ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންނާއި ޤައުމަށްޓަކައި، ކަމަށާއި މެޖޯރިޓީ އޮތަތީވެ، ސިޔާސީ ގޮތުން ބަދަލުހިފުމުގެ ނިޔަތުގައި ތިމާމެން ވެރިކަމާ ހަވާލުވެގަތުމަށްޓަކައި ރައީސް މުޢިއްޒު ޢަޒުލުކުރަން ނުޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ ފުރިހަމަ ބޮޑު އަޢުލަބިއްޔަތުން، ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޤާމާ ހަވާލުވިތާ އަދި މިވީ އެންމެ ދެ މަސްދުވަސް ކަމަށާއި، އެމަނިކުފާނު ޤާނޫނު އަސާސީ އާއި ޤާނޫނާއި ޚިލާފު ނުވާހާ ހިނދަކު، އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިނުވާހާ ހިނދަކު، ސިޔާސީ ގޮތުން ބަދަލުހިފުމުގެ ނިޔަތުގައި ތިމާމެން ވެރިކަމާ ހަވާލުވެގަތުމަށްޓަކައި، އެއްވެސް ހަމައެއް ލަމައެއްނެތި ރައީސުލް ޖުމްހޫރިއްޔާ އަޒުލު ކުރުމަކީ ، ނުވަތަ ޢަޒުލުކުރަން ހުށަހެޅުމަކީވެސް، ދިވެހިރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުމެއް ކަމުގައި ނޫނީ ނުވާނެ ކަމަށެވެ.
"ޢަމުދުން ދައުރެއް ނިމެމުންދާ މަޖިލިސްއެއްގެ ތެރެއިން މިފަދަ ޢަމަލެއް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއް ނޫނެވެ. ރައީސުލް ޖުމްހޫރިއްޔާ ގެ ނޯކޮންފިޑެންސް ނުވަތަ އިތުބާރު ނެތްކަމަށް ނަގަން ޖެހޭނީ އެކަށޭނެ ސަބަބުތަކެއް ހުރެގެންނެވެ. މަޖިލީހުގެ މެޖޯރިޓީ އޮތަތީވެ، ހަމަ ތިބެފަ ޖެއްސުމަށް ކޮށްލާ ކަމަކަށް މިފަދަ ކަންކަން ކުރުމަކީ ޤައުމުގެ ދުސްތޫރީ ހަމަތަކާއި، ޑިމޮކްރަސީގެ އުޞޫލުތަކާއިވެސް މުޅީން ޚިލާފު ޢަމަލެކެވެ."
ޤާސިމް އިތުރަށް ވިދާޅުވީ، މިފަދަ ޢަމަލުތަކުގެ ސަބަބުން ޤައުމަށް ލިބެގެންދާނީ އިތުރު ހިތާމައި ނިކަމެތި ކަމެއް ކަމަށާއި، އެހެން ކަމުން ރައީސުލް ޖުމްހޫރިއްޔާ ޢަޒުލު ކުރުމަށް ފަށާފައިވާ މަސައްކަތް އެއްވެސް ޝަރުތެއް ނެތި ހުއްޓާލުމަށް ނަސޭހަތްތެރިވާ ކަމަށް ވިދާޅުވިއެވެ.
" މިހާތަނަށް ރައީސް ޑރ މުއިއްޒު ވެރިކަން ކުރައްވަމުން އެގެންދަވަނީ ރައްޔިތުންނާއި ޤައުމަށްޓަކައި، ޤައުމަށް ކުރިއެރުން ހާޞިލް ކޮށް ދިނުމަށެވެ. އެހެން ކަމުން ރައީސުލް ޖުމްހޫރިއްޔާ އަށް ޤާނޫނީ ވެރިކަން ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ފުރިހަމަ ފުރުޞަތު ދޭންޖެހޭނެކަމަށް އަޅުގަނޑު ދެކެމެވެ." ޤާސިމް ވިދާޅުވިއެވެ.
ރައްޔިތުންގެ ފުރިހަމަ ބޮޑު އަޢުލަބިއްޔަތުން، ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާގެ މަޤާމަށް ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައީސުލްޖުމުހޫރިއްޔާ @MMuizzu ޑރ. މުޙައްމަދު މުޢިއްޒުމަޤާމާ ހަވާލުވިތާ އަދި މިވީ އެންމެ ދެ މަސްދުވަހެވެ.
އެމަނިކުފާނު ޤާނޫން އަސާސީ އާއި… pic.twitter.com/VOS0dEqU5j— Qasim Ibrahim (@qasimibrahim) January 31, 2024
އެމަނިކުފާނު މިހެން ވިދާޅުވިއިރު، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން އިއްޔެ ވަނީ ރައީސް ޑރ. މުއިއްޒު ވަކިކުރުމަށް އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ހުށަހަޅަން ފާސްކޮށްފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީ އެކަން ކުރަން އެންމެ ރަނގަޅު ވަގުތު ބަލާފައި ކަމަށް އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އިއްޔެ ވަނީ ވިދާޅުވެފައެވެ.
އިއްޔެ އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ބިގޭ ވިދާޅުވީ، އިތުބާރު ނެތް ކަމުގެ ގަރާރު މަޖިލީހަށް ހުށަހެޅުމަށް ބޭނުންވާ އަދަދަށް ވުރެ އިތުރަށް ވެސް މެންބަރުން މިހާރު ސޮއިކޮށްފައިވާ ކަމަށެވެ.