Saturday, 22 June 2024

ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިންގނާއި ޚިޔާނާތުގެ ދައުވާ އުފުލައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ ޢަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެޖަމްޢިއްޔާގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް މަނީ ލޯންޑަރިންގ އާއި ހިޔާނާތުގެ ދައުވާ އުފުލައިފައި ވާކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، އެފް.އޭ.އެމްގެ ކަންކަމަށް ބޭނުންކުރުމަށްޓަކައި ފެޑެރޭޝަން އިންޓަރނޭޝަނަލް ޑި ފުޓްބޯލް އެސޯސިއޭޝަން (ފީފާ) ގެ ފަރާތުން އެމެރިކާ ޑޮލަރުން އެފް.އޭ.އެމްއަށް ވަނީ ފައިސާ ދީފައެވެ. އަދި އެފް.އޭ.އެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައި ވާ އެކައުންޓަކަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާއިން، އޭނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކަށް ދިހަހާސް އެމެރިކާ ޑޮލަރު ޖަމާކުރުމަށްޓަކައި ބޭންކްއަށް ހުށަހެޅި ލިޔުންތަކުގައި ދިހަހާސް ހަތަރު އެމެރިކާ ޑޮލަރު ގެ ޓްރާންސްފަރކުރުމަށް ލިޔެ، 26 އޮގަސްޓު 2018 ދުވަހު ބޭންކްއަށް ލިޔުން ހުށަހަޅައިފައިވާ ކަމަށް ވިދާޅުވެއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، ބޭންކް ޗަރޖަސްގެ ގޮތުގައި ފަސް އެމެރިކާ ޑޮލަރު އުނިކުރުމަށްފަހު ނުވަހާސް ނުވަސަތޭކަ ނުވަދިހަ ނުވަ އެމެރިކާ ޑޮލަރު ބައްސާމްގެ އެކައުންޓަށް ޖަމާކޮށްފައިވާކަމަށާއި، އެ ފައިސާ ޖަމާކުރި ބޭނުމެއްގެ ގޮތުގައި ބޭންކްއަށް ހުށަހެޅި ލިޔުންތަކުގައި “ސޭލްސް އޮފް ޑޮލަރ” ލިޔެފައިވީނަމަވެސް، ނުވަހާސް ނުވަސަތޭކަ ނުވަދިހަ ނުވަ އެމެރިކާ ޑޮލަރު އަށްވާ ދިވެހި ފައިސާ އެއްވެސް އިރަކު އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން އެނގެން ނެތްކަމަށެވެ.

ބައްސާމް އެ ފައިސާ އެފް.އޭ.އެމްއަށް ޖަމާކޮށްފައިވާކަންވެސް އެނގެން ނެތްކަމަށާއި، އެފައިސާ އޭނާގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވުމުން، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 215 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ 2 ވަނަ ނަންބަރުގެ (i) އާއި (ii) އާ ޙަވާލާދީ، 210 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ ބައްސާމްގެ މައްޗަށް ކޮށްފައިވާ ކަމަށް ޕީޖީން ވަނީ ބުނެފައެވެ. އަދި މިކުށް  ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށް ޕީޖީން އޮފީހުން ވިދާޅުވެއެވެ.

ބައްސާމް އެ ފައިސާގެ ތެރެއިން އެއްހާސް ނުވަސަތޭކަ ދިހަ އެމެރިކާ ޑޮލަރު 2 ސެޕްޓެންބަރު 2018 ދުވަހު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަން ފާހަގަކުރައްވަމުން، އޭނާގެ ޙިއްސާ އޮންނަ ކުންފުންޏެއްކަމަށްވާ ގްލޭސިއަރ އިންވެޓްމަންޓްސް ޕވޓ ލޓޑގެ ކަންކަމަށް އެ ފައިސާ ބޭނުންކޮށްފައިވާކަމަށް ވެސް ޕީޖީން ވިދާޅުވެފައިވެއެވެ.

ހަމައެހެންމެ، އެ ފައިސާގެ ތެރެއިން ދެހާސް އެމެރިކާ ޑޮލަރު 5 ސެޕްޓެންބަރު 2018 ދުވަހު ބައްސާމް ނަގައިގެން އުޅުނު ކ. މާލެ، ރެހެންދި 6-302 ފްލެޓަށް ކުލި ދެއްކުމުގެ ގޮތުން ބޭނުންކޮށްފައިވާ ކަމަށްވެސް އެ އޮފީހުން ވިދާޅުވެއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، އެފް.އޭ.އެމް އިން އޭނާގެ އެކައުންޓަށް ޖަމާކުރި ފައިސާ އެކި ޢަދަދުތަކުން އެކި މީހުންނަށް ފޮނުވައިފައިވާ ކަމަށާއި އަދި އެފް.އޭ.އެމް.އާ ގުޅުމެއް ނެތް ކަންކަމަށް އެފައިސާ ހަރަދުކޮށް، އެ ފައިސާ އޭނާގެ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށެވެ.

އެހެންވެ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު ގެ 53 ވަނަ މާއްދާގެ (ހ) އާއި، 5 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާ ޙަވާލާދީ، 53 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި، 62 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން މަނީ ލޯންޑަރކުރުމުގެ ކުށުގެ ދަޢުވާއާއި، ލޯންޑަރކުރުމަށް ބޭނުންކޮށްފައިވާ 10،000.00 (ދިހަހާސް އެމެރިކާ ޑޮލަރު) ދައުލަތަށް ނަގައިދިނުމަށް އެދި ޕީޖީން ދައުވާ ކޮށްފައިވެއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، މަނީ ލޯންޑްރިންގގެ މިކުށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން؛ ނުވަތަ 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު