Thursday, 20 June 2024

އެފްއެސްއެމްގެ 3 މުވައްޒަފުންނާއި، އެމްޕީއެލްގެ 2 މުވައްޒަފުން 6.7 މިލިއަން ރުފިޔާގެ ވަގު ވިޔަފާރީގައި

ތެލުގެ ވަގު ވިޔަފާރި ކޮށްގެން އެމްޕީއެލްއާއި އެފްއެސްއެމްގެ 5 މުވައްޒަފަކު 6.7 މިލިއަން ރުފިޔާގެ މަންފާއެއް ހޯދާފައިވާ މައްސަލައެއް ފުލުހުން ތަޙުޤީޤުކޮށް، ޕްރޮސެކިއުޓަރޖެނެރަލްއަށް ދަޢުވާކޮށްދިނުމަށް އެދި ހުށައަޅަފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ހެޑް އޮފް ފައިނޭންޝަލް ކްރައިމް އިންވެސްޓިގޭޝަން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫޠު ވިދާޅުވީ، އެފްއެސްއެމްއިން އެމްޕީއެލްއަށް 119 ފަހަރު ތެޔޮ ފޯރުކޮށްދީފައިވާކަމަށް ބުނެ ލިޔެކިޔުންތަކެއް ތައްޔާރުކޮށްފައިވާކަމަށާއި، ނަމަވެސް އެއްވެސް ފަހަރު ތެޔޮ އެމްޕީއެލްއާއި ހަމައަށް ފޯރުކޮށްފައި ނުވާކަމުގެ ހެކި އެބަހުރިކަމަށް ލޫޠު ވިދާޅުވިއެވެ. އަދި އެ މުޢާމަލާތްތަކަށް ފައިސާވެސް ދައްކާފައިވާކަން ދެއްކުމަށް ލިޔެކިޔުން ތައްޔާރުކޮށްފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހިމެނޭ 5 މީހުންނަށް ދަޢުވާކުރުމަށް މިހާރު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ. މި މައްސަލާގައި ތުހުމަތުވާ 5 މީހުންނަކީވެސް ދެ ކުންފުނީގައި ތެލުގެ މުއާމަލާތްތައް ކުރުމުގެ އިސް މުވައްޒަފުންތަކެއްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގައި ހިމެނެނީ 1 ބިދޭސީއަކާއި 4 ދިވެހިންކަމަށްވާއިރު، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕަރޓްމަންޓުން ތަޙުޤީޤުކުރަމުންދާ މައްސަލަތަކާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން ފުލުހުންގެ ހެޑް އޮފް ފައިނޭންޝަލް ކްރައިމް އިންވެސްޓިގޭޝަން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫޠު ވިދާޅުވީ، މި މައްސަލައަކީ ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމް މެދުވެރިކޮށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލަށް ތެޔޮ ފޯރުކޮށްދިންކަމަށް ބުނެ ހިންގާފައިވާ ވިޔަފާރީގެ މުޢާމަލާތެއްކަމަށެވެ.

"މިކަމުގައި ހިމެނެނީ އެފްއެސްއެމްގެ 3 މުވައްޒަފުންނާއި، އެމްޕީއެލްގެ 2 މުވައްޒަފުން. މީގައި ހިމެނޭ ބިދޭސީ މީހާގެ އެކައުންޓަށް 2018-2022 ގެ ނިޔަލަށް 3 މިލިއަން ރުފިޔާ ޖަމާވި. ޖުމްލަ 6.7 މިލިއަން ރުފިޔާ މި 5 މުވައްޒަފުން ނަގާފައިވޭ." ފުލުހުން ހެޑް އޮފް ފައިނޭންޝަލް ކްރައިމް އިންވެސްޓިގޭޝަން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫޠު ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެއީ 2020 ވަނަ އަހަރުގެ ޖެނުއަރީ 1 އިން، އެ އަހަރުގެ އޮކްޓޯބަރުގެ ނިޔަލަން ހިންގާފައިވާ މުޢާމަލާތްތަކެއްކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު