މިވަގުތަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންކަމުގައި ޕާކިސްތާނުގެ އެހީތެރިކަން ދެނީ

ދިވެހިރާއްޖެއަށް މިވަގުތަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންކަމުގައި ޕާކިސްތާނުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް، ޕާކިސްތާނުގެ 8 ވަނަ ކެއާޓޭކަރ ބޮޑުވަޒީރު އަންވާރުލް ޙައްޤު ކަކަރް ދެއްވައިފިއެވެ.

މި ޔަޤީންކަން ދެއްވާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާއާ ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާގައެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އޭގެ ތެރޭގައި ރާއްޖެއިން އެންމެ އިސްކަންދޭ ކަންކަމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ބައިނަލްއަޤްވަމީ މަސްރަހުގައި ދެ ޤައުމުން އިސްކަންދޭ މައްސަލަތަކުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ 8 ވަނަ ކެއާޓޭކަރ ބޮޑުވަޒީރު ވާހަކަފުޅު ދެއްކެވިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ކުރެއްވި މަޝްވަރާގައި، އެފަދަ ކަންކަމުގައި ރާއްޖެއަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން ޕާކިސްތާނާއެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ 26 ޖުލައި 1966ގައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު