Monday, 07 October 2024

ގެދޮރިވެރިޔާ: 4000 ފްލެޓް ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އޭސީސީން ހުއްދަދީފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ދޫކުރުމަށް ނިންމި ފުރަތަމަ 4000 ފްލެޓް ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ހުއްދަ ދީފިއެވެ.

މިކަމާ ގުޅިގެން އޭސީސީން މިއަދު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފުލެޓާ ގުޅިގެން، އެ ކޮމިޝަނުން ބަލަމުންދާ މައްސަލައިގައި ފުލެޓު ދޫކުރުމާއި ގުޅޭ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް އަންގާފައިވާ އެންގުން ނިމުމަކަށް ގެނެސްފައިވާކަމަށެވެ. އަދި، ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި ފުލެޓު ދޫކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމުގައި ވަކި ކަންތައްތަކަކަށް ރިއާޔަތްކޮށްގެން ޢަމަލުކުރުމަށް މިނިސްޓްރީއަށް އަންގާފައިވާކަމަށްވެސް އޭސީސީން ވިދާޅުވެފައިވެއެވެ.

އެހެންކަމުން، އަސާސީ އުސޫލުތަކާއި ޝަރުތުތަކާ އެއްގޮތަށް ޕޮއިންޓް ދީފައިވާ ފޯމުތަކަށް ބަދަލު ނާންނާނެހެން، މައްސަލަހުރި ފޯމުތައް މުރާޖަޢާކުރުމަށް އޭސީސީން ވަނީ އަންގަވާފައެވެ. އަދި މުރާޖަޢާކުރުމުގައި، އުސޫލުގައި ސީދާ ކަނޑައެޅިގެން ވަކި ގޮތެއް ބަޔާން ނުކުރާ ކަންކަމާ މެދު ގޮތްތައް ކަނޑައެޅުމަށާއި، މުރާޖަޢާކުރުމުގައި ތަފާތުނުކޮށް އެއް މިންގަނޑަކުން އަމަލުކުރުމަށްވެސް ކޮމިޝަނުން ވަނީ އަންގަވާފައެވެ.

މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރެވިގެން، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އެންގެވުމަކާ ގުޅިގެން 4000 ފްލެޓް ޙަވާލުކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ހުއްޓާލީ މިދިޔަ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހުއެވެ. ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ހުއްޓާލުމަށް އޭސީސީން އޭރު އެންގީ ނިމިދިޔަ ސަރުކާރުން އެކަންކުރުމުގައި އުސޫލުތަކާއި ހިލާފުވެފައިވާކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް، އެ ކޮމިޝަނުގެ ސަމާލުކަމަށް އެކަން ގެނައުމުންނެވެ.

ސަރުކާރުން މީގެކުރިން ވިދާޅުވެފައި ވަނީ ފަހިދިރިއުޅުން ކޯރޕަރޭޝަނުން ހުޅުމަލޭގައި ހަދަމުންދާ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓާ ގުޅޭގޮތުން އޭަސީސީން ބަލަމުންދާ ކަންކަން ނިމޭތާ، 3 ދުވަހުގެ ތެރޭގައި އެގްރިމަންޓުގައި ސޮއިކުރަން ފަށާނެކަމަށެވެ. އެގޮތުން، މިހާރު ފްލެޓު ލިބޭ މީހުންނާއެކު އެގްރިމަންޓުގައި ސޮއިކުރުމަށް ތައްޔާރުވުމުގެ ގޮތުން އެ އެގްރިމަންޓުތައް ޕްރިންޓްކޮށް ނިމިފައިވާ ކަމަށްވެސް އެފް.ޑީ.ސީން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު