ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރެއްވުމަށް ޓިކެޓް ކާމިޔާބުކުރެއްވި ކެނޑިޑޭޓުންނާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބައްދަލުކުރައްވައިފިއެވެ.
މާޗުމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ވާދަކުރާނެ ބޭފުޅުން ކަނޑައެޅުމަށް ޕްރައިމަރީ ބާއްވާފައިވާއިރު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 3 ދާއިރާއެއް ފިޔަވައި ހުރިހާ ދާއިރާއަކަށް ޕީޕީއެމް ޕީއެންސީން ވާދަކުރުމަށް ވަނީ ނިންމާފައެވެ.
އެ ކޯލިޝަނުން ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީ ކާމިޔާބުކޮށް 75 މީހަކު ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓް ކާމިޔާބުކޮށްފައެވެ. އަދި 15 މީހަކު ވަނީ ޕްރައިމަރީއަކާއި ނުލައި ޓިކެޓް ކަށަވަރުކޮށްފައެވެ.
އެ ކޯލިޝަންގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނާއެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގައި ޕީޕީއެމް ޕީއެންސީގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ޕީއެންސީގެ މުސްތަޝާރު އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ. ނަމަވެސް މި ބައްދަލުވުމާއި ގުޅޭގޮތުން މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދިޔަ ވަގުތު، ވޯޓުލީ މަރުކަޒަކަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި، ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ މަޖިލިސް އިންތިޚާބުގައި ސަރުކާރު ކޯލިޝަނަށް ސުޕަ މެޖޯރިޓީ ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މަދުވެގެން 62 ގޮނޑި އެ ކޯލިޝަނުން ކާމިޔާނު ކުރާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނާ ޕްރޮގްރެސިވް ކޮންގްރެސް ކޯލުޝަންގެ ލީޑަރ. ޕީއެންސީގެ ރައީސް ، ރައީސުލްޖުމްހޫރިއްޔާ @MMuizzu ބައްދަލުކުރެއްވުން. pic.twitter.com/5scKp0Ynqi
— Progressive Party of Maldives (@ProgressPartyMV) January 30, 2024
ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދެވުމުގައި މަސައްކަތް ކުރައްވަނީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކުގައި ކަމަށާއި އޭގެ ސަބަބުން ރައްޔިތުންގެ އިތުބާރު ސަރުކާރަށް ދެމެހެއްޓޭނެ ކަމަށެވެ.