Saturday, 15 June 2024

މަޖިލިސް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ގުޅޭގޮތުން ފަހުމުނާމާގައި ސޮއިކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ފަހުމުނާމާ އެއްގައި ސޮއިކޮށްފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ. އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ ނައިބު ރައީސް އަލްއުސްތާޒު އިސްމާއިލް ހަބީބުއެވެ.

ފަހުމުނާމާގައި ސޮއިކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތް މަޖިލިސް އިންތިހާބަކީ ވެސް މުޅިން އާ އިންތިހާބެއްކަމުގައި ދެކި، އިންތިހާބުގައި ދިމާވެދާނެ އެންމެހައި ކަންތައްތަކަށް ފުލުހުންގެ ޚިދުމަތުން ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އެގޮތުން، އިންތިހާބަށް ހާއްސަ ކޮމާންޑަރުން ކަނޑައަޅައި، އެހެނިހެން ބަހާތަކުން ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ތަންފީޒުކުރުމައްޓަކައި ކޮމިޓީއެއް އެކުލަވާލައި މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ. އަދި އިންތިހާބުގައި ފުލުހުންނާ ހަވާލުކުރެވިފައިވާ ޒިންމާތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ފުލުހުންގެ ޚިދުމަތުން ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށް ވިދާޅުވިއެވެ.

މި ފަހުމުނާމާއަކީ އިލެކްޝަންސް ކޮމިޝަނުން ކުރާ އިންތިހާބާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މަގުފަހިކޮށްދިނުމަށް ސޮއިކުރެވުނު ފަހުމުނާމާއެކެވެ. އަދި ސަލާމަތީ ކަންކަމާއި އިންތިހާބާ ގުޅުންހުރި ކަމެއްގެ ގޮތުގައި މި ފަހުމުނާމާގައި ބަޔާންކޮށްފައިވާ އެނޫންވެސް ކަންކަމުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެނަމަ އެ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެފަރާތުން އަމަލުކުރާނެ ގޮތްތައް މި ފަހުމުނާމާގައި ބަޔާންކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު