7 ފެބުރުވަރީ 2025

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުމުގެ ޙައްޤު 25324 މީހުންނަށް، 149 ކެންޑިޑޭޓުން ވާދަކުރޭ!

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ބޭފުޅުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވޯޓްލުމުގެ ޙައްޤު އެ ޕާޓީގެ 25 ހާހަށްވުރެ ގިނަ މެމްބަރުންނަށް އޮންނާނެކަމަށް އެމްޑީޕީން ހާމަކުރައްވައިފިއެވެ.

އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެ ޕާޓީގެ އިންތިހާބުތަކާބެހޭ ކޮމިޓީގެ މެމްބަރު އިބްރާހިމް ފަލާޙް ވިދާޅުވީ ޕްރިމަރީގައި 40 ދާއިރާއަކަށް 149 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށެވެ. އަދި 48 ދާއިރާއަކަށް އެންމެ ކެންޑިޑޭޓެއް ކުރިމަތިލާފައިވާތީ ޕްރައިމަރީއަކާ ނުލައި އެ ކެންޑިޑޭޓުންނަށް އެމްޑީޕީގެ ޓިކެޓު ކަށަވަރުވެފައިވާކަމަށް ފަލާޙް ވިދާޅުވިއެވެ. މީގެއިތުރުން 5 ދާއިރާއަކަށް އެ ޕާޓީގެ ޓިކެޓްގައި ވާދަކުރަން އެއްވެސް ބަޔަކު ހުށަހަޅާފައި ނުވާތީ، ޕްރައިމަރީއަށްފަހު އެކަމާމެދު ގޮތެއް ނިންމާނެކަމަށްވެސް އެމްޑީޕީން ވިދާޅުވެއެވެ.

ޕްރައިމަރީގައި ވޯޓުލުމަށް، ޖުމްލަ 122 ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ. އެގޮތުން، މާލޭގައި 27 ފޮށި ބަހައްޓާނެކަމަށާއި، 95 ރަށުގައި، ކޮންމެ ރަށެއްގައި ފޮއްޓެއް ބަހައްޓާނެކަމަށް ފަލާޙް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި، މެމްބަރުން އިންތިހާބުކުރާ 93 ދާއިރާއަށްވެސް އެމްޑީޕީން ވާދަކުރަން ވަނީ ނިންމާފައެވެ.

މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ. އެ ކޮމިޝަނުން މިހާރު ވަނީ މިމަހުގެ 14 ވަނަ ދުވަހާއި ހަމައަށް، މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު