Saturday, 22 June 2024

ޖޯޑަންގެ މަރުކަޒަކަށް ދެވުނު ޙަމަލާއެއްގައި އެމެރިކާ ސިފައިންގެ 3 މީހަކު މަރުވުމާ ގުޅިގެން، އެ ޙަމަލާއަށް ރައްދު ދިނުމަށް ބައިޑަން ވަޢުދުވެއްޖެ

ޖޯޑަންގެ މަރުކަޒަކަށް ދެވުނު ޑްރޯން ޙަމަލާއެއްގައި، އެމެރިކާ ސިފައިންގެ ތިން މީހަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާކަން، ހުކުރު ދުވަހު އިޢްލާން ކުރިއިރު، ވޮޝިންޓަނުން ވަނީ، އީރާނުގެ ތާއީދު އޮންނަ، ހަތިޔާރު އެޅި ޖަމާޢަތްތައް، މި ޙަމަލާގެ ފަހަތުގައި ތިބި ކަމަށް ތުހުމަތުކޮށް، އެކަމަށް ރައްދު ދޭނެ ކަމަށް ވަޢްދުވެފައެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ، ސީރިއާގެ ބޯޑަރު ކައިރީގައި އޮންނަ، ޖޯޑަންގެ ޑިފެންސް ނެޓްވޯކުގެ ޓަވަރު 22 (އުރުދުންގެ އިރުއުތުރު) ގައި ހުންނަ، ލޮޖިސްޓިކަލް ސަޕޯޓް ބޭސްއަށް އަމާޒުކޮށް ދެވުނު ޙަމަލާގައި، 3 ސިފައިން މަރުވެ، 34 މީހަކު ޒަޚަމްވެފައިވާކަން ފާހަގަކޮށްފައިވާ ކަމަށާއި، ޒަޚަމްވި ސިފައިންގެ ތެރެއިން 8 މީހަކު، އިތުރު ފަރުވާއަށް، ބޭރު ޤައުމަކަށް ގެންދެވިފައިވާ ކަމަށެވެ.
ޢިރާޤުގެ އިސްލާމިކް ރެސިސްޓެންސް މަޞްދަރަކުން އަލްޖަޒީރާއަށް ޚަބަރު ދީފައިވާގޮތުގައި، ސީރިއާގެ ބިމުން، ސީރިއާގައި ހުންނަ އެމެރިކާގެ މަރުކަޒަކަށް ދިން ޑްރޯން ޙަމަލާއެއްގައި އެމެރިކާ ސިފައިންތަކެއް ވަނީ މަރުވެފައެވެ. އިރާޤުގެ ފެކްޝަންގެ އޮފިޝަލަކު ވޮޝިންޓަން ޕޯސްޓަށް ބުނެފައިވަނީ، މި ޙަމަލާގެ ޒިންމާ އެފަރާތުން ނަގާ ކަމަށާއި، މި އިންޒާރަށް ސަމާލުކަން ނުދީ، އެމެރިކާއިން އިޒްރޭލަށް އެހީތެރިކަން ދެމުން ގެންދާނަމަ، މިއަށްވުރެ ބޮޑެތި ޙަމަލާތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.
އޮފިޝަލުންނާ ޙަވާލާދީ ސީއެންއެންގެ ފަރާތުން ބުނެފައިވާ ގޮތުގައި، ޑްރޯން ވެއްޓުނީ އެމެރިކާގެ ބޭސްގައި މަސައްކަތްކުރާ ސިފައިން ދިރިއުޅޭ ސަރަޙައްދުކައިރިއަށެވެ. އޮފިޝަލުން ފާހަގަކުރި ގޮތުގައި މިއީ ޣައްޒާގައި ހަނގުރާމަ ފެށުނު ފަހުން އެމެރިކާގެ މަސްލަޙަތާ ދެކޮޅަށް ދިން ޙަމަލާތަކުގައި، އެމެރިކާ ސިފައިން މަރުވި ފުރަތަމަ ފަހަރެވެ.
އެމެރިކާގެ އޮފިޝަލަކާ ޙަވާލާދީ އެސޯސިއޭޓެޑް ޕްރެސް އިން ބުނީ، ސީރިއާ ބޯޑަރުގައި އޮންނަ ޖޯޑަންގެ ބޭސްއަށް، ބޮޑު ޑްރޯނަކުން ޙަމަލާދީފައިވާ ކަމަށާއި، އެ ބޭސް ބޭނުންކުރަނީ ޖޯޑަންގެ ސިފައިންނަށް ލަފާ ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވާ ބާރުތަކުން ކަމަށެވެ.
އޮފިޝަލް ބުނީ ޙަމަލާދެވުނު ބޭސްގައި އެމެރިކާގެ އިންޖިނިއަރިންއާއި އޭވިއޭޝަނާއި ލޮޖިސްޓިކްސް ގެ އިތުރުން ސެކިއުރިޓީ ފޯސްތައް ހިމެނޭ ކަމަށާއި، އެ ޙަމަލާގެ ސަބަބުން އެއްބަޔަކު ޒަޚަމްވެ، އަނެއްބަޔަކު މަރުވެ، އަނެއްބައެއްގެ ސިކުނޑިއަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
ބައިޑަންގެ އިންޒާރު:
މީގެ އިތުރުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ބުނީ، ޖޯޑަންގައި ތިބި އެމެރިކާ ސިފައިންނަށް ޙަމަލާދީފައިވަނީ، ސީރިއާ އާއި ޢިރާގުގައި ޙަރަކާތްތެރިވާ، އީރާނުގެ ތާއީދު އޮންނަ، ހަރުކަށި ޖަމާޢަތްތަކުން ކަމަށެވެ.
ބައިޑަން ވަނީ، އެކަށީގެންވާ ވަގުތެއްގައި، އަދި އިޚްތިޔާރުކުރެވޭ ގޮތެއްގެ މަތިން، އެ ޙަމަލާގެ ޒިންމާ އުފުލާ އެންމެން ޖަވާބުދާރީ ކުރުވުމަށް ވަޢުދުވެފައެވެ.
ވައިޓް ހައުސް އިން ބުނީ، ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން އާއި، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު، ޖޭކް ސުލިވާން ވަނީ، އާދީއްތަ ދުވަހުގެ ހެނދުނު، މި ޙަމަލާއާ ބެހޭ މަޢުލޫމާތު، ބައިޑަން އަށް ދީފައެވެ.
ހަމަ މި މޭރުމުން، އެމެރިކާގެ ނައިބު ރައީސް ކަމާލާ ހެރިސް ބުނީ، ޖޯޑަންގެ އިރުއުތުރުގައި ތިބި އެމެރިކާ ސިފައިންނަށް ދިން ޙަމަލާއަކީ، އީރާނުން ތާއީދުކުރާ، ހަތިޔާރު އެޅި ޖަމާޢަތްތަކުން ދިން ޙަމަލާއެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި، އެ ޙަމަލާގެ ޒިންމާ އުފުލާ ހުރިހާ ފަރާތްތަކެއް، ވޮޝިންޓަނުން ޖަވާބުދާރީ ކުރުވާނެއެވެ.
އަނެއްކޮޅުން އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓް (ޕެންޓަގަން) އިން ސިފަކުރީ، ޖޯޑަންގައި ތިބި އެޤައުމުގެ ސިފައިންނަށް ކުރިމަތިވި ކަންތައްތަކަކީ، ނުރައްކާތެރިކަން އިތުރުވެގެންދިޔަ ކަންތައްތަކެއްގެ ގޮތުގައެވެ.
މި ޙަމަލާގެ އިތުރު ރައްދު ފިޢުލުތަކުގެ ގޮތުން، ކޮންގްރެސްގައި ތިބި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން، އެމެރިކާގެ ބާރުތަކަށް އަމާޒުކޮށްގެން ދޭ ޙަމަލާތައް ތަޙައްމަލު ނުކުރުމަށް ގޮވާލާފައިވާއިރު، ބައެއް މެމްބަރުން ވަނީ އީރާނުގެ އެތެރޭގެ އަމާޒުތަކަށް ޙަމަލާދޭން އެދިފައެވެ.
ޖޯޑަންގެ ފަރާތުން ވަނީ، މި ޙަމަލާއަކީ ޓެރަރިސްޓް ޙަމަލާއެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ބުނެފައިވަނީ، މި ޙަމަލާއަކީ، ސީރިއާގެ ބޯޑަރު ކައިރީގައި އޮތް، ކުރިއަރާފައިވާ ސަރަޙައްދަކަށް އަމާޒުކޮށްގެން، ދީފައިވާ ޙަމަލާއެއް ކަމަށެވެ.
މިނިސްޓަރ އޮފް ގަވަރމަންޓް ކޮމިއުނިކޭޝަންސް، އަދި ސަރުކާރުގެ އިސް ތަރުޖަމާނު، މުހަންނަދު މުބައިޟީން ބުނީ، މި ޙަމަލާ ދިނީ ޑްރޯނަކުން ކަމަށާއި، ޖޯޑަންގެ ސިފައިންގެ ތެރެއިން، އެއްވެސް މީހަކަށް، މި ޙަމަލާގައި ގެއްލުމެއް ނުލިބޭ ކަމަށެވެ.
އަލްމުބައިޟީން ފާހަގަކުރި ގޮތުގައި ޓެރަރިޒަމްގެ ނުރައްކަލާއި، ސީރިއާގެ ބޯޑަރު ހުރަސްކޮށް ޖޯޑަންއަށް މަސްތުވާތަކެއްޗާއި ހަތިޔާރު އެތެރެކުރުމުގެ ނުރައްކަލާ އުރުދުން ކުރިމަތިލާނެ ކަމަށާއި، ކިންގްޑަމްގެ ސަލާމަތަށް އަރައިގަތުމަށް މަސައްކަތްކުރާ ކޮންމެ ބަޔަކާ، ހުރިހާ ޢަޒުމަކާއި ބާރަކާއެކު ކުރިމަތިލާނެ ކަމަށެވެ.
ޖޯޑަން ސަރުކާރުން އާދީއްތަ ދުވަހު ބުނެފައި ވަނީ، މި ޙަމަލާ އަމާޒުކޮށްފައިވަނީ، ސީރިއާ އާއި ޖޯޑަންގެ ބޯޑަރުގައި އޮންނަ އައްތަންފު ބޭސްއަށް ކަމަށާއި، އެކަން ހިންގީ، ޓެރަރިސްޓް މިލީޝިއާތަކުން ކަމަށް ތުހުމަތުކުރާ ކަމަށެވެ. އަދި މި ބޭސްއަކީ، ދެޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން، މި ހިސާބުގައި ޤާއިމުކޮށްފައިވާ ބޭސްއެއް ކަމަށެވެ.
ޢިރާގުގައި އޮންނަ އިސްލާމިކް ރެސިސްޓެންސް އިން ބުނީ، ހުކުރު ދުވަހު، އެމެރިކާގެ 4 ބޭސްއަކަށް ޙަމަލާ ދީފައިވާ ކަމަށާއި، އޭގެ ތެރެއިން 3 ބޭސް ވަނީ ސީރިއާގައި ކަމަށެވެ. އެއީ، އަލްޙަސްކާގެ އައް ޝައްދާދީ ބޭސްއާއި، ޙިމްޞުގެ އައްރުކްބާން ބޭސްއާއި، އައްތަންފު ބޭސްއެވެ. މި ބޭސްތަކަކީ، ސީރިއާ،ޢިރާޤު، ޖޯޑަންގެ ތިނެސްކަން ބޯޑަރުގައިވާ ބޭސްތަކެވެ. ހަތަރުވަނަ ބޭސްއަކީ، ހިފާފައިވާ ފަލަސްތީނުގެ ސަރަޙައްދުތަކުގެ ތެރޭގައި ހުރި "ޒެވޮލޫން" ނޭވަލް ފެސިލިޓީއެވެ.
ޣައްޒާގައި ހަނގުރާމަ ފެށުނު ފަހުން، އެ ސަރަޙައްދުގައި އެމެރިކާގެ ސިފައިންނަށް ދޭ ޙަމަލާތައް އިތުރުވެފައިވާއިރު، މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން، ޢިރާޤާއި ސީރިއާގައި، އެޤައުމުގެ ސިފައިންނަށް، 151 ޙަމަލާ ދީފައިވާ ކަމަށް އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ބުނެއެވެ. ރިޕޯޓުތައް ބުނާ ގޮތުން، މެދުއިރުމަތީގެ މަސްރަޙު، އެއްދުވަހުން އަނެއް ދުވަހަށް ގޯސްވަމުން ދާނަމަ، މި ސަރަޙައްދުގައި ބޮޑު ހަނގުރާމައެއް ފެށިގެން ދިއުމަކީ ދުރުކަމެއް ނޫނެވެ.
ޚަބަރު ދިވެހި ބަހުން ގެނެސްދިނީ: ޙަސަން ލަޠީފް މޫސާ.
މަޞްދަރު: އަލްޖަޒީރާ
28 ޖެނުއަރީ 2024

•••✧•✧•✧•✧•✧•✧•✧•✧•••

އެޑިޓަރުގެ ބަސް:

އައްޝައިޚް ޙަސަން ލަޠީފް މޫސާ އަކީ "ފިޔަ އޮންލައިން" އަށް ސިލްސިލާ ގޮތެއްގައި ލިޔުއްވަމުން ގެންދަވާ ކުޅަދާނު ލިޔުންތެރިއެކެވެ. އެމަނިކުފާނަށް ވަނީ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވީ، އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ އިސްލާމްދީން އުނގަންނައިދިނުމުގެ ރޮނގުންނެެވެ.

އައްޝައިޚް ޙަސަން ލަޠީފަކީ 1989 ވަނަ އަހަރުން ފެށިގެން ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ހަރުދާނާ ޝަޚްޞިއްޔަތެވެ. އަލްމަދީނަތުލް މުނައްވަރާގެ އިސްލާމިކް ޔުނިވަރސިޓީން ދީނީ ތަޢުލީމް ލިބިވަޑައިގެން ހުންނެވި، ޚިދުމަތްތެރިއެކެެވެ. އައްޝައިޚް ޙަސަން ލަޠީފް މޫސާއަކީ ޤައުމީ ޔުނިވަރސިޓީގެ އެސޯސިއޭޓް ލެކްޗަރަރގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އައްޝައިޚް ޙަސަން ލަޠީފް މޫސާ އަކީ ދީނީ ފޮތްތައް ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު