ކުރީ ސަރުކާރުން ފުލެޓްދިން އިރު ފުލެޓް ދީފައިވަނީ އެޕާރޓީގެ އިސްވެރިންގެ އާއިލީ މީހުންނަށާއި އެބޭފުޅުންގެ އަރިސް މީހުންނަށް ކަމަށް ނިމިދިޔަ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ދިފާއުގައި އެންމެ ވަރުގަދައަށް މަސައްކަތް ކުރެއްވި އެއް މެމްބަރުކަމަށްވާ އައްޑޫ ފޭދޫ ދާޢިރާގެ މެމްބަރ މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި، ކުރީ ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަންކަމުގެ ލިސްޓެއް ހާމަކުރައްވަމުން، ނިހާދު ވިދާޅުވެފައިވަނީ އެމްޑީޕީ ސަރުކާރުން ނުހައްޤުން އެތައްކަމެއް ކޮށްފައިވާކަމަށެވެ.
ކުރީ ސަރުކާރަށް ޢާއްމުންގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވި ބޯހިޔާވަހި ކަމުގެ ތެރޭގައި ހިމެނޭ ގޯތި ދިނުމާއި ގުޅޭގޮތުންވެސް ވިދާޅުވެފައި ވަނީ ގޯތި ދިނީތީ ދީފައިވަނީ ހަމަ އާއިލީ މީހުންނަށާއި އެންމެ އަރިސް މީހުންނަށް ކަމަށެވެ. ހަމަ އެއާއިއެކު އެސްއެމްއީ ލޯނުގެ ކަންތައްވެސް ހަމަ ކުރެއްވީ އެފަދައިން ކަމަށެވެ.
ހަމައެހެންމެ، އަޑީތެލާއި ހޮޅި ނުއަގުގައި ގަނެފައިވާ ކަން ފާހަގަކުރައްވައި، އަނބިދަރީންނަށް ނުހައްޤުން ބޮޑަތި ވަޒީފާތައް ދީފައިވާ ކަމަށް ނިހާދު ވިދާޅުވިއެވެ.
އެކްސް ޕޯސްޓް ނިންމާލައްވަމުން ނިހާދު ވިދާޅުވެފައި ވަނީ ނުހައްޤުން ކަންތައްތައް ކުރައްމުންގެންދާ އެފަދަ މީހުންގެ ކިބައިން ޤައުމު ސަލާމަތްކުރުން ލާޒިމު ކަމަށެވެ.
"މިފަދަ މީހުންގެ ކިބައިން ޤައުމު ސަލާމަތްކުރުން ލާޒިމް! " ނިހާދުގެ އެކްސް ޕޯސްޓު ނިންމާލައްވަމުން ވިދާޅުވެފައިވެއެވެ.
މެމްބަރ ނިހާދު މިފަދައިން ވިދާޅުވެފައިވާއިރު ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ކަރްޕްޝަން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް މީގެކުރިން މުއައްސަސާތައް ވަނީ ނުކުޅެދިފައެވެ. ނިމިދިޔަ ފަސް އަހަރުގެ ދައުރުގެ ތެރޭގައ،ި އޭސީސީއާއި އޮޑިޓަރ ޖެނަރަލުގެ އޮފީސް އޮތީ ލޯ މަރަލައިގެންނެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
އިއްޒައްތެރި މެމްބަރަތް މިކަންއެންގުނީ ވެރިކަން ބަދަލުވީމަތޯ؟ މޑޕގެ ވެރިކަން 5 އަހަރުކުރިއިރުއިއްޒަޢްތެރި މެމްބަރު ހުންނެވީކޮމްޕާޓީއެއްގަތޯ؟ ނޫނީގައުމުންބޭރުގަތޯ؟ ނޫނީ ފޭދޫ ދާއިރާގެރަތްޔިތުންގެ ހައްގުގަ އަވަދިނެތިއުޅުއްވީތޯ؟ ނޫނީ އިއްޒައްތެރި މެމްބަރު ނިހާދު މަޖުލިހައް ހޮވުނީ 2023 ސެޕްޓެމްބަރ މަހުގެތޯ؟ ނޫނީ ހޮސްޕިޓަލި ކޯމާގެތޯ؟ ނޫނީ އައްޑޫސިޓީ ފޭދޫދާއިރާގެ އިއްޒައްތެރި މެމްބަރު ހުރީ ހަމަ ހޭގަތޯ؟ ނޫނީ މިހުރިހާކަމެއް އެނގުނީ މޑޕގެ ވެރިކަންބަދަލުވީމަ ޕނސ އައްސޮއިކުރި ފަހުންތޯ؟ އަދި ޕނސ އައް ސޮއިކުރީދާއިރާގެރަތްޔިތުން އެދިގެންތޯ؟