ޕީޖީ ޝަމީމަށް ދެވުނު ޙަމަލާއަކީ ސިޔާސީ ގޮތުން ދެވުނު ޙަމަލާއެއް: ޞާލިޙް

މިއަދު ހެނދުނުގެ ވަގުތެއްގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ބަޔަކު މަގުމަތިން ދިން ހަމަލާއަކީ ސިޔާސީ ގޮތުން ދެވުނު ޙަމަލާއެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، އެ ޙަމަލާއަކީ ސިޔާސީ ގޮތުން ކުރިމަތިކުރުުވި ޙަމަލާއެއް ކަމަށް ސިފަ ކުރައްވައި ވިދާޅުވީ، އެފަދަ އަނިޔާވެރި ޢަމަލުތަކަކީ ޑިމޮކްރެޓިކް މުޖްތަމަޢުތަކުގައި ކަންކުރާ އުސޫލުން ބޭރު ޢަމަލުތަކެއް ކަމަށެވެ.

އަދި އެ ޢަމަލު ހިންގި ފަރާތްތައް ވީހާވެސް އަވަހަކަށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރަށް އެމަނިކުފާނު ގޮވާލައްވާފައިވެއެވެ.

ޕީޖީ ޝަމީމަށް ދިން ހަމަލާއާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހަމަލާއަކީ ކުށްކުރާ ގުރޫޕުތަކަށް ސަރުކާރުން ހިމާޔަތްދޭތީ ހިންގުނު އަމަލެއް ކަމަށެވެ. ރިޔާސީ އިންތިޚާބުން ފެށިގެން ރައީސް ޑރ.މުޙައްމަދު މުޢިއްޒާ ކުށްކުރާ ގުރޫޕުތަކާ ގުޅުވައިގެން އެމްޑީޕީން އަންނަނީ ތަފާތު ވާހަކަތައް ފަތުރަމުންނެވެ.

އެގޮތުން ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސްގެ ކެމްޕެއިނަށް ޚަރަދުކުރީ ގޭންގުތަކުންކަމަށް ބުނެ އެމްޑީޕީގެ އިސްވެރިން އެމަނިކުފާނުގެ އިސްތަށިފުޅުގައި ބޮޑެތި ތުހުމަތުތައް އަޅުވާފައިވެއެވެ.

މިއަދު ނެރުނު ބަޔާނުގައި އެމްޑީޕީން ބުނީ ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ޖެހިލުމެއްނެތި ހަމަލާ ދެވެނީ ސަރުކާރުގެ އިސްވެރިންނާ ކުށްކުރާ ގުރޫޕުތަކާ އޮންނަ ގާތް ގުޅުންތަކުގެ ސަބަބުން ސަރުކާރުން އެ ގުރޫޕުތަކަށް ހިމާޔަތްދޭތީކަމަށް ޤަބޫލުކުރާ ކަމަށެވެ.

ނަމަވެސް ކުށްކުރާ ގުރޫޕަކާއި ސަރުކާރާ ގުޅުމެއް އޮންނަ ކަމުގެ ހެއްކެއް އަދި އެފަދަ ފަރާތަކަށް ސަރުކާރުން ހިމާޔަތް ދީފައިވާކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް އެމްޑީޕީން ހާމަކޮށްދީފައިނުވެއެވެ.

އެމްޑީޕީން ސަރުކާރަށް މިކަމުގައި ބޮޑެތި ތުހުމަތުތައް ކޮށްފައިވީ ނަމަވެސް، ދައުލަތުން ދައުވާކޮށް ކުށް ސާބިތުވެ ދިގު މުއްދަތަށް ޖަލަށްލާފައިވާ ގިނަ އަދަދެއްގެ ކުށްވެރިން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު އަދަބު ލުއިކޮށްދެއްވައި ނުވަތަ މައާފުދެއްވައި މުޖުތަމައަށް އަނބުރާ ދޫކޮށްލައްވާފައިވެއެވެ.

އޭގެ ތެރޭގައި ޤާތިލުންނާއި ބޮޑެތި މާރާމާރީތަކުގައި ޝާމިލުވިކަން ސާބިތުވެފައިވާ މީހުންނާއި، މަސްތުވާތަކެތީގެ ބޮޑުންނާއި ޖިންސީ އެކި ކުށްތަކަށް އަރައިގަނެފައިވާ ގިނަ ބަޔަކު ހިމެނޭކަން ތަފާސްހިސާބުތަކުން ސާބިތުވެއެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ޝަމީމަށް ހަމަލާދިން މައްސަލަ ތަހުގީގުކޮށް އެ ހަމަލާގެ ފަހަތުގައި ތިބި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށްވަނީ ގޮވާލާފައެވެ. އަދި ދައުލަތުގެ ވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްވެސް ގޮވާލާފައިވެއެވެ.

އޭގެ އިތުރަށް އެމްޑީޕީގެ ވަގުތީ ރައީސް، ރައީސް އިބްރާހީމު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މި ހަމަލާއަކީ ސިޔާސީ މަޤުޞަދެއްގައި ދިން ހަމަލާއެއްކަމަށް ސިފަކުރައްވައި، އެހަމަލާ ކުށްވެރިކުރައްވައި އަވަހަށް ތަހުގީގުކޮށް އެ ހަމަލާގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލައްވާފައިވެއެވެ. ނަމަވެސް މި ހަމަލާގެ ތަހުގީގު ނުނިމެނީސް ހަމަލާގެ ފަހަތުގައި އޮތް މަޤުޞަދު އެމަނިކުފާނަށް އެނގިވަޑައިގެންނެވި ގޮތެއް ހާމަނުކުރައްވައެވެ.

ޝަމީމަށް ހެނދުނު ހަމަލާދިންކަން އެނގުމާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ އެ މައްސަލަ އެ އިދާރާއިން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގއި އޮންނައިރު ޤައުމުގައި ހިނގާ ހުރިހާ ހަމަނުޖެހުމަކާއި މާރާމާރީއެއްގެ ޒިންމާ އެއިރެއްގައި ވެރިކަމުގައި ހުންނަވާ ބޭފުޅެއްގެ އިސްތަށިފުޅުގައި އަޅުވައެވެ. އެގޮތުން މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދާއި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާނުގެ ޤަތުލުގެ ޒިންމާ އެއިރުގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީނުގެ އިސްތަށިފުޅުގައި އަޅުވައި ދޮގު ތުހުމަތުތައް އެ ޕާޓީން އާންމުކޮށް ފެތުރިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު