Wednesday, 19 June 2024

އިންޑިޔާ ސިފައިން ބާލަން ބޭނުންނުވާތީ، ދިވެހި ސަރުކާރު ކޮށިއަރުވާލަން ކުރާ މަސައްކަތް

މި ދެދުވަހު ނޫސްތަކުގެ ފަލަ ސުރުޚީން ޖާގަ ހޯދީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވި ބަސްފުޅެކެވެ. އެއީ ރައީސް މުޢިއްޒުއަށް އަމާޒުކޮށް ދެއްވި އިންޒާރެކޭވެސް ބުނެވިދާނެއެވެ.

މިދިމާވެގެން އުޅެނީ ހަމަ އެންމެ މައްސަލައެކެވެ. ރާއްޖެ، އިންޑިޔާގެ ދަށުނުލެވިގެން ކުރާހާ މަސައްކަތެވެ. އެ ޤައުމުގެ ސިފައިން ނުބާލަން ދައްކާހާ ބަހަނާތަކެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު އެޤައުމުގެ އެންޑީ ޓީވީއަށް ދިން އިންޓަރވިއުއެއްގައި ވިދާޅުވެފައިވަނީ އިންތިޚާބުތަކުގައި ވަކި ގޮތަކަށް އަމަލުކުރުމަކީ ވަކި ކަމެއް ކަމަށާއި ނަމަވެސް ސަރުކާރާ ހަވާލުވުމުން ބައްދަލުވުންތަކާއި މީޑިއާތަކުގައި ވާހަކަތައް ދައްކަން ވާނީ ވިސްނުންތެރިކަމާއެކުގައި ކަމަށެވެ.

މި ބަސްފުޅަށް ނަޒަރު ހިންގާލާއިރު ފާހަގަވާ ކަމަކީ، ޖައިޝަންކަރު އެ އިޝާރާތްކުރައްވަނީ ދިވެހި ސަރުކާރުން އިންޑިއާއިން ކުރަމުން ގެންދާ ޑިމާންޑްތަކަށް އިޖާބަ ނުދީ ޕްރޯ މޯލްޑިވްސް ފޮރިން ޕޮލިސީއަށް ބިނާކޮށް، ރައީސް މުޢިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށެވެ.

ޖައިޝަންކަރު ވިދާޅުވީ، އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއާއެކު ބައްދަލުވުންތަކެއް ބޭއްވިގެން ދިޔުން ކަމަށާއި ރާއްޖެއިން މައްސަލަތަކެއް ފެންމަތިކުރާނަމަ އެކަންކަން އަޑުއަހައި ހައްލުކުރަން އިންޑިއާ އިން މަސައްކަތް ކުރާނެ ކަމުގައެވެ. ނަމަވެސް ކަން ވަނީ އެ ވިދާޅުވާ ބަސްފުޅާ މުޅިން ޚިލާފަށެވެ. ރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމަކީ ރައްޔިތުން ރުހޭ ކަމެއް ނޫން ކަމަށް ރައީސް މުޢިއްޒު ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، އެ ޤައުމުގެ ސިފައިން ރާއްޖެއިން ނުބާލައި ބީރު ކަންފަތެއް ދީގެން އިންޑިޔާ ސަރުކާރުގެ އިސްބޭފުޅުން އެ ތިއްބަވަނީ ކީއްވެތޯއެވެ؟

ޖައިޝަންކަރުގެ ނުރުހުން ރައީސް މުއިއްޒުގެ ސިޔާސތުތަކަށް އަމާޒުކުރައްވާފައިވާއިރު، ޕީޕީއެމް ޕީއެންސީ އިދިކޮޅުގައި އޮތްއިރު ހިންގި "ޢިންޑިއާ އައުޓު" ތަންފީޒު ކުރައްވާނެކަން  ރައީސް މުޢިއްޒުގެ ވާހަކަފުޅުތަކުން ދޭހަވެއެވެ. ޔަޤީންވާ ކަމަކީ އިންޑިޔާ ސިފައިން މި ޤައުމުން ފޮނުވާލުމަށް، އެމަނިކުފާނު ވެރިކަމަށް އިންތިޚާބުވެޑައިގެންނެވި ދުވަހުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމެވެ.

އެހެންނަމަވެސް އެކަންތައް ކުރާނީ ޑިޕްލޮމެސީގެ ތެރެއިން ޚާރިޖީ ގުޅުންތަކަށް ބުރު ނާރާ ގޮތަށެވެ. އެކަން އިންތިގާލީ މަރުހަލާއިން ފެށިގެން ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވައެވެ. އެމަނިކުފާނު ފަހުން ވިދާޅުވިހެން އެއީ މަގުމައްޗަށް އެއްވެގެން ކުރެވޭނެ ކަމެއް ނޫނެވެ. އާއްމު ބައެއް ރައްޔިތުން ހީކުރާ ގޮތަށް އިންޑިޔާ ސިފައިން ބާލާނީ ބޮޑު ވަލަކުން ބަނދެގެންނެއް ނޫނެވެ. ޑިޕްލޮމަސީގެ ހަމައިންނެވެ.

ޑިޕްލޮމެޓިކް އަދި ސިޔާސީ ނުތަނަވަސްކަމެއް، ރާއްޖެއާއި އިންޑިއާއާ ދެމެދު އުފެދިފައިވާ މިދަނޑިވަޅުގައި އިންޑިއާއިން މި ދިން މެސެޖާ މެދު ދެންނެވޭނީ، މިއީ ދިވެހި ސަރުކާރު ކޮށިއަރުވާލަން ދެއްވި މެސެޖެއް ކަމުގައެވެ. ދިވެހި ސަރުކާރު ހާސްކަމެއްގެ ތެރެއަށް ވައްޓާލުމަށް ދޫކޮށްލެއްވި މެސެޖެކޭވެސް ބުނެވިދާނެއެވެ.

އިންޑިޔާ ސިފައިން މިޤައުމުން ބާލަން ބޭނުން ނުވެގެން، އިންޑިޔާ ސަރުކާރުގެ އިސް ފަރާތްތަކުން މިފަދަ ވާހަކަތައް ދައްކަވަނީ ފޯކަސް ގެއްލުވާލުމަށްޓަކައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު