ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމާ މެދު ދެ ގައުމުގެ މެދުގައި ފަށާފައިވާ މަޝްވަރާތަކުގެ ދެ ވަނަ ބައްދަލުވުމަށް ދިވެހި ސަރުކާރުގެ ވަފުދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ޑިޕްލޮމެސީގެ އުސޫލުން މަސައްކަތްތައް ކުރައްވަމުން ގެންދަވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދުބާއީގައި ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންނެވި ގޮތަށް އުފައްދާފައިވާ "ހައި ލެވެލް ކޮމިޓީ" ގެ ފުރަތަމަ ބައްދަލުވުން މިދިޔަ މަހުގެ 14 ވަނަ ދުވަހު ރާއްޖޭގައި ވަނީ ބާއްވައިފައެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމާ މެދު ދެ ގައުމުގެ މެދުގައި ފަށާފައިވާ މަޝްވަރާތަކުގެ ދެ ވަނަ ބައްދަލުވުން އޮންނާނީ އިންޑިއާގައި ކަމަށް ދިވެހި ސަރުކާރުން ވަނީ މީގެ ކުރިން ހާމަކުރައްވާފައިވެއެެވެ.
ރާއްޖޭގައި ބޭއްވި ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން އެމްބެސެޑާ އެޓް ލާޖް އަލީ ނަސީރު މުހައްމަދާއި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ސެކްރެޓަރީ ހާލާ ހަމީދު އަދި އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް ޝަހީބް ބައިވެރިވެވަޑައިގެންނެވިއެވެ.
އެކަމާ ބެހޭ ކޮމިޓީގެ ދެ ވަނަ ބައްދަލުވުމަށް ދިވެހި ސަރުކާރުގެ ވަފުދެއް މިހާރު އިންޑިއާ އަށް ވަޑައިގެންފައިވާ ކަން ފޮރިން މިނިސްޓްރީން ކަށަވަރުކޮށްދެއްވިނަމަވެސް އިތުރު ތަފުސީލެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.
ރައީސް ޑރ. މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް އަންނަ މާޗު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް އެ ބައްދަލުވުމުގައި އިންޑިއާއަށް ވަނީ ހުށަހަޅައިފައެވެ.
މިކަމާ ގުޅޭ ފުރަތަމަ ބައްދަލުވުމަށް ފަހު، ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ އިންޑިއާގެ ސިފައިން ރާއްޖެ އިން ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން ދެ ގައުމުން ވެސް އެއްބަސްވާ ކަމަށެވެ.
އެކަމަކު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އިންސާނީ އެހީތެރިކަމަށާއި މެޑިކަލް ބޭނުންތަކަށް އޮޕަރޭޓްކުރާ އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓުގެ އޮޕަރޭޝަންތައް ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ ހައްލެއް ހޯދުމަށް ދެ ގައުމުން މަޝްވަރާކޮށްފައިވާ ކަމަށެވެ.