ޝަމީމަށް ދިނީ ޓެރެރިސްޓް ހަމަލާއެއް، ފުނަށް ތަޙްޤީޤުކުރަން ޖެހޭ: ސަރުކާރު ކޯލިޝަން

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ދިން ހަމަލާއަކީ ޓެރެރިސްޓް ހަމަލާއެއްކަމަށް ތުހުމަތުކޮށް، މިކަން ހިނގައިދިޔަގޮތުގެ އެންމެ ފުން ހަގީގަތްތަކާ ހަމަޔަށް ވާޞިލުވުމަށް، ތަޙްޤީޤްގައި މަސައްކަތްކުރުމަށް މައި ކޯލިޝަނުން ގޮވާލައިފިއެވެ.

ޕީޖީ ޝަމީމަށް ދިން ނުރައްކާތެރި ޙަމަލާއާއި ގުޅިގެން އެ ހަމަލާ ކުށްވެރިކޮށް، ޕްރްގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުން ބަޔާނުގައި ވަނީ، މިއީ އެ ކޯލިޝަނުން ނުހަނު ކަންބޮޑުވާކަމެއްކަމަށެވެ.

މި ޖަރީމާ ހިންގުމުގައި ބައިވެރިވި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި، ދައުލަތުގެ ހުރިހާ ވަސީލަތަކާ، ޤާބިލްކަމަކާ، އިޚްތިޔާރެއް ބޭނުންކުރުމަށާ، މިކަން ހިންގި ބަޔަކު ހޯދުމާ، ތަޙްޤީޤްކުރުން ހަލުވިކުރުމަށް، ކަމާބެހޭ ހުރިހާ އިދާރާތަކަށް އެ ކޯލިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

ރާއްޖޭގެ ދާޚިލީ އަމްނު ގެއްލުވައިލުމަށް، އަދި ދައުލަތުގެ ޒިންމާދާރު ޚިދުމަތްތެރީންގެ ވާޖިބާ މަސައްކަތްޕުޅުތަކަށް ހުރަސް އެޅުމަށް ހިންގޭ މިފަދަ ޢަމަލުތަކަކީ އަނިޔާވެރި ޓެރަރިސްޓް ޙަރަކާތްތަކެއްކަމަށާއި، ކަން ހިނގާފައިވާގޮތާއިމެދު މިހައިތަނަށް މީޑިއާއިން ޢާއްމުކޮށްފައިވާ މަޢުލޫމާތުތަކުގެ އަލީގައި، މިއީ ދުރާލާ ރާވައި ފާރަލައިގެން ހިންގި ޢަމަލެއްކަމުގައި ވަރަށް ބޮޑަށް ބެލެވޭކަމަށްވެސް ބަޔާނުގައިވެއެވެ. މިކަން ހިނގައިދިޔަގޮތުގެ އެންމެ ފުން ހަގީގަތްތަކާ ހަމަޔަށް ވާޞިލުވުމަށް، ތަޙްޤީޤްގައި މަސައްކަތްކުރުން މުހިންމުކަމުގައި އެ ކޯލިޝަނުން ދެކޭކަމަށް ވިދާޅުވެއެވެ.

އެ ބަޔާނުގައި ވަނީ ސަރުކާރު ހިންގާ މައި ޕާޓީގެ ގޮތުގައި އެ ކޯލިޝަން އޮތްހިނދު، ދިވެހި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް، އަދި ޒިންމާދާރު ބޮޑެތި މަޤާމުތަކުގައި ތިއްބެވި ކޮންމެ ޚިދުމަތްތެރިއެއްގެ ސަލާމަތަށް އިސްކަންދިނުމަށް ސަރުކާރުގެ އިސް މަސްއޫލުވެރީންނަށް ލަފާއަރުވައި، އެއްބާރުލުން ދިނުމުގައި އެ ކޯލިޝަން އަބަދުވެސް ދެމިއޮންނާނެކަމުގައެވެ.

ޕީޖީ ޝަމީމް މަޤާމުގެ މަސްއޫލިއްޔަތާއި ޤައުމީ ޒިންމާތައް އަދާކުރެއްވުމަށް، ރަސްމީ މަސައްކަތަށް ދާދި އަވަހަށް އަނެއްކާވެސް ނުކުމެވަޑައިގަންނަވާނޭކަމަށް އުންމީދުކުރާކަންވެސް ފާހަގަކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު