއްގައި ޕެނަޑޯލް ބޭސް ޓެސްޓްކުރިއިރު ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ އަދި ބޭސް ގުޅައިގެ ވަށައިގެންވާ ތަންތަނުން ނެއްޓިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެެވެ.

އާންމު ގޮތެއްގައި ބޭހުން އެފަދަ މައްސަލަތައް ދިމާވަނީ ބޭސް އުފެއްދުމުގައި ނުވަތަ ބޭސް ރައްކާތެރިކުރުމުގައި ފުރިހަމަ ކުރަން ޖެހޭ މިންވަރަށް ނުކުރުމުގެ ސަބަބުން ކަމަށާއި އެފަދަ މައްސަލަތައް ދިމާވެފައިވާ ބޭސް ބޭނުންކުރުމުން ބޭހުން ލިބެންޖެހޭ ފައިދާ ނުވަތަ ބޭހުގެ އަސަރު ނުކުރުމުގެ ފުރުސަތު ބޮޑުވާ ކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.

އެހެންވެ އެ އޮތޯރިޓީން ބޭހުން ފާހަގަވި މައްސަލަ ދިމާވާން މެދުވެރިވި ސަބަބު އިތުރަށް ބަލަމުންދާތީ ބޭސް ބޭނުން ނުކުރުމަށާއި ބޭސް ނުވިއްކުމަށް އަންގާފައިވާއިރު މިހާރު ވަނީ އެ ބޭސް ރާއްޖެ އެތެރެކުރުން ވެސް މަނާކޮށްފައެވެ.

މިވަގުތު ފާމަސީތަކުންނާއި ބޭސް ރައްކާ ކުރާ ގުދަންތަކުގައި އަދި އާންމު ފިހާރަތަކުގައި ހުރި އެ ބޭހުގެ ސްޓޮކް ވަކިކުރުމަށް ފަހު ބޭސް ރައްކާކުރުމަށް ކަނޑައެޅިފައިވާ ފިނިހޫނު މިނުގައި ބެހެއްޓުމަށް ވެސް ފުޑް އެންޑް ޑްރަގު އޮތޯރިޓީން ވަނީ އަންގަވާފައެވެ.

ފެނަޑޯލަކީ ރާއްޖޭގައި ވަރަށް އާންމުކޮށް ބޭނުންކުރާ ބޭހެކެވެ. އެ ބޭސް މިވަގުތު ބޭނުންނުކުރެވުނަސް ފެރަސެޓެމޯލް 500 މިލިގްރާމާއި އޭގެ 11 ބްރޭންޑަކާއި ޕެރަސެޓެމޯލް 650 މިލިގްރާމުގެ 7 ބްރޭންޑެއް އެޕްރޫވް ޑްރަގު ލިސްޓުގައި ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު